ޚަބަރު

އާމްދަނީ ހޯދުމުގެ މަސައްކަތަށް ތުލުސްދޫގެ 2 ބިމެއް މާލެ އަތޮޅު ކައުންސިލަށް


  • ބިން ލިބުމާއެކު ބިން ކުއްޔަށް ދީގެން އަތޮޅު ކައުންސިލަށް އާމްދަނީ ހޯދޭނެކަމަށް ވިދާޅުވި

  • އާމްދަނީ ހޯދަން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވި

މާލެ އަތޮޅު ނުވަތަ ކ އަތޮޅަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ސިޓީ ހިމެނޭ އަތޮޅެވެ. މި އަތޮޅުގައި ލޯކަލް ޓުވަރިޒަމާއި ރިސޯޓުތައް ވަރަށް ގިނައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު އާމްދަނީއެއް މާލެ އަތޮޅުގައި ހުންނަ ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ދިވެހި ދައުލަތަށް ލިބެއެވެ. ނަމަވެސް މާލެއާއި ހުޅުމާލެ ނުހިމަނާ މާލެ އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އާމްދަނީ ހޯދޭނެ ފުރުސަތުތައް މަދުވުމުގެ ދަތިކަމެވެ.

އެގޮތުން މާލެ އަތޮޅުގެ ރަށްރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރި ނަމަވެސް ރަށްރަށުގެ ކައުންސިލަށް އޭގެން އާމްދަނީ ލިބޭނެ ގޮތެއް ނޯވެއެވެ. އަދި އާމްދަނީ ހޯދޭނެ މަސައްކަތްތައް ކުރުމަށް ރަށްރަށުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅު ރަށްތައްވެސް އަތޮޅުގައި މަދެވެ. މިހެންކަމުން އަތޮޅުގެ ތަރައްޤީއަށް ޚަރަދުކުރުމަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ރަށު ކައުންސިލްތަކާއި މާލެ އަތޮޅު ކައުންސިލަށް ވަނީ ހޯދަން ޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަނީސް ވިދާޅުވީ މާލެ އަތޮޅު ކައުންސިލަށް އާމްދަނީ ހޯދަން އޮތް އެންމެ ބޮޑު ދައްޗަކީ ވިޔަފާރިކުރުމަށް މާލެ އަތޮޅު ކައުންސިލަށް ބިމެއް ނެތުން ކަމަށެވެ. އެކަމާއި ގުޅިގެން މާލެ އަތޮޅުގައި ހުރި ރަށްރަށުން ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ ބިން ހޯދަންކުރާ މަސައްކަތުގެ ދަށުން ތުލުސްދޫއިން 2 ބިމެއް އަތޮޅު ކައުންސިލަށް ދިނުމަށް އެ ރަށު ކައުންސިލުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރަށްރަށުން އަތޮޅު ކައުންސިލަށް ބިން ހޯދާފައި އެ ބިމުން ލިބޭ ފައިދާގެ ބައެއް އެ ރަށަކަށް ލިބޭ ގޮތް ހަދަން. ކައުންސިލަށް ފާހަގަވެފައިއޮތީ ބިން ބޭނުން ކުރެވޭނީ އަތޮޅު ކައުންސިލުން ބޭނުންކުރާ ބިމުން ލިބޭ އާމްދަނީއިން ކޮންމެވެސް އިންސައްތައެއް ރަށްރަށަށް ދީގެންނޭ. އަޅުގަނޑުމެން މިހާރު މި ވިސްނަނީ ތުލުސްދޫއިން މި ލިބުނު ބިންތަކުން އާމްދަނީ ހޯދަން." އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ އަތޮޅު ކައުންސިލަށް ލިބޭ ބިންތަކުން އާމްދަނީ ހޯދަން އެންމެ ފަސޭހަ ވާނީ ވިޔަފާރިކުރަން ކުންފުންޏެއް އުފައްދައިގެން ކަމަށެވެ. އެގޮތުން ލޯކަލް އޮތޯރިޓީ ކޮންޕެނީ، އެލްއޭސީގެ ނަމުގައި އަތޮޅު ކައުންސިލްގެ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުއެވެ. މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މި ޤަވާއިދުގެ ބޭނުމަކީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށްޓަކައި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި ހިންގުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމާއި ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމެވެ.

މާލެ އަތޮޅު ކައުންސިލްގެ އަނީސް ވިދާޅުވީ އެލްއޭސީ ކުންފުންޏާއެކު ބިން ކުއްޔަށް ދޫކުރުމާއި އެތަނުގައި ވިޔަފާރިކުރަން ފަސޭހަވާނެ ކަމަށެވެ. އަދި ބިން ވިއްކައިގެން ނުވަތަ ވިޔަފާރިކޮށްގެން ލިބޭ އާމްދަނީއިން އަތޮޅުގެ ރަށްތަކަށް ތަރައްޤީ ގެނައުމުގައި ފުޅާ ދާއިރާއެއްގައި އަތޮޅު ކައުންސިލަށް އެހީވެވޭނެކަމަށް އަނީސް ވިދާޅުވިއެވެ. އަދި އަމާޒަކީ މިހާރަށްވުރެ ބޮޑަށް މާލެ އަތޮޅު ޢުމްރާނީ ގޮތުން ތަރައްޤީކުރުންކަމަށްވެސް މާލެ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.