ޚަބަރު

ކުންފުނިތައް ރިފޯމްކޮށްގެން ދައުލަތުގެ ބަޖެޓުން 5 ބިލިއަން ސަލާމަތްކުރެވޭނެ: މާލީ ވަޒީރު


  • 25އަށްވުރެ ގިނަ ކުންފުނި ރިފޯމްކުރާނެ

  • ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުކުޑަކުރުމަށް ކުންފުނިތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ފާއިތުވި 6 މަސްދުވަހު އެ ވުޒާރައިން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ، ޚަރަދުކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިމެނޭ 25 އަށްވުރެ ގިނަ ކުންފުނީގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް ދާއިމީކޮށް މާލީ ވުޒާރާގެ ފަރާތުން ރިވިއުކުރަމުންދާކަމަށެވެ. އަދި ސަބްސިޑީދޭ މިންވަރު ކުޑަކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ތެރޭގައި އެ ކުންފުނިތަކަށް އިސްލާޙީ ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އެބައޮތެވެ.

ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދައުލަތުން ޕްރައިވެޓް ސެކްޓަރއަށް 4.9 ބިލިއަން ރުފިޔާގެ ފައިސާ ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް 6.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޚަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު މިއަހަރު ދައުލަތުގެ ބަޖެޓުން މަދުވެގެން 5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަހަރުގެ ބަޖެޓް ޑެފިސިޓަކީ ގާތްގަނޑަކަށް 14 ބިލިއަން. އެކަމަކު ފައިނޭންޝަލް ރިކުއަޔަމަންޓް އެބައުޅޭ 17 ބިލިއަންގައި. މިއާއެކު އަޅުގަނޑު އުންމީދުކުރަނީ 5 ބިލިއަންވަރު މަދުވެގެން ސޭވްކުރެވޭނެކަމަށް. އިރާދަކުރެވިއްޔާ އެއަށްވުރެ ބޮޑު ޢަދަދެއް ސޭވްކުރެވޭނެ. މިހާރުވެސް ވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު އަދަދެއް ސޭވްކުރެވިފައި." މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވީއިރު 90 ދުވަހަށްވުރެ ދިގު މުއްދަތައް ފައިސާ ނުދެއްކި ހުރި ބިލްވެސް އެތައް ސަތޭކަ މިލިއަނަށް އަރާފައި ހުރިކަމަށެވެ. އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތަކީ 49 ބިލިއަނުގައި އޮތް ބަޖެޓެއް ރިފޯމް ކުރުންކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ސަރުކާރު ހަވާލުވިއިރު ޚަރަދު ހުރިގޮތައް ދާންޖެހުނުނަމަ މިއަހަރު 10 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ހުށައަލަން ޖެހުނީސްކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.