ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ އައު ހުށަހެޅުމަކަށް ޔަހޫދީން އާނބަސް ބުނެފައިވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވަމުން ބައިޑަން ވަނީ, އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޢުދުވާން ހުއްޓައިލުމާ ގުޅޭ ފުރިހަމަ މަގުޗާޓެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ޔަހޫދީން ހުށަހަޅާފައިވާ މަގުޗާޓަކީ ތިން މަރުޙަލާއަކަށް ބިނާ ކޮށްފައިވާ މަގުޗާޓެއް ކަމުގައި ބައިޑަން ވިދާޅުވިއެވެ. މިގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންގެ އެ ސަރަޙައްދުތަކުން ފޭބުމެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހުދީ އަސީރުންގެ ތެރެއިން ބައެއް މީހުން, މަގުޗާޓުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި, އޭގެ ބަދަލުގައި, ޔަހޫދީ ފައުޖުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދޫކޮށްލަން ޖެހޭނެއެވެ. އަދި, އެއްވެސް ހުރަހަކާ ނުލައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ފަހިކޮށްދޭން ޖެހޭނެއެވެ.
ޙަމާސުން ރަހީނުކޮށްފައިވާ އަސީރުންގެ ތެރެއިން ބާކީ ތިބި ހުރިހާ މީހުން މަގުޗާޓުގެ ދެވަނަ މަރުޙަލާގެ ދަށުން މިނިވަން ކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި, ޙަމާސުން ހައްޔަރު ކޮށްފައިވާ ޔަހޫދީ ސިފައިން ވެސް ހިމެނޭނެއެވެ. އަދި, ޔަހޫދީ ފައުޖުން ޣައްޒާގެ ރަށްތަކުން ފައިބައި, ޢުދުވާންތައް މުޅިން ހުއްޓައިލާނެއެވެ. ތިންވަނަ މަރުޙަލާގެ ދަށުން, މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަމާސުން ޔަހޫދީންނާ ހަވާލު ކުރާނެއެވެ. އަދި, ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެ މަރުޙަލާގައެވެ.
ޣައްޒާގެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. ބައިޑަން ވިދާޅުވީ, އައު މަގުޗާޓު ޤަޠަރުން ޙަމާސްގެ އިސްވެރިންނަށް ހުށަހަޅާފައިވާ ކަމުގައެވެ. އަދި, ޙަމާސުން ވަނީ ބައިޑަންގެ ވާހަކަފުޅުތަކަށް މަރުޙަބާ ކިޔާފައެވެ.
ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ޢުދުވާން ހުއްޓައިލައި, [އިސްރާއީލުގެ] އިސްތިޢުމާރީ ސިފައިން ޣައްޒާއިން ފައިބައި, އާރާސްތު ކުރުމުގެ މަސައްކަތް ފަށައި, އަސީރުން ބަދަލު ކުރުމަށް" ބައިޑަން ގޮވައިލައްވާފައިވާ ގޮވައިލެއްވުމަށް މަރުޙަބާ ކިޔާ ކަމުގައެވެ. މަގުޗާޓަށް ރަނގަޅު އަދި ބިނާކުރަނިވި ޖަވާބެއް ދޭނެ ކަމުގައިވެސް ޙަމާސުން ބުންޏެެވެ.
ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ޙަމަލާތައް ބަދަލު ކުރުން ހުއްޓައިލުމާ ގުޅޭ މަގުޗާޓެއް ބައިޑަން އިޢުލާނު ކުރައްވާފައި މި ވަނީ, ރަފަޙުގައި ތިބި ފަލަސްޠީނުގެ މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ބާރު އަޅަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,284އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 82,057އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.