ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން ޣައްޒާގެ 90 އިންސައްތަ ކުޑަކުދިން ފައިދާހުރި ކާނާއިން މަހުރޫމުވެ, އަނަރޫފަވެފައިވާ ކަމުގައި ކުޑަކުދިންނާ ބެހޭ އދގެ ފަންޑު, ޔުނިސެފުން ހާމަކޮށްފިއެވެ. އެ ޖަމުޢިއްޔާއިން ބުނީ, ޣައްޒާގެ ކޮންމެ 10 ކުއްޖެއްގެ ތެރެއިން ނުވަ ކުދިން ހެދިބޮޑުވުމާ ބޭނުންވާ ފައިދާހުރި ކާނާއިން މަހުރޫމު ކޮށްފައިވާ ކަމުގައެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތަކާ އެކު އެ މީހުން ވަނީ ޣައްޒާގެ ފުރަބަންދު ވެސް އިތުރަށް ހަރުކަށި ކޮށްފައެވެ. މި ގޮތުން, ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރެވެން އޮތް ހުރިހާ ދޮރެއް ޔަހޫދީ ފައުޖުން ވަނީ ބަންދު ކޮށްފައެވެ. މޭ 6ވަނަ ދުވަހު, ޔަހޫދީ ފައުޖުން ވަނީ އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ވެސް އަރައި, އެ ރަށާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ވެސް ބަންދު ކޮށްފައެވެ.
"ޣައްޒާގައި [ޔަހޫދީ ފައުޖުން] ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި, އިންސާނީ އެހީ އެތެރެ ކުރަން ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގެ ކާބޯތަކެއްޗާއި ޞިއްޙީ ފަރުވާގެ ނިޒާމު ވަނީ ފުނޑިފައި. މި ކަމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނާއި ޢާއިލާތަކުގެ ހާލަތު ވަނީ ވަރަށް ދެރަވެފައި،" ޔުނިސެފުން ބުންޏެވެ.
2023 ޑިސެންބަރާއި 2024 އޭޕްރިލް މަހާ ދެމެދު ޔުނިސެފުން އެއްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު, ޣައްޒާގެ ކޮންމެ 10 ކުއްޖެއްގެ ތެރެއިން ނުވަ ކުދިން ކާބޯތަކެތި ނުލިބި ހައިހޫނުގައި ޖެހިފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ހާމަ ކުރިއެވެ. "ޢާއިލާތަކަށް ކުޑަކުދިންނަށް ބޭނުންވާ ކާބޯތަކެތީގެ ބޭނުންތައް ފުއްދައިނުދެވޭ ކަމުގެ ހެކި އެބަހުރި. މިއާ އެކު, ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ ބޮޑު ބަޔެއް ވަނީ އަނަރޫފަވާން ފަށާފައި،" އެ ޖަމުޢިއްޔާއިން ބުންޏެވެ.
ކާބޯތަކެއްޗާއި ސާފު ބޯފެނަށް ޖެހި, ޣައްްޒާގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދުވަމުންދާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ވަނީ އިންޒާރު ކޮށްފައެވެ. ޔުނިސެފުން ބުނީ, މުޅި ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ 27 އިންސައްތަ ކާބޯތަކެތީގެ ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކުދިންގެ ތެރޭގައި އުމުރުން ފަސް އަހަރުން ދަށުގެ 181 މިލިޔަން ކުދިން ހިމެނޭ ކަމުގައި އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,586އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 83,074އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.