ޚަބަރު

ކުޑަކުދިންނަށް ލާއިންސާނީ އަނިޔާކުރާ ޤައުމުތަކުގެ ލިސްޓަށް ޒަޔަނިސްޓު އިސްރާއީލް


ކުޑަކުދިންނާ ދެކޮޅަށް ގަތުލުއާންމު ހިންގައި, ލާއިންސާނީ އަނިޔާތައްދޭ ޤައުމުތަކުގެ ލިސްޓަށް ޒަޔަނިސްޓު އިސްރާއީލު އިތުރު ކުރަން އދއިން ނިންމައިފިއެވެ. މިގޮތަށް އަމަލުކުރަން އދއިން ނިންމާފައި މިވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 15,500އަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ.

ކުޑަކުދިންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގައި, އަނިޔާތައްދޭ ޤައުމުތަކުގެ ލިސްޓަށް އިސްރާއީލް އިތުރު ކުރަން އދއިން ނިންމާފައިވާ ކަން ހާމަކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގިލާދް އަރްދާނެވެ. އޭނާ ބުނީ, އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް އޭނާއަށް އެ ކަން ރަސްމީކޮށް އަންގަވާފައިވާ ކަމުގައެވެ. މި ކަމާ ގުޅިގެން އޭނާ ވަނީ ގުތެރޭޝަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި, ގުތެރޭޝާއެކު ފޯނުން ދެއްކި ވާހަކަތައް ރެކޯޑުކޮށް, އޭނާ ވަނީ އޭގެ ބައިތައް މީސްމީޑިޔާ މަންސަ, އެކްސްގައި ޢާންމު ކޮށްފައެވެ.

ކުޑަކުދިންނަށް ލާއިންސާނީ އަނިޔާތައްދޭ ޤައުމުތަކުގެ ލިސްޓު, "ޗިލްޑްރަން އިން އާމްޑް ކޮންފްލިކްޓް" ރިޕޯޓުގައި އިސްރާއީލުގެ ނަން ހިމަނަން ނިންމާފައިވާ ކަން ގުތެރޭޝްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި, އަރްދާނަށް ފޯނުން ގުޅުއްވައި, ގުތެރޭޝް އެ ކަން ރަސްމީކޮށް އަންގަވާފައިވާ ކަމުގައި ވެސް ޑުޖާރިކް ވިދާޅުވިއެވެ. އެ ރިޕޯޓު ޖޫން 14ވަނަ ދުވަހު އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި, އެއަށްފަހު ޢާންމު ކުރާނެ ކަމުގައި ވެސް ޑުޖާރިކް ވިދާޅުވިއެވެ.

ގުތެރޭޝްގެ ފޯނު ކޯލު ރެކޯޑުކޮށް, އޭގެ ބައެއް ބައިތައް އަރްދާން އެކްސްގައި ޢާންމު ކުރުމާ ގުޅިގެން ޑުޖާރިކް ވަނީ އެ ކަން ކުށްވެރި ކުރައްވާފައެވެ. "އެއީ ވަރަށް ކަންބޮޑުވާ, ހައިރާންކަން ލިބުނު ކަމެއް. އަޅުގަނޑު މި ތަނުގައި [އދގައި] ޚިދުމަތް ކުރާތާ މިވީ 24 އަހަރުގެ ތެރޭގައި އެ ފަދަ އަމަލެއް ދުވަހަކު ވެސް ނުދެކެން،" ޔަހޫދީ އަރްދާނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޑުޖާރިކް ވިދާޅުވިއެވެ.

އދއިން ނެރޭ "ޗިލްޑްރަން އިން އާމްޑް ކޮންފްލިކްޓް" ރިޕޯޓުގައި ފަލަސްޠީނުގެ ކުޑަކުދިންނާ ދެކޮޅަށް ލާއިންސާނީ ކުށްތައް ކުރަމުންދާ ޒަޔަނިސްޓު އިސްރާއީލް ހިމެނުމަށް ގޮވައިލައި މީގެ ކުރިން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަނީ އެތަކެއް ފަހަރަކު ގޮވައިލާފައެވެ. އެ ލިސްޓުގައި ރަޝިޔާއާއި, ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި, ސޮމާލިޔާގެ އިތުރުން ސޫރިޔާއާއި ހެއިޓީ ވެސް ހިމެނެއެވެ.

އެ ލިސްޓުގައި ޒަޔަނިސްޓު އިސްރާއީލު ހިމަނަން ގުތެރޭޝް ނިންމެވުމުން ފަލަސްޠީނުން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. ފަލަސްޠީނުގެ އިސް އޮފިޝަލެއް ކަމުގައިވާ ރިޔާޟް އަލް-މަލިކީ ވިދާޅުވީ, އެ ލިސްޓަށް އިސްރާއީލު އިތުރު ކުރުން މާ ލަސްވެސް ވެއްޖެ ކަމުގައެވެ.

"ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް [ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން] ހިންގަމުންދާ ގަތުލުއާންމުގެ މަންޒަރުތައް މުޅި ދުނިޔެއަށް އެ ދަނީ ފެނި, ހާމަވަމުން. އދގެ ބްލެކްލިސްޓަށް [ޒަޔަނިސްޓު] އިސްރާއީލު އިތުރު ކުރުން ނޫން ގޮތެއް ގުތެރޭޝަކަށް މިހާރު ނެތް،" މަލިކީ ވިދާޅުވިއެވެ.

ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ މައިގަނޑު އެއް އަމާޒަކީ, ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމަގާއި, ކުރިއަށް އޮތް ޖީލުތައް ނައްތައިލުމެވެ. ކުޑަކުދިން ޝަހީދުކޮށް ނެތިކޮށްލައި, ޔަހޫދީންގެ އިސްތިޢުމާރީ އަޅުވެތިކަމާ ދެކޮޅަށް ކުރިމަގުގައި ތެދުވަން ތިބި ފުރާނަތައް ނަގައިލުމެވެ. އެ ކަން ހާސިލު ކުރުމަށް ޔަހޫދީ ފައުޖުން ދަނީ ޖައްބާރު އެތަކެއް އުކުޅެއް ބޭނުން ކުރަމުންނެވެ.

މި ގޮތުން, ޣައްޒާއަށް ކާބޯތަކެތި ވައްދަން ހުރަސްއަޅައި, ޣައްޒާގެ މުސްލިމުން, ޚާއްޞަކޮށް ކުޑަކުދިން, ހައިހޫނުގައި ޖެއްސުމަކީ މި އަމާޒު ހާސިލު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ކުށެވެ. ކުޑަކުދިންނާ ބެހޭ އދގެ ފަންޑު, ޔުނިސެފުން ބުނީ, ޣައްޒާގެ ކޮންމެ 10 ކުއްޖެއްގެ ތެރެއިން ނުވަ ކުދިންނަށް ފައިދާހުރި ކާނާ ނުލިބި, ބަލިކަށިވެ, އަނަރޫފަވަމުންދާ ކަމުގައެވެ. ހައިހޫނު ކަމުގައި ޣައްޒާގެ ކުޑަކުދިން ޝަހީދުވަމުންދާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

މީގެ ހަތް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 36,801އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 83,680އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.