ޚަބަރު

އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާއަށް ޙަމަލާ ދޭން ހުއްދަ ދީފި


ޔޫކްރެއިންގެ މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ކުރަމުންދާ ހަނގުރާމައަށް އެހީތެރިވާން އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ބާރުގަދަ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގެ ހުއްދަ އެމެރިކާއިން ޔޫކްރެއިނަށް ދީފިއެވެ. އެމެރިކާގެ މި ނިންމުމާ އެކު މަސްރަޙު ވަރަށް ބޮޑަށް ހޫނުވާނެ ކަމަށް ބެލެވެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ, ނޭޓޯގެ ހަންފެތުރުމުގެ ސަބަބުން އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވަމުންދާ ކަމަށް ބުނެއެވެ. ޔޫކްރެއިނަކީ ޕްރޮކްސީއެއްގެ ގޮތުގައި ބޭނުންކޮށް, އެމެރިކާއިން ދަނީ މި ހަނގުރާމައިގައި ބައިވެރިވަމުންނެވެ. އަދި, ޔޫކްރެއިންގެ ރަށްތައް ދިފާޢު ކުރަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދެމުންނެވެ.

އެއިން އެއްވެސް ހަތިޔާރެއް ބޭނުން ކޮށްގެން ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުން ޔޫކްރެއިނަށް ކުރިން އޮތީ މަނާކޮށްފައެވެ. ނަމަވެސް, އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ވަނީ އެ ސިޔާސަތު ބަދަލު ކުރައްވާފައެވެ. ނަން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލުންތަކެއް ބުނީ, ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ހަރްކިވްގައި ހަރަކާތްތެރިވާ ޔޫކްރެއިންގެ ފައުޖުތަކަށް, އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ސަރަޙައްދުތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ބައިޑަން ދެއްވާފައިވާ ކަމުގައެވެ.

އެމެރިކާގެ ސިޔާސަތު ބަދަލުކޮށްފައި މި ވަނީ, ފަރަންސޭސިވިލާތާއި ވިލާތުގެ ބައެއް އެހެން ޤައުމުތަކުން ވެސް, މި ފަދަ ނިންމުމެއް ނިންމާނެ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފަރަންސޭސިވިލާތުން ވެސް ބުނީ އެ ޤައުމުން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކުގައި އޮންނަ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ވިސްނަމުންދާ ކަމުގައެވެ. ޖަރުމަނުވިލާތުން ވެސް ވަނީ މި ކަމަށް ތާޢީދު ކޮށްފައެވެ.

"ޔޫކްރެއިންގެ ހަރްކިވަށް ޙަމަލާ ދެމުންދާ ރަޝިޔާގެ ފައުޖުތަކަށް ރައްދު ޙަމަލާ ދޭން އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ރައީސް [ބައިޑަން] ދާދި ފަހުން ވަނީ އޭނާގެ ޓީމަށް އިރުޝާދު ދެއްވާފައި. ބޭނުމަކީ ޔޫކްރެއިނަށް ޙަމަލާ ދެމުންދާ, އަދި ޙަމަލާ ދިނުމަށް ތައްޔާރުވަމުންދާ ރަޝިޔާގެ ސިފައިން ހުއްޓުވުން،" އޭއެފްޕީއާއި ދަ އެސޯސިއޭޓެޑް ޕްރެސަށް މަޢުލޫމާތު ދިން ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

ބައިޑަން މި ގޮތަށް ނިންމަވާފައި މި ވަނީ, ހުޅަނގުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމާ ދެކޮޅަށް އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ޕުޓިން ވިދާޅުވީ, ހުޅަނގުން ފޮނުވާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާދީފި ނަމަ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައެވެ. އަދި, ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އޮތް ކަމުގައެވެ.

ރަޝިޔާއަށް ޙަމަލާ ދޭން އެމެރިކާއިން ފޮނުވާ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ދޭން ނިންމާފައި މި ވަނީ, ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެ ކަމަށް އެދިވަޑައިގަންނަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ. ޒެލެންސްކީ ބޭނުން ވަނީ ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދޭން އެމެރިކާއިން ފޮނުވަމުންދާ ދުރު ރާސްތާގެ މިސައިލްތައް ބޭނުން ކުރާށެވެ.

ޔޫކްރެއިންގެ ފައުޖުތަކަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. ދާދި ފަހުން އެ ޤައުމުން ވަނީ ޔޫކްރެއިނަށް 61 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޮނުވަން ފާސް ކޮށްފައެވެ. އެ ޤައުމުން ފޮނުވާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ދިނުމަށް ބައިޑަން ނިންމަވާފައި މި ވަނީ, ނޭޓޯއިން ވެސް އެ ފަދަ ނިންމުމެއް ނިންމަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގ ވަނީ އެ ފަދަ އިޝާރާތެއް ދެއްވާފައެވެ.

އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދަ އެމެރިކާއިން ދީފައިވީ ނަމަވެސް, އެ ޙަމަލާތަކުގައި ދުރު ރާސްތާ މިސައިލް ބޭނުން ކުރުމަށް ހުއްދަ ދީފައެއް ނުވެއެވެ. ޚާއްޞަކޮށް, 300 ކިލޯމީޓަރު ދުރުގައި އޮންނަ އަމާޒުތަކަށް ޙަމަލާ ދޭން ބޭނުން ކުރެވިދާނެ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއިން ޔޫކްރެއިނަށް ދީފައި ނުވާ ކަމުގައި ނަން ހާމަ ކޮށްފައިވާ ނުވާ އެމެރިކާގެ އޮފިޝަލުން ބުންޏެވެ.