ނިމިދިޔަ ސަރުކާރުން 7 ހޮސްޕިޓަލެއް ތަރައްޤީކުރަން އިއުލާންކުރީ ކުވައިތު ފަންޑުގެ އެހީ ހަމަނުޖެހެނީސްކަމަށް ސަރުކާރުން ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޞިއްޙީ ވުޒާރާއިން މިކަން ހާމަކޮށްފައި މިވަނީ ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓަލްތަކެއް ތަރައްޤީކުރަން ފައިސާ ހަމަޖެހިފައިވާކަމަށް ބުނެ ނިމިދިޔަ ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ނިމިދިޔަ ސަރުކާރުން ކުވެއިތު ފަންޑުގެ އެހީގައި 7 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމައި، އޭގެތެރެއިން 2 ހޮސްޕިޓަލެއްގެ މަސައްކަތް ބަޔަކާއި ވަނީ ހަވާލުވެސްކޮށްފައެވެ. އަދި 7 ހޮސްޕިޓަލުގެ މަސައްކަތަށް 180 މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށްވެސް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.
ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ޞިއްޙީ މަރުކަޒުގެ އާބަތުރަ ފިލުވުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިމް ވިދާޅުވީ ކުވައިތު ފަންޑުގެ އެހީގައި 7 ހޮސްޕިޓަލެއް އަޅަން ފަންޑު ހަމަޖެހުނުކަމަށް ނިމިދިޔަ ސަރުކާރުން ބުނިކަމަށްވިޔަސް، އެކަމަށް ބޭނުންވާ ފައިސާ އޮތީ ހަމަނުޖެހިކަމަށެވެ.
ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު 7 ހޮސްޕިޓަލް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތްތަކާއެކު، 7 ހޮސްޕިޓަލް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ތަން ހަވާލުކޮށް އެގްރީމެންޓު ހަދާ ނިންމި އިރުގައި އެއްވެސް ވަރެއްގެ ފައިސާގެ ފަންޑެއް ނެތް. މި ސަރުކާރު އައިރުވެސް ނެތް. އެ 7 ރަށަށްވެސް ދިމާވީ ވަރަށް ދެރަ ގޮތަކަށް. ރައީސާއި މިނިސްޓަރު ކުރެއްވި މަސައްކަތުން ފަންޑު ލިބިއްޖެ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ކުވައިތު ފަންޑުގެ އެހީގެ ދަށުން ތަރައްޤީކުރާ އެއް ހޮސްޕިޓަލް ޤާއިމްކުރާނީ ތުލުސްދޫގައިކަމަށެވެ. އަދި ތުލުސްދޫގައި ޤާއިމްކުރާ ހޮސްޕިޓަލް ތަރައްޤީކުރެވެންދެން ޞިއްޙީ މަރުކަޒު އިތުރަަށް ތަރައްޤީކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
މާލެ އަތޮޅު ޞިއްޙީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވަނީ އެ ރަށު ކައުންސިލުގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ. އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ދަށުން އެތަނުގެ ވަރޑްތަކާއި ލެބޯޓްރީ ބޮޑުކޮށް އޭސީ ހަރުކޮށްފައިވެއެވެ. މި މަސައްކަތް ކޮށްފައިވަނީ މާލެ އަތޮޅު ޞިއްހީ މަރުކަޒުގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.