ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުމާ ގުޅޭ މަގުޗާޓަށް ޙަމާސާއި ޔަހޫދީން ރައްދު ދީފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ މަގުޗާޓަކަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވުމާ ގުޅިގެން ޔަހޫދީންނާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އެ ކަމަށް ރައްދު ދީފިއެވެ. މި ކަމަށް ޔަހޫދީން ދީފައި ވަނީ އުންމީދީ ޖަވާބެއް ނޫނެވެ.

ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތް ނައްތައިލެވުމުގެ ކުރިން ހަނގުރާމަ ހުއްޓައިނުލާނެ ކަމުގައެވެ. އަދި, ޣައްޒާގެ ވެރިކަމުން ޙަމާސް ދުރުކުރުމަކީ މިހާރު ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ މައިގަނޑު އަމާޒު ކަމުގައެވެ. ނަމަވެސް, ބައިޑަން ވިދާޅުވީ ޢުދުވާންތައް ހުއްޓައިލަން އެކުލަވައިލާފައިވާ މަގުޗާޓަށް ޔަހޫދީން އާނބަސް ބުނެފައިވާ ކަމުގައެވެ.

ޖައްބާރު ނަތަންޔާހޫގެ އޮފީހުން ބުނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދަން އޭނާ އަންގާފައިވާ ކަމުގައެވެ. ނަމަވެސް, ޙަމާސް ޖަމާޢަތް ނައްތައިލުމުގެ އަމާޒު ހާސިލުވުމުގެ ކުރިން ހަނގުރާމަ ހުއްޓައިނުލާނެ ކަމުގައި ވެސް އޭނާގެ އޮފީހުން ބުންޏެވެ. "އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް, އޭގެ މަރުޙަލާތައް ދެމިގެންދާ ގޮތުން އިސްރާއީލަށް އެ އަމާޒު ހާސިލު ކުރެވޭނެ،" ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.

ބައިޑަންގެ ހުށަހެޅުމަށް ޙަމާސުން ދީފައި ވަނީ ވަރަށް ބިނާކުރަނިވި އަދި އުންމީދީ ރައްދެކެވެ. "[ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ދާއިމީ ގޮތެއްގައި ހުއްޓުވައި, އެ މީހުން ޣައްޒާއިން ބާލައި, ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތް ފަށައި, ޣައްޒާގެ ރައްޔިތުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިޔުމުގެ ފުރުޞަތު ހޯދައިދޭން ޙަމާސުން އޮތީ ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރަން ތައްޔާރަށް،" އެ ޖަމާޢަތުން ބުންޏެވެ.

ޔަހޫދީން ހުށަހަޅާފައިވާ މަގުޗާޓަކީ ތިން މަރުޙަލާއަކަށް ބިނާ ކޮށްފައިވާ މަގުޗާޓެއް ކަމުގައި ބައިޑަން ވިދާޅުވިއެވެ. މިގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންގެ އެ ސަރަޙައްދުތަކުން ފޭބުމެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހުދީ އަސީރުންގެ ތެރެއިން ބައެއް މީހުން, މަގުޗާޓުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި, އޭގެ ބަދަލުގައި, ޔަހޫދީ ފައުޖުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދޫކޮށްލަން ޖެހޭނެއެވެ. އަދި, އެއްވެސް ހުރަހަކާ ނުލައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ފަހިކޮށްދޭން ޖެހޭނެއެވެ.

"މިއީ ހަނގުރާމަ ހުއްޓައިލުމުގެ ވަގުތު. މި ކަމުގައި އިތުރު ވަގުތު ނަގައިލެވޭކަށް ނެތް،" ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވިއެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,284އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 82,057އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.