ޚަބަރު

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް


  • ރާއްޖެއަށް 903775 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

  • މިއީ %10 އިތުރު އަދަދެއް

  • އެންމެ ގިނައީ ޗައިނާ ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 903775 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 821248 ފަތުރުވެރިންނާއި އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

* ޖަނަވަރީ – 192385 ފަތުރުވެރިން
* ފެބްރުއަރީ – 217392 ފަތުރުވެރިން
* މާރޗް – 194،227 ފަތުރުވެރިން
* އޭޕްރީލް – 168366 ފަތުރުވެރިން
* މޭ – 119875 ފަތުރުވެރިން
* ޖޫންމަހުގެ 3ވަނަ ދުވަހާއި ހަމައަށް – 11530 ފަތުރުވެރިން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3519 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިން އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް އަހަރުގެ މިހާތަނަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

* ޗައިނާ – 102075 ފަތުރުވެރިން
* ރަޝިއާ – 91618 ފަތުރުވެރިން
* އިނގިރޭސިވިލާތް – 85840 ފަތުރުވެރިން
* އިޓަލީ – 75648 ފަތުރުވެރިން
* ޖަރުމަނުވިލާތް – 73059 ފަތުރުވެރިން

ރާއްޖެއިން މިއަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ކަނޑައެޅި އަމާޒުގެ %25 ހާސިލްވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.