އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ރިޝްވަތު ދިނުމާއި, ޚިޔާނާތް ފޮރުވަން މަސައްކަތް ކުރެއްވުމުގެ ދަޢުވާ ސާބިތުވެއްޖެއެވެ. މިއީ, އެމެރިކާގައި ރައީސް ކަމުގެ މަޤާމު ފުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ކުށެއްގެ ދަޢުވާ ސާބިތުވި ފުރަތަމަ ފަހަރެވެ. މިއާ އެކު, މި އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
ޓްރަމްޕްގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ, އޮރިޔާންކާޑު އުފައްދާ އަންހެނެއް ކަމުގައިވާ ސްޓޯމީ ޑެނިޔެލްސަށް ރިޝްވަތު ދިނުމާއި, އެ މުޢާމަލާތް ސިއްރު ކުރުމަށް ވިޔަފާރީގެ ލިިޔެކިޔުންތައް އޮޅުވައިލުމާ ގުޅޭ ދަޢުވާތަކެކެވެ. އެ މުޢާމަލާތް ހިންގާފައި ވަނީ 2016ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ޑެނިޔެލްސަށް ޓްރަމްޕް ރިޝްވަތު ދެއްވާފައި ވަނީ ރިޔާސީ ރޭހުގައި ކުރިއެރުން ހޯދުމަށް, އޭނާއާ ގުޅޭ މަޢުލޫމާތުތަކެއް ސިއްރު ކުރުމުގެ ބޭނުމުގައެވެ.
މި މައްސަލައާ ގުޅޭ 34 ދަޢުވާއެއް ޓްރަމްޕުގެ މައްޗަށް އުފުލިއެވެ. ނިއު ޔޯކް ސިޓީގެ ކޯޓެއްގައި ހިނގި ޝަރީޢަތް ހަތް ހަފުތާއަށް ދެމިގެން ދިޔައިރު, ޓްރަމްޕްގެ މައްޗަށް އެ 34 ދަޢުވާ ސާބިތުވާ ކަމަށް ޝަރީޢަތުގެ ޖޫރީން ވަނީ ނިންމާފައެވެ. 24 ވަރަކަށް ހެކިންގެ ހެކި ބަހާ އެކު ކުރިއަށްދިޔަ ޝަރީޢަތުގައި ހުކުމް ކޮށްފައި ވަނީ ދެ ދުވަހުގެ މަޝްވަރާއަށް ފަހުއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީސް ޖޯ ބައިޑަނާ ވާދަ ކުރައްވަން ހަމަޖެހިފައިވާ ޓްރަމްޕް ވަނީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހުރިހާ ދަޢުވާއަކަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް, ހުކުމާ އެކު އޭނާގެ މައްޗަށް ސާބިތުވި ކޮންމެ ދަޢުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް ބެލެވެއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ޓްރަމްޕަށް ޖަލުގައި އެންމެ ދުވަހެއް ވެސް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. ނަމަވެސް, ޕްރޮބޭޝަން ނުވަތަ އިޖުތިމާޢީ ޚިދުމަތުގެ ހުކުމަކާ އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ. ޓްރަމްޕްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަޖިލިސް އޮންނާނީ ޖުލައި 11ވަނަ ދުވަހުއެވެ.
ޓްރަމްޕާ ދެކޮޅަށް ޖިނާޢީ ކުށެއް ސާބިތުވާ ކަމަށް ހުކުމް ކޮށްފައި މި ވަނީ އޭނާގެ ރިޕަބްލިކަން ޕާޓީގެ ޤައުމީ މަޖިލިސް ބާއްވަން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ވިސްކޮންސިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަންގައި ޓްރަމްޕަކީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަން ރަސްމީކޮށް ކަނޑައެޅުމަށް އޮތީ ނިންމާފައެވެ.
"މިިއީ އޮޅުވައިލާފައިވާ ވަރަށް ލަދުވެތި ޝަރީޢަތެއް. ޙަޤީޤީ ހުކުމް އިއްވާނީ ނޮވެންބަރު 5ވަނަ ދުވަހު [އެމެރިކާގެ] ރައްޔިތުން. އެ ދުވަހު ވާނެ ގޮތް އެންމެންނަށް ވެސް އެނގޭނެ،" ހުކުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި ޓްރަމްޕް ވިދާޅުވިއެވެ. ހުކުމް އިސްތިޢުނާފު ކުރައްވާނެ ކަން ވެސް ޓްރަމްޕް އިޢުލާނު ކުރެއްވިއެވެ. "ޤާނޫނު އަސާސީއަށް ޓަކައި އަޅުގަނޑުމެން ހަނގުރާމަ ކުރާނަން. މިއީ އެހާ ފަސޭހައިން ނިމޭނެ ކަމެއް ނޫން. އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މި ހުކުމާ އެކު ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާ ޢާންމުންގެ ތެރެއިން ޓްރަމްޕަށް ތާޢީދު ކުރާ ގިނަ ބަޔެއްގެ ތާޢީދު ގެއްލިގެންދާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި, މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ރައްޔިތުންގެ ތާޢީދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމުގައެވެ. 12 މެންބަރުންގެ ޖޫރީއަކުން ޖިނާޢީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތު ކުރުމުން, އޭނާއަށް ތާޢީދުކޮށް ވޯޓުލާން ގިނަ ބަޔަކު ފަސްޖެހޭނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.