ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަގުތީގޮތުން ފޮސްޓަރކުރުމަށް އެދި 14 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، އެކުދިންގެ ޢާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޯސްޓަރކުރުމުގެ ނިޒާމުގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން ފޮސްޓަރކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖަނަވަރީމަހުއެވެ. މިނިޒާމުގެ ތެރެއިން ވަގުތީގޮތުން އެންމެ ގިނަވެގެން ކުއްޖާ ހަވާލުކުރެވޭނީ 2 އަހަރަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރި - އިންޓަރގްރޭޝަން އެންޑު ފޮސްޓަރިންގ ސެކްޝަންގެ ހެޑް ފައްޒަ ފުޢާދު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު 172 ކުދިން ތިބިއިރު، ކޮންމެ ކުއްޖެއްގެވެސް އާއިލާގެ ހާލަތު ވަކިން ދެނެގަނެ އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ސަބަބުތަކާއި އާއިލާއާ އަނބުރާ ހަވާލުނުކުރެވޭނެ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ.
"އާއިލާތައް ދިރިއުޅޭ ރަށުގެ މުއައްސަސާތަކާއި އަދި އިބަމައާއި އެއްކޮށް މަސައްކަތްކުރެވޭ އަނބުރާ އާއިލާއާއި ހަވާލުކުރުމަށް މަސައްކަތްކުރަމުންދަނީ،" ފައްޒަ ވިދާޅުވިއެވެ.
ފައްޒަ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެތެރެއިން 20 ކުއްޖެއް އާއިލާއާ ހަވާލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ތަންކޮޅެއް ބޮޑެތި ކުދިންނަށް އާއިލާތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޢާއިލާ ނޫން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ނިޒާމު ނުވަތަ ފޯސްޓަރކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު 14 އެޕްލިކޭޝަންގެ ތެރެއިން 4 އެޕްލިކޭޝަނަކީ ބޮޑެތި ކުދިން ހޯދުމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަހަރު 14 އެޕްލިކޭޝަނެއް ކުދިން ފޮސްޓާކުރަން ލިބިފައިވާއިރު، އޭގެތެރެއިން 4 އެޕްލިކޭޝަނަކީ ތަންކޮޅެއް ބޮޑެތިކުދިން ފޮސްޓާކުރަން ލިބިފައިވާ އެޕްލިކޭޝަންކަން އުފަލާއެކު ފާހަގަކުރަން،" ފައްޒަ ވިދާޅުވިއެވެ.
ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ވަގުތީގޮތުން ކުއްޖާއާ ހަވާލުވިނަމަވެސް، ދާއިމީގޮތުން ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ފޮސްޓަރކުރާ ފަރާތަށް ލިބޭނެ ކަމަށެވެ.