ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފިއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ދިރާސާކުރާ މަރުކަޒަށް ދިރާސާކުރާނެ 10 ވިލަރެސްވެރިން ނަގައި އެމީހުން ތަމްރީންކުރުމުގެ މަސައްކަތް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވަނީ މިހާރު ފަށާފައެވެ. އެގޮތުން ވިލަރެސްވެރިންނަށް ނޫސްވެރިކަމުގެ ތަމްރީން ޕްރޮގުރާމެއް މިއަދު ވަނީ ފަށާފައެވެ.
ތަމްރީން ކޯހާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ނޫސްވެރިކަމުގެ ކޯހެއް ވިލަރެސްވެރިންނަށް ފެށުމުގެ ބޭނުމަކީ އެމީހުން ތަފާތު ބާވަތްތަކުގެ ލިޔުންތަކަށް އަހުލުވެރިކުރުވުން ކަމަށެވެ. އެގޮތުން މަޢުލޫމާތު ހޯދައި ލިޔާނެ ގޮތްތައް ވިލަރެސްވެރިންނަށް ކޯހުން ދަސްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވިލަރެސްވެރިންނަށް ހިންގާ ކޯސްތަކުގައި އަޅުގަނޑުމެން އިޚްތިޔާރުކުރަނީ އެކި ދާއިރާތަކުން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުން. މީގެ ބޭނުމަކީ އެބޭފުޅުންގެ ތަޖުރިބާ ވިލަރެސްވެރިންނަށް ޙިއްސާކުރުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނޫސްވެރިކަމުގެ ތަމްރީން ޕްރޮގުރާމެއްގެ އިތުރުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރާއްޖޭގެ ތާރީޚު ވަކި މާއްދާއެއްގެ ގޮތުގައި ވިލަރެސްވެރިންނަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގުރާމުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި ބޭފުޅުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.