ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރު ކުރުމާ ގުޅިގެން, މިލިޔަނަކަށް ވުރެ ރެފިއުޖީން އެ ސަރަޙައްދު ދޫކޮށް ފައިބާފައިވާ ކަމުގައި އދއިން ބުނެފިއެވެ. ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ރަފަޙަށް އަރައިގަނެފައި ވަނީ މޭ 6ވަނަ ދުވަހުއެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުން ސަލާމަތްވާން އެތަކެއް ހާސް ބަޔަކު ވަނީ ރަފަޙަށް ދަތުރު ކޮށްފައެވެ. ޔަހޫދީ ފައުޖުން ރަފަޙަށް ޢުދުވާން ފުޅާ ކޮށްފައި ވަނީ 1.5 މިލިޔަނެއްހާ ރެފިއުޖީން އެ ރަށަށް ދަތުރު ކުރުމުންނެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ން ބުނީ, ޔަހޫދީންގެ ގަތުލުއާންމުން ސަލާމަތްވާން އޭގެ ތެރެއިން މިލިޔަނެއްހާ މީހުން ރަފަޙް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައިވާ ކަމުގައެވެ.
އަމިއްލަ ވަޒަން ދޫކޮށް ރަފަޙަށް ދަތުރުކުރި ރެފިއުޖީން ބުނީ, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ޙަމަލާތަކުން ސަލާމަތްވެވޭނެ, އަދި ރައްކާތެރިކަން ހޯދޭނެ އެއްވެސް ގޮތެއް, ނުވަތަ މަގެއް މި ވަގުތު ނެތް ކަމުގައެވެ. ޔޫއެންއާރްޑަބްލިޔުއޭން ބުނީ, ރަފަޙުގައި ތިބި ރެފިއުޖީންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރު ކޮށްފައި ވަނީ އެ ރަށާ އިންވެގެން އޮންނަ ޚާން ޔޫނިސަށް ކަމުގައެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ޚާން ޔޫނިސްގައި ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގައެވެ.
"އެ މީހުން ދިރިއުޅެމުންދާ ނިކަމެތި ހާލަތުގެ ދުލުން ބަޔާން ކޮށްދެވޭ ވަރަށް ވުރެ ދެރަ،" ޔޫއެންއާރްޑަބްލިޔުއޭން ބުންޏެވެ.
ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރުގެ އިތުރުން އެމެރިކާއިން އިސްވެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި, ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ. ޢާންމު ރައްޔިތުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, ސްކޫލްތަކާއި މިސްކިތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ.
މީގެ ތެެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޚާން ޔޫނިސްގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށެވެ. އެ ޙަމަލާގައި 10 މީހުން ޝަހީދު ކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގައި ހުންނަ ވިލާތުގެ ހަސްފަތާލުން ބުންޏެވެ. އަދި, ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-ބުރަޔިޖް ރެފިއުޖީ ކޭމްޕުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ބޮންއަޅައި, އެ ގޭގެ އަހުުލުވެރިންގެ ތެރެއިން ހަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
ޔަހޫދީންގެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މަގުޗާޓެއް އެކުލަވައިލައި ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ހުށަހަޅުއްވާފައެވެ. ޙަމާސުން ވަނީ އެ ހުށަހެޅުމަށް ބިނާކުރަނިވި ޖަވާބެއް ދީފައެވެ. އެ ހުށަހެޅުން ބަލައިގަތުމަށް ބައިޑަންގެ އިތުރުން އޭނާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, ޒަޔަނިސްޓު އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުގެ މެންބަރު ބެނީ ގަންޓްޒާއި, ޖައްބާރު ދިފާޢީ ވަޒީރު ޔޮއަވް ގަލަންޓަށް ބްލިންކަން ފޯނުން ގުޅުއްވައި ބައިޑަންގެ ހުށަހެޅުން ބަލައިގަތުމަށް ބާރު އަޅުއްވާފައިވާ ކަމުގައެވެ. ބައިޑަންގެ ހުށަހެޅުން ބަލައިގަތުމަށް ގޮވައިލައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ ޔަހޫދީންނަށް ބާރު އަޅަމުންނެވެ.
މި ކަމަށް ބާރުއެޅުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލުގެ މަގުތަކުގައި އެ ޤައުމުގެ ޢާންމު ރައްޔިތުން ދަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ތެލް އަވީވުގައި ކުރަމުންދާ މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުވަން ޖައްބާރު ނަތަންޔާހޫ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް މުޒާހަރާގެ ބައިވެރިން ގަބޫލު ކުރެއެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,439އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 82,627އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.