ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ސައްޙަ ތަފާސްހިސާބު ހޯދާ އޭގެ ބޭނުންކުރަންޖެހޭ: ޠާރިޤް


  • ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއާ ދެމެދުވަނީ ރޯޑްމެޕެއް ޤާއިމުކުރަން އެއްބަސްވެފައި

  • މިރޯޑްމެޕް ތިމާވެއްޓާއި އިޤްތިޞާދީ ތަފާސްހިސާބުތަކުގަ ސިޔާސަތު ކަނޑައެޅުމުގައި ބޭނުންކުރާނެ

  • މިރޯޑްމެޕްގައި ކުރު އަދި ދިގުރާސްތާގެ އަމާޒުތަކެއްވަނީ ކަނޑައަޅާފައި

ތަރައްޤީއާއި ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ތިމާވެށްޓާއި އިޤްތިޞާދީ ތަފާސްހިސާބުތައް ބޭނުންކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް ކުރަންޖެހިފައިވާ މުހިއްމުކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ޙަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ ތަރައްޤީ ގެނައުމަށް ބޭނުންވާ ސިޔާސަތު ކަނޑައެޅުމުގައި ސައްޙަ މަޢުލޫމާތު ލިބިފައި ހުރުމަކީ ތަރައްޤީ ދެމެހެއްޓުމަށް ކޮންމެހެން ލާޒިމުކަމެއްކަމަށެވެ.

ވަޒީރު ޠާރިޤު މިހެން ވިދާޅުވީ ރާއްޖޭގައި ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތިމާވެށްޓާއި އިޤްތިޞާދީ ތަފާސްހިސާބު ބޭނުންކުރުމަށްޓަކާ އެކުލަވާލި މަގު ޗާޓު، "ޑިވެލޮޕިންގ ނެޝަނަލް ސިސްޓަމް އޮފް އިކޮނޮމިކް އެންޑް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް އެންޑް އެކައުންޓްސް" އެއްބަސްވުން ޤާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތިމާވެށްޓާއި އިޤްތިޞާދީ ތަފާސްހިސާބު ބޭނުންކުރުމަށްޓަކާ އެކުލަވާލި މަގު ޗާޓުގެ އެއްބަސްވުން ޤާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ތަރައްޤީއަށް ގެންނަންޖެހޭ މަޝްރޫޢުތަކަކީ ރާއްޖޭގެ ކުރިމަގާއި ގުޅިފައިވާކަމެއްކަމަށެވެ. ހަމައެއާއެކު އެފަދަ މަޝްރޫޢުތަކުގެ ސަބަބުން ވެއްޓަށް ބަދަލުތައް އަންނަ އައުމަކީވެސް ސީދާ އިޤްތިޞާދަށް އޭގެ އަސަރު ކުރަމުންދާކަމެއްކަމަށެވެ. އެހެންކަމުން މިމަސައްކަތް ކުރުމުގައި އެންމެ ސައްޙަ މަޢުލޫމާތު ބޭނުންކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މިއަދު ކޮންމެހެން ބޭނުންކަމެއްކަމަށެވެ.

"ތިމާވެށީގެ ސިޔާސަތުތައް ކަނޑައެޅުމަކީ ވަރަށް ގޮންޖެހުން ބޮޑު ކަމެއް. އޭގެ ވަށައިގެން ދޫކޮށްނުލެވޭ މުހިއްމު ގިނަ ކަންތައްތަކެއް ހުރި އިރު ތަރައްޤީގެ މަޝްރޫޢުތައްވެސް ގުޅިފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގާއި. އެހެންކަމުން މިދެބައި އެއްކޮށްގެން ބެލޭނެ ނަޒަރިއްޔާއަކުން ގޮތް ނިންމުމަކީ މުހިއްމު ބޭނުންތެރިކަމެއް." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ މިއަދު ކުރެވިގެން މިދިޔައީ ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތެއްކަމަށެވެ. އެގޮތުން މިރޯޑް މެޕުން ވުޒާރާތަކާއި އިދާރާތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އެންމެން އެއްއަމާޒަކަށް މަސައްކަތްކުރުމުގެ ސާފު މަގުޗާޓެއް މީގެން ފެނިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ޑިވެލޮޕިންގ ނެޝަނަލް ސިސްޓަމް އޮފް އިކޮނޮމިކް އެންޑް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް އެންޑް އެކައުންޓްސް ގެ މަގުޗާޓް" އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހީމެވެ. އަދި ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙުމަދެވެ. މި ރޯޑް މެޕުގައި ކުރު އަދި ދުރު ރާސްތާގެ އަމާޒުތައް ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކުގެ ސަބަބުން އިޤްތިޞާދަށް ލިބެމުންދާ ގެއްލުން ބެލުމާއި އަންނަ ބަދަލުތަކުގެ ތަފާސްހިސާބު ރައްކާކުރުން ހިމެނެއެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގައި މިމަގުޗާޓުގެ އަލީގައި އެއްކުރެވޭ މަޢުލޫމާތުގެ ބޭނުން އެންމެ ފުޅާދާއިރާއެއްގައި ކުރުމަށްވެސްވަނީ ނިންމާފައެވެ.