ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން އަނިޔާ ލިބެމުންދާ އެތަކެއް މިލިޔަން މުސްލިމުން ސަލާމަތް ކުރަން ސުލްޙައިގެ މަހާސިންތާއެއް ބޭއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ހުށަހަޅުއްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ ޢަރަބި ޤައުމުތަކާއި ޗައިނާއާ ދެމެދު ބޭއްވި ފޯރަމުގައި ތަޤުރީރު ކުރަައްވަމުންނެވެ. ޝީ ވިދާޅުވީ, މި ފަދަ މަހާސިންތާއެއް ބޭއްވުމަށް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައެވެ.
ޣައްޒާގެ 2.3 މިލިޔަން މުސްލިމުން ތަޙައްމުލު ކުރަމުންދާ ނިކަމެތި ހާލާއި އަނިޔާވެރި ކަމުން އެ މީހުން ސަލާމަތް ކުރުމަށް ސުލްޙައިގެ ސަމިޓެއް ބާއްވަން ޝީ ގޮވައިލައްވާފައި މި ވަނީ, ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ފުޅާ ކުރުމަށް ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން މިހާރު ވަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައި, އެ ރަށާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގަށް ވެސް އަތްގަދަ ކޮށްފައެވެ.
ޝީ ވިދާޅުވީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށާއި, ފަލަސްޠީނުގެ މުސްލިމުންނަށް އިންސާފު ގާއިމުކޮށްދޭން ޖެހޭ ކަމުގައެވެ. އަދި, ޣައްޒާގައި ބިކަ ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޗައިނާއިން މަސައްކަތް ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާ އާރާސްތު ކުރުމަށް 69 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާނެ ކަން ވެސް ޝީ އިޢުލާނު ކުރެއްވިއެވެ.
މީގެ އިތުރުން, ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, ޔޫއެންއާރްޑަބްލިޔުއޭއަށް 3 މިލިޔަން އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައިވާ ކަމުގައި ވެސް ޝީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ޚަރަދު ކުރާނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކުއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކަމުގައެވެ.
ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަމާއި, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރުމަށް ގޮވައިލާ ޗައިނާއިން އަބަދު ވެސް ދަނީ އަޑު އުފުލައި ވަކާލާތު ކުރަމުންނެވެ. އަދި, ފަލަސްޠީނަށް އދގެ މެންބަރު ކަން ހޯދައިދީ, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޢަރަބި ޤައުމުތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާއިން ދަނީ ތާޢީދުކޮށް, އެއްބާރުލުން ދެމުންނެވެ.
މި ގޮތުން, ފަލަސްޠީނުގެ ދާޚިލީ ޚިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމުގައި ވެސް ޗައިނާއިން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ. ހުސްވި އޭޕްރިލް މަހު ޗައިނާއިން ވަނީ, ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތްޙް ޖަމާޢަތާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ކާމިޔާބު މަޝްވަރާތަކެއް ވިލަރެސް ކޮށްފައެެވެ. އެ މަޝްވަރާތައް ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ.
މެދުއިރުމަތީގައި ސުލްޙަ ގާއިމު ކުރަން ވެސް ޗައިނާއިން ދަނީ އިސްވެ, ގިނަ އަދި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން, މެދުއިރުމަތީގެ ދެ ބާރުގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސުލްޙަ ގާއިމުކޮށް, ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ ޗައިނާގެ އިސްނެގުމުގެ ދަށުންނެވެ. މީގެ އިތުރުން, ޢަރަބި ޤައުމުތަކަށް އިޤުތިޞާދީ ކުރިއެރުން ގެނެސްދޭން ޗައިނާއިން ދަނީ ބައެއް ޤައުމުތަކުގައި އިންވެސްޓު ކުރަމުންނެވެ.