ޚަބަރު

އެމެރިކާގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން ގޮވައިލާ އަޑުތައް ގަދަވަނީ


އެމެރިކާގެ ސަރުކާރާއި ޝަރުޢީ ދާއިރާއާ ދެކޮޅަށް މުޒާހަރާކޮށް, ހަމަނުޖެހުން ހިންގަން އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާޢީދު ކުރާ މީހުން ގޮވައިލަން ފަށައިފިއެވެ. އަނިޔާވެރި އަމަލުތައް ހިނގައި, ބަދަލުހިފުމަށް އޭނާއަށް ތާޢީދު ކުރާ މީހުން ގޮވައިލަން ފަށާފައި ވަނީ, ޓްރަމްޕްގެ މައްޗަށް ރިޝްވަތު ދިނުމާއި, ޚިޔާނާތް ފޮރުވަން މަސައްކަތް ކުރެއްވުމުގެ 34 ދަޢުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

ހަމަނުޖެހުންތަކަށް ގޮވައިލާ އަޑުތައް އެންމެ ގަދައީ, ޓްރަމްޕް އިސްވެ އުފައްދަވާފައިވާ ޓްރުތް ސޯޝަލްގައެވެ. މީގެ އިތުރުން, އޭނާއަށް ތާޢީދު ކުރާ އެހެން ވެބްސައިޓުތައް ކަމުގައިވާ ޕޭޓްރިއަޓް.ވިންއާއި ގޭޓްވޭ ޕަންޑިޓްގައި ވެސް ހަމަނުޖެހުންތަކާއި އަނިިޔާވެރި ބަދަލު ހިފުމުގެ އަމަލުތައް ހިންގުމަށް ޓްރަމްޕަށް ތާޢީދު ކުރާ ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.

މިއީ, އެމެރިކާގެ ތާރީޚުގައި ރައީސް ކަމުގެ މަޤާމު ފުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ކުށެއްގެ ދަޢުވާ ސާބިތުވި ފުރަތަމަ ފަހަރެވެ. ޓްރަމްޕްގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ, އޮރިޔާންކާޑު އުފައްދާ އަންހެނެއް ކަމުގައިވާ ސްޓޯމީ ޑެނިޔެލްސަށް ރިޝްވަތު ދިނުމާއި, އެ މުޢާމަލާތް ސިއްރު ކުރުމަށް ވިޔަފާރީގެ ލިިޔެކިޔުންތައް އޮޅުވައިލުމާ ގުޅޭ ދަޢުވާތަކެކެވެ. އެ މުޢާމަލާތް ހިންގާފައި ވަނީ 2016ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ޑެނިޔެލްސަށް ޓްރަމްޕް ރިޝްވަތު ދެއްވާފައި ވަނީ ރިޔާސީ ރޭހުގައި ކުރިއެރުން ހޯދުމަށް, އޭނާއާ ގުޅޭ މަޢުލޫމާތުތަކެއް ސިއްރު ކުރުމުގެ ބޭނުމުގައެވެ.

މި މައްސަލައާ ގުޅޭ 34 ދަޢުވާއެއް ޓްރަމްޕުގެ މައްޗަށް އުފުލިއެވެ. ނިއު ޔޯކް ސިޓީގެ ކޯޓެއްގައި ހިނގި ޝަރީޢަތް ހަތް ހަފުތާއަށް ދެމިގެން ދިޔައިރު, ޓްރަމްޕްގެ މައްޗަށް އެ 34 ދަޢުވާ ސާބިތުވާ ކަމަށް ޝަރީޢަތުގެ ޖޫރީން ވަނީ ނިންމާފައެވެ. 24 ވަރަކަށް ހެކިންގެ ހެކި ބަހާ އެކު ކުރިއަށްދިޔަ ޝަރީޢަތުގައި ހުކުމް ކޮށްފައި ވަނީ ދެ ދުވަހުގެ މަޝްވަރާއަށް ފަހުއެވެ.

މި ކަމާ ދެކޮޅު ހެދުމުގެ ގޮތުން ޓްރަމްޕަށް ތާޢީދު ކުރާ ފަރާތްތަކުން ދަނީ, އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ޖޫރީގައި ހިމެނޭ 12 މެންބަރުންނާއި, އޭނާގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރު, ޖަސްޓިސް ހުއާން މަރޗަން އަވަހާރަ ކޮށްލަން ވެސް ގޮވައިލަމުންނެވެ. އަދި, އެމެރިކާގައި ދާޚިލީ ހަނގުރާމައެއް ފަށައި, ރައީސް ޖޯ ބައިޑަންގެ ސަރުކާރު ވައްޓައިލުމަށް ވެސް ޓްރަމްޕަށް ތާޢީދު ކުރާ ބައެއް ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ. ނަމަވެސް, މި ކަންކަން ތަޙުޤީޤު ކުރަން ފަށާފައިވާ ކަން އަދި ސާފެއް ނޫނެވެ.

2020ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވުމުން ވެސް އޭނާއަށް ތާޢީދު ކުރާ ހަރުކަށި މީހުން ހަމަނުޖެހުން ހިންގައި އަނިޔާވެރިކަން އިސްކުރަން ގޮވައިލާފައިވެއެވެ. އެ އިންތިޚާބުގައި ނާކާމިޔާބުވީ ވޯޓުގެ ނަތީޖާ އޮޅުވައިލުމުން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

އެއާ އެކު, ވޯޓުގެ ނަތީޖާ ފާސް ކުރުމަށް ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ޖަލްސާއަށް ހުރަސް އެޅުމުގެ ގޮތުން އޭނާއަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހަތިޔާރާ އެކު ކެޕިޓަލް ޢިމާރާތަށް ވަދެ, ހަމަނުޖެހުން ހިންގާފައެވެ. އަދި, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފުރާނައަށް ނުރައްކާ ކޮށްފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަ ކުރައްވާ ރައީސް ޖޯ ބައިޑަނާ ވާދަ ކުރައްވަން ހަމަޖެހިފައިވާ ޓްރަމްޕް ވަނީ އޭނާއާ ދެކޮޅަށް ސާބިތުވެފައިވާ ހުރިހާ ދަޢުވާއަކަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް, ހުކުމާ އެކު އޭނާގެ މައްޗަށް ސާބިތުވި ކޮންމެ ދަޢުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށް ބެލެވެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ ޓްރަމްޕަށް ޖަލުގައި އެންމެ ދުވަހެއް ވެސް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމުގައެވެ. ނަމަވެސް, ޕްރޮބޭޝަން ނުވަތަ އިޖުތިމާޢީ ޚިދުމަތުގެ ހުކުމަކާ އޭނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ. ޓްރަމްޕްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަޖިލިސް އޮންނާނީ ޖުލައި 11ވަނަ ދުވަހުއެވެ.