ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ ފުރަތަމަ ގުރޫޕު މިއަދުގެ ފުރާނެއެވެ.
ރާއްޖޭގެ ޙައްޖުވެރީން ސަޢުދީއަށް ފުރާނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގުރޫޕުގައި 272 ޙައްޖުވެރީން ފުރާނެއެވެ. އަދި އެމީހުންގެ އެހީތެރިންގެ ގޮތުގައި 26 މީހަކުވެސް ފުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.
ރާއްޖެއިން ޙައްޖާދާ މީހުންގެ ދެވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަހު 330 ޙައްޖުވެރީން ފުރާނެއެވެ. މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެއެވެ.
ރާއްޖެއިން ޙައްޖާދާ މީހުންގެ ތިންވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. މި ދުވަހު 316 ޙައްޖުވެރީން ފުރާނެއެވެ. މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި ފުރާނީ 23 މީހުންނެވެ.
ރާއްޖެއިން ޙައްޖަށްދާ އެންމެނެވެސް ފުރުމަށް ހަމަޖެހިފައިވަނީ އެފުރާ ދުވަހުގެ މެންދުރުފަހު 3:25ގައެވެ. ފުރަން ހަމަޖެހިފައިވަނީ ސަޢުދީއެއަރގައެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖުވެރީންގެ ކޯޓާއެވެ.
ދިވެހި ޙައްޖުވެރިން ފުރުމަށް އެއަޕޯޓަށް ދިއުމަށް ފަސޭހަ އިންތިޒާމުތަކެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ހައްޖުވެރިން އެއަރޕޯޓަށްދާނީ އެކަމަށް ކަނޑައަޅާފައިވާ ވަކި ޚާއްސަ ބަސްތަކެއްގައެވެ. ކޮންމެ ހައްކުވެރިއަކާއެކުވެސް އެބަހުގައި އެއް އެހީތެރިއަކަށް ދަތުރުކުރެވޭނެއެވެ. އަދި ހައްޖުވެރިންގެ އާއިލާތަކުގެ ބޭފުޅުންނަށްވެސް އެއަރޕޯޓަށް ދއިުމަށް ބަސްތަކެއްވަނީ ޚާއްސަކޮށްފައެވެ. އެގޮތުން ޙައްޖުވެރީން ގޮވައިގެން މާލޭގެ 6 ސަރަހައްދަކުން އެއަރޕޯޓަށް ދަތުރުކުރާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 6 ސަރަހައްދެއް އަދި ދެވަނަ ފިޔަވަހީގެ 8 ސަރަހައްދަކަށް ބަސް ހުއްޓާނެއެވެ.
އަދި މި ސަރަހައްދުތަކަށް 10:30އިން ފެށިގެން ބަސް ދާން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ބަސް އައުމުގެ 15 މިނެޓު ކުރިން އެތަނުގައި ގޮސްހުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެއަރޕޯޓަށް ދިއުމަށް ޙައްޖުވެރީންނަށާއި ޙައްޖުވެރީންގެ ޢާއިލާތަކަށް އެހީވުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ވުޒާރާގެ މުވައްޒަފުންނާއި ކެޑޭޓުންނާއި ގާލް ގައިޑުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
މިއަހަރު ރާއްޖޭގެ ޙައްޖުވެރީންގެ ގޮތުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ 50 މީހަކު ހިމެނެއެވެ. މިއީ ފަގީރުންގެ ތެރެއިން 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިއަހަރު ފުރާ 50 ޙައްޖުވެރީންނެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.