ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަގުޗާޓު ޔަހޫދީން ބަލައިގަންނާނެ ކަމުގެ އިޝާރާތެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓު ބަލައިގަންނާނެ ކަމުގެ އިޝާރާތެއް ޔަހޫދީންގެ ފަރާތުން ދީފިއެވެ. މޭ 31ވަނަ ދުވަހު ބައިޑަން ހުށަހެޅުއްވި މަގުޗާޓަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބިނާކުރަނިވި ޖަވާބެއް ދިން ނަމަވެސް ޔަހޫދީންގެ ފަރާތުން ލިބިފައި ވަނީ އުންމީދީ ރައްދެއް ނޫނެވެ.

މި ކަމާ ގުޅޭ ގޮތުން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު އޮފީރް ފަލްކް ބުނީ, ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓު އެއްވެސް ގޮތަކަށް ފުރިހަމަ ނޫން ކަމުގައެވެ. އަދި, އެއީ ރަނގަޅު ހުށަހެޅުމެއް ނޫން ކަމުގައެވެ. އެ ހުށަހެޅުން އިތުރަށް ފުރިހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ބުންޏެވެ.

"އެއީ އަހަރުމެން [އިސްރާއީލުން] އެއްބަސްވެފައިވާ ހުށަހެޅުމެއް. އެއީ ރަނގަޅު ހުށަހެޅުމެއް ނޫން, ނަމަވެސް, [ޙަމާސުން ރަހީނު ކޮށްފައިވާ] އަސީރުން މިނިވަން ކުރުވަން ބޭނުން،" އިނގިރޭސިވިިލާތުގެ ސަންޑޭ ޓައިމްސް ނޫހާ ވާހަކަ ދައްކަމުން ފަލްކް ބުންޏެވެ.

ބައިޑަންގެ ހުށަހެޅުން ފުރިހަމަ ނޫން ކަމަށް ޔަހޫދީން ބުނާ ސަބަބަކީ, ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުގެ މައިގަނޑު މަޤުޞަދު ހާސިލުވެފައި ނެތުމެވެ. އެއީ, ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތް ނައްތައިލުމެވެ.

ޔަހޫދީން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މަގުޗާޓަކީ ތިން މަރުޙަލާއަކަށް ބިނާ ކޮށްފައިވާ މަގުޗާޓެއް ކަމުގައި ބައިޑަން ވިދާޅުވިއެވެ. މިގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންގެ އެ ސަރަޙައްދުތަކުން ފޭބުމެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހުދީ އަސީރުންގެ ތެރެއިން ބައެއް މީހުން, މަގުޗާޓުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި, އޭގެ ބަދަލުގައި, ޔަހޫދީ ފައުޖުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދޫކޮށްލަން ޖެހޭނެއެވެ. އަދި, އެއްވެސް ހުރަހަކާ ނުލައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ފަހިކޮށްދޭން ޖެހޭނެއެވެ.

ޙަމާސުން ބުނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުވައި, ޣައްޒާގެ ރައްޔިތުންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިޔުމުގެ ފުރުޞަތުދީ, އެ ސަހަރަށް އަރާފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން ބޭލުމަށް އެ ޖަމާޢަތުން ތާޢީދުކޮށް އެއްބާރުލުން ދޭނެ ކަމުގައެވެ. އަދި, އެ މަގުޗާޓުގެ ދަށުން އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.

ބައިޑަންގެ ހުށަހެޅުން ބަލައިގަތުމަށް އޭނާގެ އިތުރުން އޭނާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ, ޒަޔަނިސްޓު އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުގެ މެންބަރު ބެނީ ގަންޓްޒާއި, ޖައްބާރު ދިފާޢީ ވަޒީރު ޔޮއަވް ގަލަންޓަށް ބްލިންކަން ފޯނުން ގުޅުއްވައި ބައިޑަންގެ ހުށަހެޅުން ބަލައިގަތުމަށް ބާރު އަޅުއްވާފައިވާ ކަމުގައެވެ. ބައިޑަންގެ ހުށަހެޅުން ބަލައިގަތުމަށް ގޮވައިލައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ ޔަހޫދީންނަށް ބާރު އަޅަމުންނެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,439އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 82,627އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.