ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގުގެ ހުރިހާ ހިސާބެއް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ސަރަޙައްދީ ރޮނގަށް ޔަހޫދީ ފައުޖުން އަތްގަދަ ކޮށްފައި މި ވަނީ, 2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުންނެވެ. ޔަހޫދީ ފައުޖުން އެއްގަމު މަގުން ރަފަޙަށް އަރާފައި ވަނީ މޭ 6ވަނަ ދުވަހުއެވެ.
ރަފަޙާ މިޞްރު ގުޅޭ ސަރަޙައްދީ ރޮނގާއި, ރަފަޙްގެ ސަރަޙައްދީ ހުރަސް ޔަހޫދީ ފައުޖުގެ އަތްގަދަށް ގެންދިޔުމާ އެކު, އެއްގަމުގައި އޮތް ޣައްޒާގެ ސަރަޙައްދީ ރޮނގުގެ ހުރިހާ ސަރަޙައްދަކަށް އެ މީހުން މި ވަނީ އަތްގަދަ ކޮށްފައެވެ. ރަފަޙުގައި ތިބި މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާ ޢުދުވާން ހުއްޓައިލައި, އެ ރަށުން ފޭބުމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ އިސްރާއީލުގެ މައްޗަށް އަމުރު ކޮށްފައެވެ.
މި އަމުރު ބޮލާލާޖަހައި ޔަހޫދީ ފައުޖުން މިހާރު ދަނީ ރަފަޙަށް އިތުރު ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު ފޮނުވަމުންނެވެ. ޔަހޫދީ ފައުޖުގެ ސިފައިން އެންމެ ފުރަތަމަ އަރާފައި ވަނީ ރަފަޙުގެ ސަރަޙައްދީ ހުރަސް އޮންނަ ސަރަޙައްދަށެވެ. އަދި, އެ ރަށުގެ އިރުމަތީގައިވާ ސަރަޙައްދުތަކަށް އަތްގަދަ ކުރުމަށް ފަހު, ޔަހޫދީ ފައުޖުން މިހާރު ދަނީ އެ ރަށުގެ މެދުތެރޭގައި އޮތް ސަރަޙައްދުތަކުގައި ގަތުލުއާންމުތައް ހިންގަމުންނެވެ.
ރަފަޙުގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންނާއި އަސްކަރީ ޓޭންކުފަހަރު އެ ރަށުގެ ހުޅަނގުން އޮތް ތަލް އަލް-ސުލްޠާނާއި ޔަބަނާގެ އިތުރުން މެދުތެރޭގައި އޮންނަ ޝާބޫރަތުގައި ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި, އެ ސަރަޙައްދުތަކުގައި ތިބި ޢާންމު ރައްޔިތުންނާއި ރެފިއުޖީން ދިރިއުޅޭ ވަގުތީ ހިޔާތަކާއި ފޭލިގެތައް ހުންނަ ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައެވެ.
"ތަލް އަލް-ސުލްޠާންގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެތައް ހުރި ސަރަޙައްދަށް ޔަހޫދީ ފައުޖުގެ އަސްކަރީ ޑްރޯންތަކުން ދަނީ ޙަމަލާތައް އަމާޒު ކުރަމުން. އެ ސަރަޙައްދުގައި ތިބި ރައްޔިތުންނަށް ރައްކާތެރި އެއްވެސް ގޮތެއް މި ވަގުތަކު ނެތް،" ރަފަޙުގައި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ އިދާރާގެ ޑެޕިޔުޓީ ޑިރެކްޓަރ ހަޔިޘަމް އަލް-ހަމަޞީ ވިދާޅުވިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ވައިގެ ޙަމަލާތަކާއި އަސްކަރީ ޓޭންކުފަހަރުގެ ޙަމަލާތަކުގައި 37 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާއި, ކާބޯތަކެއްޗާއި އިންސާނީ އެހީ ވައްދަން ހުރަސް އެޅުމާ ގުޅިގެން މިލިނަޔަކަށް ވުރެ ގިނަ މީހުން ބިކަވެފައިވާ ކަމުގައި ވިދާޅުވެ, ޣައްޒާގެ ޞިއްޙަތާ ބެހޭ ވަޒީރު މާޖިދު އަބޫ ރުއްމާން ވަނީ ރަފަޙުުގެ ސަރަޙައްދީ ރޮނގު ހުޅުވައިދޭން ބާރު އެޅުމަށް އެމެރިކާއަށް ގޮވައިލައްވާފައެވެ.
ރަފަޙުގައި މި ވަގުތު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ހަމައެކަނި ހަސްފަތާލު, ޔަހޫދީ ފައުޖުގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާއި, ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމާ ގުޅިގެން ބަންދު ކުރަން މަޖުބޫރުވެފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވެސް ވަނީ ބުނެފައެވެ. އަބޫ ރުއްމާން ވިދާޅުވީ, ބޭހާއި ޞިއްޙީ ފަރުވާގެ ސާމާނު ހުސްވުމާ ގުޅިގެން ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމުގައެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,171އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 81,420އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ
މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.