ޚަބަރު

"ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލުމުން ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރު"


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމުން, ޔަހޫދީންނާ އެކު ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރަށް އޮތް ކަން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. ޙަމާސުން ބުނީ ޢުދުވާންތައް ހުއްޓައިލުމުން, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރަން ތައްޔާރަށް އޮތް ކަމުގައެވެ.

ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރު ގުޅިގެންނެވެ. ނަމަވެސް, މި ވަގުތު އެ މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ. ޙަމާސުން ބުނީ, ޔަހޫދީންނާ އެކު އިތުރު މަޝްވަރާތައް ބާއްވާނީ ޣައްޒާއަށް ބޮންއެޅުމާއި, އެ ސަހަރުގެ ޢާންމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓައިލުމުން ކަމުގައެވެ.

ޔަހޫދީންނާ އެކު ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރަށް އޮތް ކަން ޙަމާސުން ހާމަކޮށްފައި މި ވަނީ, ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ފުޅާ ކުރަން ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ރަފަޙުގައި ތިބި މިލިޔަނަކަށް ވުރެ ގިނަ ރެފިއުޖީންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓައިލުމަށް ފަހު އެ ރަށުން ފޭބުމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ޔަހޫދީންގެ މައްޗަށް އަމުރު ކޮށްފައިވާ ވަގުތެއްގައެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނާއި, ޣައްޒާގެ ފުރަބަންދާއި, [ފަލަސްޠީނުގެ ރައްޔިތުން] ގަސްދުގައި ހައިހޫނުގައި ޖެއްސުމާއި, އެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓައިނުލަނީސް ޙަމާސާއި ފަލަސްޠީނުގެ ފެކްޝަންތަކުން ޔަހޫދީންނާ އެކު އެއްވެސް މަޝްވަރާއެއް ނުބާއްވާނެ،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ޖަމާޢަތުން ވަނީ މި ކަން މިޞްރާއި ޤަޠަރުގެ އޮފިޝަލުންނާ ހިއްސާ ކޮށްފައެވެ. އަދި, ޔަހޫދީންގެ ޢުދުވާން ހުއްޓައިލުމުން, އެ މީހުންނާ އެކު ފުރިހަމަ އެއްބަސްވުމެއް އެކުލަވައިލަން ތައްޔާރަށް އޮތް ކަން ވެސް އެ ފަރާތްތަކަށް އަންގާފައެވެ. އަދި, އެކުލަވައިލެވޭ އެއްބަސްވުމެއްގެ ދަށުން, އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރަން ތައްޔާރަށް އޮތް ކަމުގައި ވެސް ޙަމާސުން ބުންޏެވެ.

ނަމަވެސް, ޙަމާސްގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތް ނައްތައިލުމަކީ ޔަހޫދީންގެ އެންމެ ބޮޑު އަމާޒެވެ. އަދި, ޣައްޒާގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިން ޝަހީދު ކުރަމުން ދަނީ ޙަމާސް ނައްތައިލުމުގެ ނަމުގައެވެ. ރަފަޙުގައި މިހާރު ހިންގަމުންދާ ޢުދުވާނަކީ ޙަމާސްގެ މުޖާހިދުންނާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނެއް ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް, ފުރާނަ ނަގައިލަމުން ދަނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ތެރެއިން އަންހެނުންނާއި މައުސޫމު ކުޑަކުދިންގެއެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,284އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 82,057އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.