ޚަބަރު

ތިން ދަހަރަށްފަހު މަންޑޭލާގެ އޭއެންސީއަށް އޮތް ތާޢީދު ފަނޑު ވަނީ


ފާއިތުވި ތިން ދަހަރު ދެކުނު އެފްރިކާގައި ވެރިކަން ކުރަމުންދިޔަ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ)އަށް ޢާންމު އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެއެވެ. އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ނަސްލީ ތަފާތު ކުރުންތައް ނަތައިލުމަށާއި, އިންސާފާއި ހަމަހަމަ ކަމަށް ތާޢީދުކޮށް އަދި އަޕާތީޑާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ޕާޓީއަށް އޮތް ތާޢީދު ފަނޑުވަމުންދާ މަންޒަރެވެ.

ދެކުނު އެފްރިކާގެ ޢާންމު އިންތިޚާބުގެ ވޯޓު ގުުުނުމުގެ މަސައްކަތް ކުރަމުންދާއިރު, މިހާތަނަށް އިޢުލާނު ކޮށްފައިވާ ނަތީޖާއިން ފެންނަނީ އޭއެންސީއަށް އޮތް ތާޢީދު ގެއްލިފައިވާ މަންޒަރެވެ. މި ގޮތުން, 2019ވަނަ އަހަރުގެ އިންތިޚާބުގައި 57.5 އިންސައްތަ ވޯޓު ކަށަވަރު ކުރި އޭއެންސީއަށް މި އަހަރުގެ އިންތިޚާބުގައި މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ 40.21 އިންސައްތަ ތާޢީދެވެ. މިއާ އެކު, ފާއިތުވި ތިން ދަހަރު ކޯލިޝަނަކާ ނުލައި ވެރިކަން ކުރި އޭއެންސީއަށް މި ވަނީ އައު ޙަޤީޤަތަކާ ކުރިމަތިލާން ޖެހިފައެވެ.

ދެކުނު އެފްރިކާގެ ރައްޔިތުން މި އިންތިޚާބުގައި ވޯޓުލާން ނިކުމެފައި ވަނީ ގިނަ ކަންބޮޑުވުންތަކަކާ އެކުގައެވެ. އޭގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވުމާއި, ތަފާތު ކުރުން އިތުރުވެ ހަމަހަމަ ކަން ގެއްލުމާއި, ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ނުލިބުން އެ މީހުންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެއެވެ.

އޭއެންސީގެ ޗެއަރޕަރސަން ތިއޭޑެ މަންތާސީ ވިދާޅުވީ, ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން އެ ޕާޓީއަށް, އިދިކޮޅު ހުރިހާ ޕާޓީއަކާ ވެސް މަޝްވަރާ ކުރުމުގެ ފުރުޞަތު އޮތް ކަމުގައެވެ. ނަމަވެސް, ވަކި ޕާޓީއަކާ އެކު މަޝްވަރާތައް ފަށާފައިވާ ކަން, ނުވަތަ ފެށުމަށް ތައްޔާރުވަމުންދާ ކަން އޭނާ ހާމަކޮށްދެއްވާފައެއް ނުވެއެވެ.

ދެކުނު އެފްރިކާގެ ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ ޖޫން 2ވަނަ ދުވަހު އިޢުލާނު ކުރާނެ ކަމަށް ބެލެވެއެވެ. މިހާތަނަށް އިޢުލާނު ކޮށްފައިވާ ނަތީޖާއިން އޭއެންސީ ކުރީގައި އޮތް ނަމަވެސް, އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން, މައި އިދިކޮޅު ޕާޓީ, ޑިމޮކްރެޓިކް އެލަޔަންސް (އޭޑީ)ން ވަނީ 21.80 އިންސައްތަ ވޯޓު ކާމިޔާބު ކޮށްފައެވެ.

އަދި, ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޔާކޮބް ޒޫމާ އުފައްދަވާފައިވާ އައު ޕާޓީ, އިމްކޮންޓޫ ވެ ސިސްވޭ (އެމްކޭ) ޕާޓީން ވެސް ވަނީ 14.60 އިންސައްތަ ވޯޓު ހޯދާފައެވެ. އަދި, އިކޮނޮމިކް ފްރީޑަމް ފައިޓަރސް (އީއެފްއެފު)ން ވަނީ 9.48 އިންސައްތަ ތާޢީދު ހޯދާފައެވެ. އީއެފްއެފަކީ އޭންއެންސީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ވެރިޔާ ޔޫލިޔެސް މޯލީމާ އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވީ އޭއެންސީއަށް އޮތް ތާޢީދު 50 އިންސައްތައަށް ވުރެ ދަށް ކުރުން, އަދި, އެ ޕާޓީ މައިތިރި ކުރުން. އެ އަމާޒު ހާސިލުވެއްޖެ. އަޅުގަނޑުމެން އައު ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން އޭއެންސީއާ މަޝްވަރާ ކުރާނަން،" މޯލީމާ ވިދާޅުވިއެވެ. އޭނާގެ އީއެފްއެފުން އޭއެންސީއާ ގުޅުނު ނަމަވެސް, އިތުރު ޕާޓީއެއްގެ ބައިވެރިވުމާ ނުލައި ގުޅިފައިވާ ސަރުކާރެއް އެކުލަވައިލެވޭނެ ކަމަކަށް ނުބެލެވެއެވެ.

އިންތިޚާބުގައި އޭއެންސީއަށް އޮތް ތާޢީދު ފަނޑުވި ނަމަވެސް, ރައީސް ސައިރިލް ރަމަފޯސާއަށް ވެރިކަން ގެއްލޭނެ ކަމަކަށް ނުބެލެވެއެވެ. އެއް ސަބަބަކީ, އެހެން ޕާޓީތަކަށް ލިބުނު ތާޢީދާ އަޅައިބަލާއިރު އޭއެންސީން ދެގުނަ އިތުރަށް ވޯޓު ކާމިޔާބު ކުރުމެވެ. ނަމަވެސް, ތާޢީދު ފަނޑުވުމާ އެކު, ވެރިން ދޫކޮށްލައްވަން އިދިކޮޅު ޕާޓީތަކުން ރަމަފޯސާއަށް ގޮވައިލާނެ ކަމަށް ބެލެވެއެވެ. އޭއެންސީގެ ފަރސް ޑެޕިޔުޓީ ސެކްރެޓަރީ-ޖެނެރަލް ނޮވުލަ މުކުންޔޯނެ ވިދާޅުވީ, ރަމަފޯސާ ވެރިކަމުގައި ދެމި ހުންނަވަން ޕާޓީގެ ގިނަ އިސް ވެރިން ބޭނުންފުޅުވާ ކަމުގައެވެ.