ޚަބަރު

ހުޅަނގުގެ ހަތިޔާރު ބޭނުންކޮށްގެން ޔޫކްރެއިނުން ރަޝިޔާއަށް ޙަމަލާދޭން ފަށައިފި


އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ފޯރުކޮށްދެމުންދާ ބާރުގަދަ, ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ރަޝިޔާގެ ރަށްތަކަށް ޙަމަލާދޭން ފަށައިފިއެވެ. މި ގޮތުން, ހުޅަނގުން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާގެ ދެ ސަރަޙައްދަކަށް ޙަމަލާ ދީފައިވެއެވެ.

އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ޔޫކްރެއިނަށް މި ކަމުގެ ހުއްދަ ދީފައި ވަނީ ހުސްވި މޭ މަހުއެވެ. މި ކަމަށް އެންމެ ފުރަތަމަ ރުހުން ދީފައި ވަނީ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުންނެވެ. އެއީ މޭ 26 އަދި 27ވަނަ ދުވަހުއެވެ. އެއަށްފަހު, މޭ 30ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ, އެ ޤައުމުން ފޮނުވާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދިނުމުގެ ހުއްދަ ޔޫކްރެއިނަށް ދީފައެވެ.

ނަމަވެސް, އެމެރިކާއިން ފޮނުވަމުންދާ ހަތިޔާރު ބޭނުން ކުރުމުގައި ޝަރުޠުތަކެއް ވަނީ ކަނޑައަޅާފައެވެ. މި ގޮތުން, އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ އޮތީ ހަމައެކަނި ޔޫކްރެއިންގެ ހަރްކިވް ސަރަޙައްދުގައެވެ. އަދި, އިސްވެ ރަޝިޔާގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް އެ ހަތިޔާރު ބޭނުން ކުރުން މަނާކޮށްފައިވާއިރު, ރައްދު ޙަމަލާ ދިނުމަށް އެ ހަތިޔާރު ބޭނުން ކުރެވިދާނެ ކަމަށް އެމެރިކާއިން ޝަރުޠު ކޮށްފައިވެއެވެ. ނަމަވެސް, ޔޫކްރެއިނުން ވަނީ މި ޝަރުޠުތަކާ ޚިލާފަށް, ހަރްކިވާ މާ ދުރުގައި އޮތް ސަރަޙައްދަކަށް ވެސް ޙަމަލާ ދީފައެވެ.

މި ގޮތުން, އެމެރިކާއިން ފޯރުކޮށްދީފައިވާ އޭޓީއޭސީއެމްއެސް މަރުކާގެ މިސައިލް ބޭނުން ކޮށްގެން ޔޫކްރެއިނުން ޙަމަލާ ދީފައި ވަނީ ކިއެރްޗް ކަނޑު ހުރަސްކޮށް އޮންނަ ރަޝިޔާގެ ކިއެރްޗް ފެރީ ޓަރމިނަލަކަށެވެ. އެއީ, ކްރައިމިޔާގައި ހަރަކާތްތެރިވާ ރަޝިޔާގެ ފައުޖުތަކަށް ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދޭން ބޭނުން ކުރާ ދަތުރުފަތުރުގެ ވިއުގައެއް ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ފެރީތަކާއި ރޭލުތައް ހަލާކު ކޮށްލާފައިވާނެ ކަމުގައި ވެސް ޔޫކްރެއިނުން ބުންޏެވެ.

ނަމަވެސް, އެއީ ހަރްކިވް ކައިރީގައި އޮންނަ ސަރަޙައްދެއް ނޫނެވެ. ހަރްކިވް އޮންނަނީ ރަޝިޔާގެ ބިޔެލްގޮރޮދާ އިންވެގެންނެވެ. ކިއެރްޗް ކަނޑުއޮޅިއަކީ ޔޫކްރެއިންގެ ކްރައިމިޔާއާއި ރަޝިޔާގެ ކްރަސްނަދަރްސްކީ ކްރައިއާ ދެމެދުގައި އޮންނަ ކަނޑު އޮޅިއެވެ.

އެއަށްފަހު ޔޫކްރެއިނުން ވަނީ ރަޝިޔާގެ ބިޔެލްގޮރޮދުގައި އެސް-300 ނުވަތަ އެސް-400 މަރުކާގެ މިސައިލް ދިފާޢީ ނިޒާމެއް ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައެވެ. އެ ތަނަށް ޙަަމަލާ ދޭން ބޭނުން ކޮށްފައި ވަނީ އެމެރިކާއިން ފޮނުވާފައިވާ ހައިމާސް މަރުކާގެ ރޮކެޓެވެ. އެ ޙަމަލާގައި ރަޝިޔާގެ އަސްކަރީ މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

ނޭޓޯގެ ބާރުތަކުން މިހާރު ދަނީ ޔޫކްރެއިނަށް އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދޭން ތައްޔާރު ވަމުންނެވެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ޔޫކްރެއިނުން ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވޭއިރު, މިއާ އެކު ޔޫކްރެއިންގެ އަސްކަރިއްޔާގެ ގާބިލުކަން އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެއެވެ.

އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރުމުގައި ގިނަ ޤައުމުތަކުން ޔޫކްރެއިންގެ މައްޗަށް އެއްވެސް ޝަރުޠެއް ކޮށްފައެއް ނެތެވެ. އަދި, ރަޝިޔާގެ ރަށްތަކަށް ޙަމަލާ
ދިނުމަށް ވެސް ޔޫކްރެއިނަށް އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރެވޭނެއެވެ. ޔޫކްރެއިނަށް އެންމެ ފުރަތަމަ އެ މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދޭނީ ޑެންމާކާއި ނެދަލެންޑްސުންނެވެ. ބެލްޖިޔަމުން ވެސް ވަނީ, ޔޫކްރެއިނަށް އެ މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޮނުވާނެ ކަމަށް ބުނެފައެވެ.