ނަރެންދްރަ ދާމޯދަރްދާސް މޯދީގެ ޅަ އުމުރުޅައި, ދުވާލުގެ ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތީ ގުޖުރާތް ސްޓޭޓްގެ ވަޑްނަގަރު ރޭލު ސްޓޭޝަނުގައެވެ. އެ ސްޓޭޝަނުން ދަތުރު ކުރާ ފަސިންޖަރުންނަށް ސައިވިއްކުމުގައި ބައްޕާފުޅަށް އެހީތެރިވެދެއްވުމުގައެވެ. ނަމަވެސް މިއަދު އޭނާއަކީ އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ, ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އެންމެ އިސް ވެރިޔާއެވެ. އަދި, ދުނިޔޭގެ އެންމެ ބޮޑު ޑިމޮކުރަސީގެ ބޮޑުވަޒީރެވެ.
މޯދީ އުފަންވެވަޑައިގަތީ 1950ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17ވަނަ ދުވަހުއެވެ. ޢާއިލާއަކީ ކުޑަ ވިޔަފާރިއެއް ހިންގާ, ދަށް ފަންތީގެ ކާސްޓަކަށް ނިސްވަތްވާ ޢާއިލާއެކެވެ. ނަމަވެސް, މޯދީގެ އުމުރުން ވަރަށް ޅަ ދުވަސްވަރުން ފެށިގެން ސިޔާސީ މައިދާނަށް ޝައުޤުވެރިކަން އުފެދުނެވެ. އަދި, އުމުރުން އަށް އަހަރުން ފެށިގެން ރާޝްތްރިޔަ ސްވަޔަކްސޭވަކް ސަންގް (އާރްއެސްއެސް)އާއެކު މަސައްކަތްޕުޅުކުރައްވަން ބޭނުންފުޅުވިއެވެ.
މޯދީ ބީޖޭޕީއާ ގުޅިވަޑައިގަތީ މީގެ 38 އަހަރު ކުރިން 1985ވަނަ އަހަރުއެވެ. އޭގެ ކުރީ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ލޮކް ސަބާއިން އެ ޕާޓީއަށް ކާމިިޔާބުކުރެވުނީ އެންމެ ދެ ގޮނޑިއެވެ. ނަމަވެސް, ބީޖޭޕީ ކުރިއެރުވުމެގެ މަޤްޞަދުގައި މޯދީ ހުއްޓުމެއްނެތި މަސައްކަތްކުރެއްވިއެވެ. ޕާޓީގެ އެތެރޭގެ އެކި މަޤާމުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރައްވަމުން ގެންދެވި މޯދީ 1991ވަނަ އަހަރު ވަނީ އެ ޕާޓީގެ ނޭޝަނަލް އެގްޒެކެޓިވަށް ހޮވާފައެވެ. އެއިރު, އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޕާޓީގެ އިސް އޮފިޝަލެއް ކަމުގައިވާ މުރްލީ މަނޯހަރް ޖޯޝީގެ އަރިހުގައެވެ.
އޭގެ ހަތަރު އަހަރު ފަހުން ގުޖުރާތުގައި ބޭއްވި އިންތިޚާބުގައި ބީޖޭޕީއަށް ކާމިޔާބީ ހޯއްދަވައިދެއްވަން މޯދީ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި, ބީޖޭޕީއަށް އޮތް ތާޢީދު ފުޅާ ކުރުމުގައި އޭނާގެ އިސް ދައުރެއް އޮތެވެ. މޯދީއަކީ ޖޯޝީގެ އަރިސް ބޭފުޅެއް ނަމަވެސް, ސިޔާސީ މައިދާނަށް މޯދީގެ ލޯފުޅު ހުޅުއްވައިދެއްވައި, ސިޔާސީ ވެރިއެއްގައި ހުންނަންޖެހޭނެ ސިފަތަކާއި ވައްޓަފާޅި އުނގަންނައި ދެއްވީ އެ ޕާޓީގެ އިސްވެރިއެއް ކަމުގައިވާ ލާލް ކްރިޝްނާ އަދްވާނީއެވެ.
އަދްވާނީގެ ދަރިވަރު ކަމުގެ ދަށުން, 2001ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިޔާގެ ސިނާޢީ މައި ސްޓޭޓްގެ ގޮތުގައި ބެލެވޭ ގުޖުރާތްގެ ޗީފް މިނިސްޓަރުކަމުގެ މަޤާމަށް މޯދީ ޢައްޔަން ކުރެވުނެވެ. ޕާޓީގެ ތެރޭގައި އިތުރަށް ކުރިއަށް ވަޑައިގެންނެވުމަށް މޯދީއަށް ފުރުޞަތު ފަހިވީ, ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖަނާޙާ ގުޅޭ ގޮތުން އަދްވާނީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން, އޭނާއަށް ބީޖޭޕީގެ ރައީސްގެ މަޤާމުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވުމުންނެވެ.
ޗީފް މިނިސްޓަރުކަމުގެ މަޤާމުގައި މޯދީވަނީ ގުޖުރާތް ސްޓޭޓްގެ އިޤުތިޞާދު ސިންދަފާތުކޮށް, ކުރިއަރުވައި ފުޅާކުރައްވަން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މޯދީގެ ހިންގެވުމުގެ ދަށުން ގުޖުރާތްގެ ސަރުކާރުން ވަނީ އެ ސްޓޭޓަށް ބޭރުގެ އިންވެސްޓަރުން ހޯދައި, ގެންނަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން, އެމެރިކާގެ ޕީއާރް ކުންފުނި, އެޕްކޯ ވަރލްޑް މެދުވެރިކޮށް އިޤުތިޞާދީ ދުނިޔޭގައި ގުޖުރާތް އިޝްތިހާރުކުރައްވަން މޯދީ އިސްވެ، ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރެވެއެވެ.
އިންޑިޔާގެ ބިޔަ, ބޮޑު އާބާދީއާ އަޅައިބަލާއިރު ގުޖުރާތްގައި ދިރިއުޅެނީ އެންމެ ފަސް އިންސައްތައެވެ. ނަމަވެސް, މޯދީގެ ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޖުރާތަކީ އިންޑިޔާގެ މައި އިޤުތިޞާދީ މަރުކަޒަކަށް ހެއްދެވިއެވެ. އަދި, ސިނާޢީ އުފެއްދުންތެރިކަން އިތުރުކޮށް, އިންޑިޔާގެ އިޤުތިޞާދުގެ ސިނާއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތަ ހިއްސާ ގުޖުރާތަށް ހޯއްދަވައިދެއްވިއެވެ. އެއިރު, ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ދިޔަ, އަދި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މަގުތައް އޮތީ ގުޖުރާތުގައެވެ.
މޯދީގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީގައި ލިޔުންތެރިޔާ ޝިރްޝޭދޫ މުކޯޕާދިޔާޔީ ލިޔުއްވާފައިވާ ގޮތުގައި މޯދީއަކީ ހިތްވަރުގަދަ, ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރެއްވުމުގައި ހޭދަ ކުރައްވާ ބޭފުޅެކެވެ. އަދި, ހިންގުންތެރި, ގަބޫލުކުރައްވާ ސިޔާސީ ފިކުރު ކުރިއަރުވަން ޚިދުމަތް ކުރުމުގައި ދެމިހެންނެވުމުގެ އަޒުމުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
އިންޑިޔާގައި ދާދިފަހުން ބޭއްވި ޢާންމު އިންތިޚާބުގައި ބީޖޭޕީއަށް އޮތް ތާޢީދު ފަނޑުވެފައިވާކަން ހާމަވެގެން ދިޔަ ނަމަވެސް, ބީޖޭޕީގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަނުން ވަނީ އިންތިޚާބުގައި ކުރި ހޯދާފައެވެ. އަދި, އެ ކޯލިޝަންގެ ބޮޑު އަޣުލަބިއްޔަތަކުން މޯދީގެ ވެރިކަން ބަލައިގަނެ, އިތުރު ދައުރެއްގައި ބޮޑުވަޒީރު ކަމުގެ މަޤާމުގައި ދެމިހުންނެވުމުގެ ފުރުޞަތު މޯދީއަށް އަރުވާފައެވެ.
2001ވަނަ އަހަރު ސިޔާސީ މައިދާނުގައި ރަސްމީކޮށް ފިޔަޖައްސަވަން ފެއްޓެވި މޯދީގެ އުމުރުފުޅުން މިހާރު 73އެކެވެ. މިއަދު އޭނާއަކީ އިންޑިޔާގެ އެންމެ ބޮޑު އަދި ބާރުގަދަ ޕާޓީގެ އެންމެ މަތީ ވެރިޔާއެވެ. އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އަދި ބާނީއެއްގެ ގޮތުގައި ބެލެވޭ ޖަވާހަރްލާލް ނެހްރޫއަށްފަހު, ތިންވަނަ ދައުރެއްގައި ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ލީޑަރަކީ މޯދީއެވެ.
މޯދީގެ ހިންގުންތެރި ވެރިކަމުގައި ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާއަކީ ދުނިޔޭގެ ބާރަކަށް ހެއްދެވިއެވެ. ހުސްވި އަހަރު އިންޑިޔާގެ އިޤުތިޞާދީ ދުވެލި ހުރީ 8.2 އިންސައްތައިގައެވެ. ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި މޯދީ ވަނީ, ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދުތަކުގެ ލިސްޓުން އިންޑިޔާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ.
މިގޮތުން, މޯދީގެ ވެރިކަމުގައި އިންޑިޔާއިން ވަނީ އެ ލިސްޓުގައި ފަސް ދަރަޖަ މައްޗަށް އުފުލިފައެވެ. މިވަގުތު އިންޑިޔާއަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤުތިޞާދެވެ. އަދި, ދުނިޔޭގައި އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ އިޤުތިޞާދެވެ. މޯދީގެ އަމާޒަކީ, ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤުތިޞާދަކީ އިންޑިޔާ ކަމުގައި ހެއްދެވުމެވެ.
"އަޅުގަނޑުގެ ހަޔާތުގެ ކޮންމެ ސިކުންތެއްވެސް ހޭދަ ކުރާނީ ޤައުމަށްޓަކައި, ތިޔަ ބޭފުޅުންނަށް [އިންޑިޔާގެ ރައްޔިތުންނަށް] ޓަކައި. އެކުގައި އަޅުގަނޑުމެންނަށް މި ޤައުމު ކުރިއަށް ގެންދެވޭނެ. ފާއިތުވި ދަހަރެއްހާ ދުވަހަކީ ހަމައެކަނި ޓްރެއިލަރއެއް [އިޝްތިހާރެއް]،" އޭނާގެ ވެރިކަމުގައި ކުރިއަށް އޮތް ފަސް އަހަރު އިޤުތިޞާދީ ގޮތުން އިންޑިޔާއިން އިތުރު ހަރުފަތްތަކެއް ކަޑައްތު ކުރާނެ ކަން ފާހަގަކުރައްވައި މޯދީ ވިދާޅުވެފައިވެއެވެ.
މޯދީގެ އަމާޒަކީ, 2047ވަނަ އަހަރުގެ ކުރިން އިންޑިޔާއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމެވެ. މޯދީގެ ދުވެލީގައި އެ އަމާޒު ހާސިލުކުރާނެކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.