އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ, 16 މީހުން ޝަހީދު ކޮށްލައިފިއެވެ. މި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ, ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީންނަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ވެރިރަށް ޞަންޢާގައެވެ. އޭގެ ތެރޭގައި ޙޫޘީ ކަނޑުގެ ސިފައިންގެ ނުވަ މީހުން ހިމެނެއެވެ.
މިއީ, އެމެރިކާއިން އިސްވެ އިނގިރޭސިވިލާތާ ގުޅިގެން ޖަނަވަރީ މަހު ޔަމަނަށް ބޮން އަޅަން ފެށި ފަހުން ދީފައިވާ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެވެ. ހުޅަނގުން ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ, ރަތްކަނޑާއި ޢަދަން ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމުގެ ނަމުގައެވެ. ނަމަވެސް ޙަޤީޤަތަކީ, މިއީ ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދޭން އެމެރިކާއާއި އިނގިރޭސިވިލާތުން ދެމުންދާ ޙަމަލާތަކެއް ކަމެވެ.
ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ ގެންދާ, އަދި ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށެވެ. މިއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހުއްޓުވަން ބާރުއެޅުމުގެ ގޮތުން ޙޫޘީން ހިންގަމުންދާ އޮޕަރޭޝަނެކެވެ ޙޫޘީންގެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނަށް ބޮން އަޅަން ފެށުމާ އެކު, އެ ޖަމާޢަތުން ވެސް ވަނީ ޔަމަން ކައިރީގައި ހަރަކާތްތެރިވާ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން އެންމެ ފަހުން ދިން ޙަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ޞަންޢާގެ އަލް-ޝަޢަބު މިސްކިތުގައެވެ. އެ މީހުންގެ ޖަނާޒާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. އެ މީހުން ވަޅުލާފައި ވަނީ ރަސްމީ ޢިއްޒަތުގައެވެ.
"އަޅުގަނޑުމެން އެމެރިކާއާއި އިސްރާއީލަށް އަމާޒުކޮށް ބުނަން އޮތީ, ޣައްޒާއާއި ޔަމަނުގައި ހިންގަމުން ތިޔަދާ ޢުދުވާނާއި ގަތުލުއާންމު އަޅުގަނޑުމެންގެ ހިތްތަކުން ދުވަހަކު ވެސް ފިލައިގެން ނުދާނެޔޭ. [އެމެރިކާއާއި އިސްރާއީލުން ގުޅިގެން] ޝަހީދު ކޮށްލާފައިވާ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ މަތިން ހަނދާނެއް ނުނެތޭނެޔޭ،" އެމެރިކާއިން ޝަހީދު ކޮށްލާފައިވާ މީހެއްގެ ޢާއިލާގެ މެންބަރަކު ބުންޏެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި އިދާރާ, ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ, ޙޫޘީންގެ 13 މަރުކަޒަކަށް އަމާޒުކޮށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ޑްރޯނާއި ދުރު ރާސްތާ މިސައިލް ފަދަ ހަތިޔާރު ރައްކާ ކޮށްފައިވާ ގުދަންތަކަށް ކަމުގައެވެ.
ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮންއަޅަމުން ދިޔަ ނަމަވެސް, އެ އަމާޒު ހާސިލުވެފައެއް ނުވެއެވެ. އެ ޖަމާޢަތުން ބުނީ, ރަޙުމު ކުޑަ ޙަމަލާތަކުގައި އެ ޖަމާޢަތުގެ މެންބަރުން ޝަހީދު ކޮށްލުމުން, ޔަހޫދީންނާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތައް ފުޅާ ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމުގައެވެ.
"އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭ ނަން،" ޙޫޘީންގެ އަތްދަށުގައި އޮތް އަލް-ޙުދަޔިދާގެ ގަވަރުނަރުގެ ނައިބު އަޙްމަދު އަލް-ބަޝަރީ ވިދާޅުވިއެވެ. "އަޅުގަނޑުމެން އެމެރިކާއަށް ބުނަން އޮތީ, ރައްދު ޙަމަލާ ދިނުމަކީ އަޅުގަނޑުމެންގެ ޙައްޤެކޭ. އަދި, ޙައްޤު ބޭނުންކޮށް ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދޭނަމޭ." ފެބުރުވަރީ މަހު ވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޔަމަނަށް ބޮން އަޅައި, ޙޫޘީ ޖަމާޢަތުގެ 17 މެންބަރުން ޝަހީދު ކޮށްލާފައެވެ.