ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމު ހުއްޓުވަން ދެކުނު އެފްރިކާއިން އދގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ތަދައްޚުލްވާން ސްޕެއިނުން ނިންމައިފިއެވެ. ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ, ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޖޭނީވާ ކޮންވެންޝަނާ ޚިލާފު ހަނގުރާމައިގެ ކުށްތަކާއި ގަތުލުއާންމެއް ހިންގަމުންދާ ކަމުގައެވެ.
2023 ޑިސެންބަރުގައި ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގައި ތަދައްޚުލްވާން ސްޕެއިނުން ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ހޯސޭ މަނުއޭލް އަލްބާރޭސެވެ. "އަޅުގަނޑުމެން މި ގޮތަށް ނިންމީ, ޢައްޒާގެ [މުސްލިމުންނާ] ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާތީ. އެ މައްސަލަ ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވުމުގެ ފުރުޞަތު އޮތް ކަމަށް ފެންނާތީ،" އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި ތަދައްޚުލްވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމުގެ ގޮތުން ސްޕެއިނަށް ލާޒިމު ކަމެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ [ޔަހޫދީ ފައުޖުގެ ލާއިންސާނީ] ހަނގުރާމައަށް ނިމުމެއް ގެނެސް, [ފަލަސްޠީނާއި އިސްރާއީލުގެ] މިނިވަން ދެ ދަޢުލަތް ބިނާ ކުރުމަށް މަގު ކޮށައިދިނުން،" އަލްބާރޭސް ވިދާޅުވިއެވެ.
ހުސްވި މޭ މަހުގެ 28ވަނަ ދުވަހު, ސްޕެއިންގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ދެ ޤައުމަކުން ވަނީ ފަލަސްޠީނުގެ ސިިޔާދަތާއި މިނިވަން ކަން ބަލައިގަތުމަށް ނިންމައި, އެ ކަން އިޢުލާނު ކޮށްފައެވެ. އެއީ, އަޔަލެންޑާއި ނޯވޭއެވެ. އެއަށްފަހު, ސްލޮވީނިޔާއިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައެވެ. މިއީ, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތައް ހުއްޓުވަން ބާރު އެޅުމުގެ ގޮތުން އެ ޤައުމުތަކުން އަޅާފައިވާ ހަރުދަނާ ފިޔަވަޅެކެވެ. އަދި, ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޔަހޫދީ އިސްރާއީލް އިތުރަށް ބާކީ ވެގެން ދިޔަ ނިންމުމެކެވެ.
ނަމަވެސް, މިއީ ޔަހޫދީންނަށް ހަޖަމު ކުރެވުނު ނިންމުމެއް ނޫނެވެ. މި ކަމާ މެދު ހިތްހަމަ ނުޖެހިގެން ޔަހޫދީން ވަނީ ސްޕެއިނާއި, އަޔަލެންޑުގެ އިތުރުން ނޯވޭން ނިރުބަވެރިންނަށް އެއްބާރުލުން ދޭ ކަމަށް ތުހުމަތުކޮށް, އެ ތިން ޤައުމުގައި ތިބޭ ޔަހޫދީ ސަފީރުން އަނބުރާ ޤައުމެއް ގެންގޮސްފައެވެ. އިީޔޫގެ މެންބަރުން ކަމުގައިވާ ސްވިޑެން, ސައިޕްރަސް, ހަންގެރީ, ޗެކް ރިޕަބްލިކް, ޕޮލެންޑް, ސްލޮވާކިޔާ, ރޮމޭނިޔާ އަދި ބުލްގޭރިޔާއިން ވެސް ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެއެވެ.
ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގައި އައިސީޖޭން ވަނީ އެ ޤައުމާ އެއްކޮޅަށް ނިންމާފައެވެ. އަދި, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ޖެނީވާ ކޮންވެންޝަނާ ޚިލާފަށް ގަތުލުއާންމެއް ހިންގަމުންދާ ކަމަށް ކަނޑައަޅާފައެވެ. އަދި, ދާދި ފަހުން އައިސީޖޭން ވަނީ, ޣައްޒާގެ ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުތައް ވަގުތުން ހުއްޓައިލުމަށް ފަހު އެ ރަށުން ފައިބަން ޔަހޫދީ ފައުޖުގެ މައްޗަށް އަމުރު ކޮށްފައެވެ.
ނަމަވެސް, އައިސީޖޭގެ އަމުރު ބޮލާލާޖަހައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުރި ޢާންމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނެވެ. މި ޙަމަލާތަކުގައި 77 މީހުން ޝަހީދުކޮށް, 221 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,731އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 83,530އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.