ޚަބަރު

ކާޑާއި ގޭހުގެ ދަތިކަން ކުރިމަތިވެފައިވާ ކަނޑިތީމަށް ކާޑާއި ގޭސް ފޮނުވަނީ


  • ކާޑާއި ގޭސް ރަށަށް އެތެރެނުކުރެވޭތާ 2 ހަފްތާ ވަނީ ވެފައި

  • އިއްޔެ އަޑިއަށް ދިޔަ އުޅިއަށި ބޯޓަކީ ކާޑު ހިފައިގެން ދަތުރުކުރި ބޯޓެއް

ށ. ކަނޑިތީމަށް ކާޑާއި ގޭހުގެ ދަތިކަން ކުރިމަތިވެފައިވާތީ ށ.އަތޮޅު ކައުންސިލްގެ އިސްނެގުމާއެކު ކާޑާއި ގޭސް ހިފައިގެން މިއަދު މާލެއިން ދަތުރުފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކަނޑިތީމަށް ކާޑާއި ގޭސް ހިފައިގެން ދަތުރުކުރި އުޅިއަށި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އުޅިއަށި ބޯޓު ސަލާމަތް ކުރުމުގައި ށ.އަތޮޅު ކައުންސިލާއި، ބިލތްފަހި، ކަނޑިތީމް، ފޭދޫ އަދި ގޮއިދޫގެ ރައްޔިތުން ދައްކައިދީފައިވަނީ އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއެއްކަމަށް ވިދާޅުވެ އެކަމަށް ތަޢުރީފްކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ށ. އަތޮޅު ކައުންސިލްގެ އިސްނެގުމާއި އެހީތެރިކަމުގެ ދަށުން ކާޑާއި ގޭސް ހިފައިގެން މިއަދު މާލެއިން ދަތުރުފަށާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަހުސަން ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑިތީމަށް ކާޑާއި ގޭސް ނުގެންދެވޭތާ ގާތްގަނޑަކަށް ދެ ހަފްތާ ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިއްޔެ އަޑިއަށްދިޔަ އުޅިއަށި ބޯޓަކީ މުދާ ހިފައިގެން މިދިޔަ ދެ ހަފްތާ ތެރޭ އެރަށަށް ދަތުރުކުރަމުންދިޔަ ފުރަތަމަ ބޯޓު ކަމަށެވެ.

އުޅިއަށި ބޯޓު އަޑިއަށްދާން މެދުވެރިވީ ރަށު ނެރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު އަރިމަތީގައި ޖެހުމުގެ ސަބަބުން ކަމަށެވެ. ބޯޓު އަޑިއަށް ދާން ފެށުމުން އެ ބޯޓު ރަށުގެ ޖެޓީއަށް ކައިރި ކުރި ކަމަށާއި ބޯޓު އަޑިއަށް ދިޔައީ ޖެޓީ ކައިރީގައި އޮތްވާ ކަމަށެވެ. މިހާރު ބޯޓު ނަގާ މުދާތައް ރަށަށް ބޭލުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޯޓުގައި ހުރި 70 އިންސައްތަ މުދާ ހަލާކުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ ށ އަތޮޅު ކައުންސިލްގެ އެހީގައި އެރަށަށް ކާޑާއި ގޭސް ހިފައިގެން ބޯޓެއް މިއަދު ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބޯޓު އައުމުން ކާޑާއި ގޭހުގެ ދަތިކަމަށް ޖުމްލަ ހައްލެއް ލިބޭނެކަމަށެވެ.