ނަޒާހަތްތެރިކަން ދަމަހައްޓައި ޤާނޫނީ ވެރިކަން ހަރުދަނާކުރަން ދިވެހިރާއްޖެއިންކުރާ މަސައްކަތަށް ޔޫރަޕިއަން ޔޫނިއަން، އިޔޫން 74.8 މިލިޔަން ރުފިޔާގެ އެހީއެއް ދީފިއެވެ.
މިއެހީ ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހު މާލޭގައި ބޭއްވި ދިވެހިރާއްޖެއާއި އީޔޫގެ އިސް އޮފިޝަލުންގެ ފަސް ވަނަ ބައްދަލުވުމުގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އީޔޫން ރާއްޖެއަށް އެހީ ދީފައިވަނީ އީޔޫ-ޔޫއެންޑީޕީ ޕާޓްނަޝިޕް އެގްރީމަންޓުގެ ދަށުން ކަމަށެވެ. "އެކައުންޓެބިލިޓީ އެންޑް އިންޓެގްރިޓީ މެޓަރސް – އެއިމްސް ޕްރޮޖެކްޓް" މެދުވެރިކޮށް ޤާނޫނީ ވެރިކަން ހަރުދަނާކޮށް ކަމާގުޅޭ މުއައްސަސާތަކުގެ ހާމަކަމާއި ނަޒާހަތްތެރިކަން ވަރުގަދަކުރަން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ރާއްޖެއިން ވަނީ އީޔޫއަށް ޝުކުރުއަދާކޮށްފައެވެ.
އީޔޫގެ އިސް އޮފިޝަލުންގެ ފަސް ވަނަ ބައްދަލުވުމުގައިވަނީ 97.2 މިލިޔަން ރުފިޔާގެ އެހީއެއްވެސް ރާއްޖެއަށް ދީފައެވެ. މިއީ ހިމާޔަތްކޮށްފައިވާ އެކި ސަރަޙައްދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށާއި ބަޔޯޑައިވަރސިޓީ ހިމާޔަތްކުރުމާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ރާއްޖެއިންކުރާ މަސައްކަތަށް ދީފައިވާ އެހީއެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ޤާނޫނީ ވެރިކަން ހަރުދަނާކޮށް ކަމާގުޅޭ މުއައްސަސާތަކުގެ ހާމަކަމާއި ނަޒާހަތްތެރިކަން ވަރުގަދަކުރަން ރާއްޖެއަށް އެހީ ފޯރުކޮށްދޭނެކަމަށް އީޔޫން ބުނެފައިވަނީ އެ އިއްތިހާދާއެކު ރާއްޖެއިން ބޭއްވި 4 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ބައްދަލުވުމުގައި ގާނޫނުގެ ވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އީޔޫ ގުޅިގެން ރާއްޖޭގައި ހިންގާ 5 އަހަރު ދުވަހުގެ ޕްރޮގްރާމެއް ވަނީ އިފްތިތާޙުކޮށްފައެވެ.
ގާނޫނުގެ ވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އީޔޫން އެހީތެރިވާނެއެވެ. އަދި ކޮރަޕްޝަން މަދުކުރުމަށް ބޭނުންވާ ހަރުދަނާ ގާނޫނީ އޮނިގަނޑުތައް އެކުލަވާލުމާއި އެކަމާއި ގުޅޭ މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން އެހީތެރިވާނެއެވެ.