ޚަބަރު

ޣައްޒާގެ މަދަރުސާއަކަށް ބޮން އަޅައި 32 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން މަދަރުސާއަކަށް ބޮން އަޅައި 32 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދއިން ހިންގާ މަދަރުސާއަކަށެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މީޑިޔާ އޮފީހުގެ ޑިރެކްޓަރު އިސްމާޢީލް އަލް-ޘަވާބްތާ ވިދާޅުވީ ޔަހޫދީ ފައުޖުން އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން އެ މަދަރުސާއަށް ދީފައިވާ ޙަމަލާގައި ޝަހީދު ކޮށްލާފައި ވަނީ, އަމިއްލަ ގެދޮރު ގެއްލި މަދަރުސާގައި ހިޔާވަހި ކަން ހޯދަމުން ދިޔަ ޢާންމުންގެ 32 މީހުން ކަމުގައެވެ.

ޔަހޫދީ ފައުޖުން ބުނީ ޙަމަލާ ދީފައި ވާނީ ޙަމާސްގެ މުޖާހިދުންނަށް އަސްކަރީ ތަމްރީނުދޭ މަރުކަޒަކަށް ކަމުގައެވެ. ނަމަވެސް, ޘަވާބްތާ ވަނީ އެ ތުހުމަތު ދޮގު ކުރައްވާފައެވެ. "[ޔަހޫދީ ފައުޖުގެ] އިސްތިޢުމާރީ ސިފައިން އެ ދަނީ ކަނޑައެޅިގެން ބޮޑެތި ދޮގުތައް ފަތުރައި, ވަޒަން ގެއްލިފައިވާ ރެފިއުޖީންގެ ބަޔަކު ޝަހީދު ކޮށްލަން ގަސްދުގައި ދިން ޙަމަލާގެ ޙަޤީޤަތް ފޮރުވަން މަސައްކަތް ކުރަމުން،" ޘަވާބްތާ ވިދާޅުވިއެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދގެ މަދަރުސާއަކަށް ޔަހޫދީ ފައުޖުން ބޮން އަޅާފައި މި ވަނީ ޣައްޒާގެ މެދުތެރޭގައި ހިންގަމުންދާ ޢުދުވާންތައް ފުޅާ ކުރަމުންދާ ކަން އިޢުލާނު ކުރުމަށް ފަހުއެވެ. އެ މަދަރުސާގައި ތިބީ ގެދޮރު ނެތިފައިވާ ރެފިއުޖީންގެ ޢާއިލާތައް ކަން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާއިން ވެސް ކަށަވަރު ކޮށްދެއެވެ.

ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ތުއްތު ދެ ކުދިން ހިމެނޭ ކަމުގައި އަލް-އަޤްޞާ މާޓިޔަރސް ހަސްފަތާލުން ބުންޏެވެ. އެ ކުދިންނާ އެކު އެ ކުދިންގެ މައިމީހާ ވެސް ޝަހީދު ކޮށްލާފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. "މިއީ ހަނގުރާމައެއް ނޫން, މިއީ ދުލުން ބުނެދެވޭ ބަހަކުން ހާމަކޮށް ނުދެވޭހާ ބޮޑު އަނިޔާއެއް،" އެ ކުދިންގެ ބައްޕަ, އަބޫ މުޙައްމަދު އަބޫ ސަޔިފް ބުންޏެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދި ފަހުން ވަނީ ސުލްޙައިގެ މަގުޗާޓެއް ހުށަހަޅުއްވާފައެވެ. ޙަމާސުން ވަނީ ބައިޑަންގެ ހުށަހެޅުމަށް ބިނާކުރަނިވި ޖަވާބެއް ދޭނެ ކަމުގައެވެ. އެ ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ވިދާޅުވީ, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ޢުދުވާން ހުއްޓައިލައި, އެ ސަހަރަށް އަރާފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ފޭބުމަކީ ޝަރުޠެއް ކަމުގައެވެ.

"[ޔަހޫދީ ފައުޖުގެ] ޢުދުވާން ހުއްޓައިލައި, ޣައްޒާއިން ފޭބުމާ ގުޅޭ ގޮތުން [ޔަހޫދީންނާ މެދު] ހެދޭ އެއްބަސްވުމަކާ މެދު ޙަމާސާއި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާޢަތްތަކުން ވަރަށް ސީރިޔަސް ނަޒަރަކުން ދެކެ, ބިނާކުރަނިވިކޮށް އަމަލު ކުރާނެ،" ޙަނިއްޔާ ވިދާޅުވިއެވެ. މިއީ, ބައިޑަންގެ ހުށަހެޅުމަށް ޙަމާސްގެ ރަސްމީ ރައްދު ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.

އެ ހުށަހެޅުމަށް ޙަމާސާއި ޔަހޫދީންގެ ރުހުން ހޯދުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމާ މެދު މަޝްވަރާ ކުރުމަށް އެމެރިކާގެ ޖާސޫސީ އިދާރާ, ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ ޑިރެކްޓަރ ވިލިޔަމް ބަރންސް ވަނީ ޤަޠަރުގެ ވެރިރަށް ދޯހާއަށް ވަޑައިގަންނަވައި, ޤަޠަރާއި މިޞްރުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރައްވާފައެވެ. ޔަހޫދީންނާއި ޙަމާސާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަމުން ދަނީ ޤަޠަރާއި މިޞްރުން ގުޅިގެން އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,586އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 83,074އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.