އެއްވެސް މީހަކާމެދު ތަފާތުކުރުމެއް ގެންގުޅެން ސަރުކާރުން ފުލުހުންނަށް ނާންގަވާނެކަމަށާއި، ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރުމުގެ އިހްތިޔާރާއި ބާރު ފުލުހުންނަށް އޮންނާނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ، ކުރިއަށްއޮތް 4 އަހަރު ދުވަހުގެ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
2024 އިން 2028 އަށް ދިވެހި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާންއެވެ.
މި ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، އަދުގެ ސަރުކާރުން އެއްވެސް ފުލުހެއްގެ މައްޗަށް ވަކި މީހަކާއި ދޭތެރޭ ވަކި ގޮތަކަށް އަމަލުކުރުމަށް ނުފޫޒު ނުފޯރުވާނެކަމަށެވެ. އަދި ތަފާތު ނުކޮށް ގާނޫނު ތަންފީޒްކުރުމުގެ ފުރިހަމަ އިހްތިޔާރު ފުލުހުންނަށް އޮންނާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޤާނޫނާއި ފުށު އަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ.. މަޖިލީހުގެ މެމްބަރެއްތޯ..އޭނައަކީ މިވެނި ހައިސިއްޔަތެއްގެ މީހެއްތޯ. މިއެއް ބެލުމެއް ނޯންނާނެ. އަދުގެ ސަރުކާރުން ތިބޭފުޅުންގެ މައްޗަށް އެއްވެސް މީހަކު ނުފޫޒެއް ނުފޯރުވާނެ މިވެނި މީހަކާއި ދޭތެރޭ މިވެނި ގޮތަކަށް އަމަލުކުރާކަށް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފުލުހުންނަކީ ޒިންމާދާރު، އަދި ޒިންމާ ނަގާ ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި ވެރިންގެ ގޮތުގައި ތިބޭ ބޭފުޅުން ޒިންމާތަކުން އެކަހެރިވެ، އޭގެ ދަށަށް ތިބޭ މުވައްޒަފުން ކަންކަމަށް ޖަވާބުދާރީކުރުވުމުގެ ސަގާފަތް ބަދަލުކުރަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން އެއްވެސް ވަރަކަށް ކުށް ކުރުމަށް ފުރުސަތު ނުދޭނެކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ ކުށްކުރުން ހުއްޓުވުމުގެ ނިޔަތް އޮވެގެން، އެ އަމާޒަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސިކުނޑިން ގަބޫލުކުރަން އެބަޖެހޭ 2 ބިލިއަން ރުފިޔާ އަހަރަކު ހަރަދުކޮށްގެން އަޅުގަނޑުމެން ޔުނިފޯމް މުވައްސަސާއެއް ތަރުތީބުކޮށްފައި އެބަޔަކަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ދިނީމަ އެ އޮބްޖެކްޓިވް ހާސިލްވާނެކަން. ކުރީގައި އެކަންކަން ނުކުރެވި އޮވެދާނެ ޕޮލިޓިކަލް ވިލް ނެތީމަ. އަޅުގަނޑު ޔަޤީންކަން މިއަރުވަނީ ތިބޭފުޅުންނަށް އަދުގެ ސަރުކާރުގައި ޕޮލިޓިކަލް ވިލް އެބައޮތް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދިވެހި ފުލުހުންގެ މުވައްސަސާއަށް އަހަރެއްގެ މައްޗަށް 2 ބިލިއަން ރުފިޔާ ހަރަދުކުރާއިރު މިއީ ދައުލަތުގެ ބަޖެޓުގެ %4 ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޕްލޭންތައް އަވަހަށް ތަންފީޒްކޮށް ނަތީޖާ ނެރުމަށް ހާއްސަ އިސްކަމެއްދޭންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދައުލަތައް ލިބޭ ކޮންމެ 100 ރުފިޔާއަކުން 4 ރުފިޔާ ދިވެހި ރައްޔިތުން މެއިންޑޭޓް މިކުރަނީ ފުލުހުންގެ މުވައްސަސާއަށް ހަރަދުކުރުމަށް. އެހެންވީމަ މިވަރުގެ އެކްސްޕެންޑީޗަރއެއް ދައުލަތުން ނަގާއިރުގައި ދައުލަތުގެ އިންނާނެ އެކްސްޕެކްޓޭޝަންއެއް. ރައްޔިތުންގެ އޮންނާނެ ވަރަށް ބޮޑު އެކްސްޕެކްޓޭޝަންއެއް. އެ އެކްސްޕެކްޓޭޝަންއަކީ ނަތީޖާ ނެރުން" ވަޒީރު ވިދާޅުވިއެވެ.
ކުރިއަށްއޮތް 4 އަހަރަށް ތައާރަފްކުރި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް ކުށްމަދުކޮށް ރައްކާތެރި މުޖްތަމައުއެއް ޤާއިމްކުރުމަށް ވަނީ ހިމަނާފައެވެ.