ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ހިނގާލުމެއް ބާއްވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންގެ ޙައްޤުގައި ހިންގާލުމެއް ބާއްވަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ. އަދި އެ ހިނގާލުން ބާއްވާނީ މުޅި ރާއްޖޭގައި "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި ކެބިނެޓުގައި އަޅުގަނޑުމެން މިވަނީ ކަންތައް ތަކެއް ނިންމާފައި. އެގޮތުން ފަލަސްތީނާއެކު ދިވެހިން މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަންވެސް ވަނީ ނިންމާފައި" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން ޤާނޫނަށް ބަދަލުގެނައުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ފަލަސްތީނުގެ ޙައްޤުގައި އަޑުއުފުލުމަށް މީގެ ކުރިންވެސް ރާއްޖޭގައި އެއްވުންތައް ބާއްވާފައިވެއެވެ. ހަމައެއައިއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުންވެސް ވަނީ ނިންމާފައެވެ. މި ޓެލެތޯން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ދަނީ ފަލަސްޠީނު މުސްލިމުންނަށް ދޭ ޢުދުވާނީ ޙަމަލާތައް ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަ ކުރަމުންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ފެށި ޙަމަލާތަކުގައި 36,096 އަށްވުރެ ގިނަ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށްލާފައިވެއެވެ. އަދި ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 81,136އަށް އިތުރުވެފައެވެ.