އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލި 33 މީހުން މަރުވެއްޖެއެވެ. އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ހޫނުގެ ތޫފާނުގައި 33 މީހުން މަރުވެފައި ވަނީ ބިހާރާއި, އުތާރް ޕްރަދޭޝް އަދި އޮޅިއްސާގައެވެ. މަރުވި މީހުންގެ ތެރޭގައި އިންޑިޔާގައި މިހާރު ކުރިއަށްދާ ޢާންމު އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހުން ވެސް ހިމެނެއެވެ.
އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ފިނިހޫނުމިން އެންމެ މައްޗަށް އުފުލިފައިވާ ވެރިރަށް ނިއު ދިއްލީގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 52.9 ޑިގްރީ ސެލްސިއެސްގައި ކަމުގައެވެ. ހޫނުގެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އެ ޤައުމުގެ އިރުމަތީގެ ސަރަޙައްދުތަކަށެވެ. އެ ޤައުމުގެ އިރުއުތުރާއި މެދުތެރޭގެ ހިސާބުތަކުގައި ފިނިހޫނުމިން ޢާންމު އެވަރެޖަށްވުރެ 4.5އާއި 6.4 ޑިގްރީ ސެލްސިއެސާ ދެމެދު މިންވަރަކަށް އުފުލިފައިވީ ނަމަވެސް, ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުތަކުގެ ފިނިހޫނުމިން ދަށްވަމުންދާނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ހޫނުގަދަވެ, ހީޓްސްޓްރޯކް ޖެހިގެން މަރުވި 33 މީހުންގެ ތެރެއިން 14 މީހަކު މަރުވެފައި ވަނީ ބިހާރް ސްޓޭޓުންނެވެ. އޭގެ ތެރޭގައި, އިންޑިޔާގެ ޢާންމު އިންތިޚާބުގެ ހަތްވަނަ މަރުޙަލާގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 10 މީހުން ހިމެނެއެވެ. އަދި, އިންޑިޔާގެ އެންމެ އާބާދީ ބޮޑު އުތާރް ޕްރަދޭޝުން ނުވަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ކަންކަމުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ އޮފިސަރެއް ވެސް ހިމެނެއެވެ.
"އޭގެ ތެރެއިން ގިނަ މީހުން ވަނީ ހުން ގަދަވެފައި. އެއީ ހީޓްސްޓްރޯކްގެ ސަބަބުން ކަމަށް ބެލެވޭ. މި ވަގުތު ވެސް ހީޓްސްޓްރޯކާ ގުޅިގެން 23 މީހަކަށް މި ދަނީ ފަރުވާ ދެމުން،" ހޫނުގަދަވުމާ ގުޅިގެން އެޑްމިޓު ކޮށްފައިވާ ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާ ދެމުންދާ މެޑިކަލް ކޮލެޖެއްގެ ޕްރިންސިޕަލް އާރްބީ ކަމާލް ވިދާޅުވިއެވެ.
އަދި, އޮޅިއްސާގެ ރޫރްކިލާއިން 10 މީހުން މަރުވި ކަމުގައި އެ ސްޓޭޓްގެ ސަރުކާރު ހަސްފަތާލުން ހާމަކުރިއެވެ. މި ކަމާ ގުޅިގެން, ސްޓޭޓްގެ ސަރުކާރުން ވަނީ އެންމެ އަވިގަދަ ވަގުތުތަކުގައި މަގުތަކަށް ނިކުމެ ނޫޅުމަށް ޢާންމުންނަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން, ބިހާރާ އިންވެގެން އޮންނަ ޖާރްކަންދުން ވެސް ތިން މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުންޏެވެ. ހޫނުގަދަވުމާ ގުޅިގެން, ނިއު ދެއްލީގެ ހައިވާނުބަގީޗާގައި ގެންގުޅޭ ޖަނަވާރުތަކުގެ ފުރާނައަށް ވެސް ވަނީ ނުރައްކާވެފައެވެ.
އިންޑިޔާގެ ޢާންމު އިންތިޚާބުގެ އެންމެ ފަހު މަރުޙަލާގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ޖޫން 1ވަނަ ދުވަހުއެވެ. އަދި, ޖޫން 4ވަނަ ދުވަހު ވޯޓު ގުނަން ފަށާނެއެވެ. ހޫނުގެ ތޫފާނާ ގުޅިގެން އިންތިޚާބުގެ ވޯޓުލުމަށް އަސަރު ކޮށްފައިވާއިރު, އެ ޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ދާދި ފަހުން ވަނީ ބާރުގަދަ ތޫފާނެއް ކަމުގައިވާ ރިމާލްގެ ނުރައްކަލާ ކުރިމަތިވެފައެވެ. އެ ތޫފާނާ ގުޅިގެން އިންޑިޔާގެ މިޒޫރަމް ސްޓޭޓުން މަރުވި މީހުންގެ ޢަދަދު ވަނީ 27އަށް އުފުލިފައެވެ.
އިންޑިޔާގެ އިތުރުން އޭޝިޔާގެ އެކި ސަރަޙައްދުތަކުގައި ފިިނިހޫނުމިން ދަނީ އާދަޔާ ޚިލާފަށް އުފުލެމުންނެވެ. މޫސުމީ މާހިރުން ބުނީ މިއީ އިންސާނުންގެ ނޭދެވޭ އަސަރުތަކާ ގުޅިގެން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނަތީޖާ ކަމުގައެވެ. މި ގޮތުން, އިންޑިޔާއާ އިންވެގެން އޮތް ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ވެސް ފިނިހޫނުމިން ވަނީ އުފުލިފައެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 52.2 ޑިގްރީ ސެލްސިއެސްގައެވެ.
ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރު ކުރާ ޤައުމުތަކުގެ ލިސްޓުގައި ތިންވަނައަށް އޮތީ އިންޑިޔާއެވެ. ނަމަވެސް, 2070ވަނަ އަހަރު ކުރިން އެ ކަން ބަދަލުކޮށް, ނެޓް ޒީރޯ ހާސިލު ކުރުމަށް އިންޑިޔާއިން ވަނީ އަޒުމު ކަނޑައަޅާފައެވެ. މިޒޫރަމް ސްޓޭޓްގެ އިތުރުން މަނިޕޫރާއި އަސަމް ސްޓޭޓަށް ވެސް ތޫފާން ރިމާލްގެ އަސަރު ކޮށްފައިވެއެވެ. އިންޑިޔާގެ ދެކުނުން އޮތް ކެރަލާ ސްޓޭޓަށް ވިއްސާރަ މޫސުން ފެށިފައިވާ ކަމުގައި ވެސް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.