މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި, ކްލައުދިޔާ ޝެއިންބައުމް އެ ޤައުމުގެ ފުރަތަމަ އަންހެން ރައީސާގެ މަޤާމު ކަށަވަރު ކުރައްވައިފިއެވެ. ވެރިކަން ކުރާ މޮރޭނާ ޕާޓީގެ ފަރާތުން ވާދަކުރެއްވި މޫސުމާ ބެހޭ ސައިންޓިސްޓެއް ކަމުގައިވާ ޝެއިންބައުމަކީ މެކްސިކޯ ސިޓީގެ މޭޔަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ފެންނަ ގޮތުގައި ޝެއިންބައުމް ވަނީ 58.3އާއި 60.7 އިންސައްތައާއި ދެމެދުގެ ޢަދަދެއްގެ މީހުންގެ ތާޢީދު ކަށަވަރު ކުރައްވާފައެވެ. މިއީ, މެކްސިކޯގެ ޑިމޮކްރެޓިކް ހަޔާތުގައި ވެސް ރިޔާސީ ކެނޑިޑޭޓަކު އެންމެ ގިނަ ބަޔެއްގެ ތާޢީދު ހޯއްދެވި ފުރަތަމަ ފަހަރެވެ.
"[މެކްސިކޯ]ގެ 200 އަހަރުވީ ޖުމްހޫރީ ދިގު ތާރީޚުގައި ރައީސް ކަމުގެ މަޤާމާ ހަވާލުވާ ފުރަތަމަ އަންހެނަކީ އަޅުގަނޑު،" އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އޭނާއަށް ތާޢީދު ކުރާ މީހުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޝެއިންބައުމް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާ އެކުއެކީގައި ބޭއްވި ޢާންމު އިންތިޚާބުގެ ނަތީޖާއިން ފެންނަ ގޮތުގައި, ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ބޮޑު އިއްސައްތައެއް ވެސް އޭނާގެ މޮރޭނާ ޕާޓީން ކަށަވަރު ކުރާނެއެވެ. ރިޔާސީ އިންތިޚާބުގައި ޝެއިންބައުމާ ވާދަ ކުރައްވާފައި ވަނީ މައި އިދިކޮޅު ޕާޓީގެ ކެނޑިޑޭޓު, ސޯޗީތްލް ގާލްވޭޒެވެ. އޭނާއަށް ކާމިޔާބު ކުރެވުނީ ވޯޓުލީ މީހުންގެ ތެރެއިން 26.6އާއި 28.6އިންސައްތާ ދެމެދުގެ ތާޢީދެކެވެ.
ޝެއިންބައުމަށް ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ މައިގަނޑު ސަބަބަކީ, ރައީސް އަންދްރޭސް މަނުއޭލް ލޯޕޭޒް އޮބްރާދޯގެ ސިޔާސަތުތައް ދަމަހައްޓަން ވަޢުދުވެ ވަޑައިގެންނެވުން ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ލޮޕޭޒް އޮބްރާދޯއަކީ މެކްސިކޯއިން ފަގީރު ކަން ނައްތައިލައި, ފަގީރުންގެ ހާލަތު ބަދަލު ކުރައްވަން ގިނަ ސިޔާސަތުތަކެއް ތަޢާރުފު ކުރެއްވި ރައީސެކެވެ.
ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމުން ލޮޕޭޒް އޮބްރާދޯ ފައްޓަވާފައިވާ ގިނަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ޒިންމާތަކާ ޝެއިންބައުމަށް ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ. މި ގޮތުން, މެކްސިކޯގެ ފަގީރުންނަށް ގެދޮރާއި, ކާބޯތަކެއްޗާއި, ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ލޮޕޭޒް އޮބްރާދޯ ފައްޓަވާފައިވާ ވެލްފެއާގެ މަސައްކަތްތައް ފާހަގަ ކުރެވެއެވެ. އަދި, މެކްސިކޯގެ ދަރަނިވެފައިވާ ބަޖެޓު އަރަނިކުރުމާއި, މަޑުޖެހިފައިވާ އިޤުތިޞާދީ ދުވެލި ހަލުވި ކުރުން ހިމެނެއެވެ. އެއީ, ފަސޭހަ ޒިންމާތަކަކަށް ނުވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
މީގެ އިތުރުން, ހަމަނުޖެހުންތަކާއި މަރުތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ސުލްޙައާއި ހަމަޖެހުން ގާއިމުކޮށް, ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަކީ ވެސް ޝެއިންބައުމްގެ ވަޢުދެކެވެ. އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޚާބުގައި ވާދަ ކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން 38 މީހުން ހަމަނުޖެހުންތަކުގައި މަރައިލާފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި, ޕުއޭބްލާ ސްޓޭޓްގެ ވޯޓުލާ މަރުކަޒަކަށް ދިން ޙަމަލާއެއްގައި ޢާންމުންގެ ދެ މީހަކު މަރައިލާފައިވެއެވެ.
ލޮޕޭޒް އޮބްރާދޯގެ ވެރި ކަމުގައި މެކްސިކޯގެ ކުށްކުރާ ގުރޫޕުތަކުގެ ޢަދަދާއި މެންބަރުންގެ ޢަދަދު އިތުރުވެ, އެ ގުރޫޕުތަކުގެ ބާރާއި ނުފޫޒު ގަދަ ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޭނާގެ ވެރިކަމުގެ މުއްދަތުގައި ކުށްކުރާ ގުރޫޕުތަކުން ހިންގާފައިވާ އެކި ހަމަނުޖެހުންތަކުގައި މަރައިލާފައިވާ މީހުންގެ ޢަދަދު 185,000އަށް އަރައެވެ. މިއީ, ރިޔާސީ ދައުރެއްގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާފައިވާ ރެކޯޑު ޢަދަދެކެވެ.
ޝެއިންބައުމްގެ ރިޔާސަތަަށް ދެން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ, އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވުމެވެ. މެކްސިކޯގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޤަވާޢިދާ ޚިލާފަށް އެމެރިކާއަށް ހިޖުރަ ކުރަމުންދާ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ނުތަނަވަސް ކަން އުފެދިފައެވެ. އަދި, މެކްސިކޯ މަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުން ވެސް އޮތީ އިންތިހާއަށް އިތުރުވެފައެވެ. ނުރައްކާތެރި މާއްދާއެއް ކަމުގައިވާ ފެންޓެނީލް އެކުލެވޭ މަސްތުވާތަކެތީގެ ބާވަތްތައް އެމެރިކާގައި ޢާންމުވުމުގައި މެކްސިކޯގެ ދައުރެއް އޮތް ކަމަށް އެމެރިކާއިން ދެކެއެވެ.