ޚަބަރު

ތާރީޚީ ތިންވަނަ ދައުރަކަށް މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވައިކުރައްވައިފި


އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވައިކުރައްވައިފިއެވެ. ހުވައިކުރުމުގެ ކުލަގަދަ ރަސްމިއްޔާތު ބާއްވާފައި ވަނީ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު, ރާޝްތްރަޕަތީ ބަވަންގައެވެ. ހުވައި ލައިދެއްވީ ރައީސާ ދްރޮޕަދީ މުރްމޫއެވެ.

މޯދީ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް, އޭނާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނެވުމުގެ ދަޢުވަތު އަރުވާފައެވެ. އަދި, މޯދީގެ ދަޢުވަތު ގަބޫލުފުޅުކުރައްވައި, ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއު ދިއްލީއަށް ވަޑައިގަންނަވާފައެވެ. ނިއު ދިއްލީން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި, އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވައި, އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައިވެރިވެ ވަޑައިގެންނެވި މަންޒަރު, އިންޑިއާގެ ޓީވީން ވަނީ ވަގުތުން ދުރަށް ދައްކާފައެވެ.

އުމުރުން 73 އަހަރުގެ މޯދީއަކީ, އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަދި ބާނީއެއްގެ ގޮތުގައި ބެލެވޭ ޖަވާހަރްލާލް ނެހްރޫއަށްފަހު, އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ވެރިޔާއެވެ. ޖޫން 1ވަނަ ދުވަހު ނިމުނު އިންޑިއާގެ ޢާންމު އިންތިޚާބުގައި މޯދީގެ ބާރަތިޔަ ޖަންތާ ޕާޓީ (ބީޖޭޕީ)އަށް އަޢުލަބިއްޔަތު ކާމިޔާބު ކުރެވިފައި ނެތް ނަމަވެސް, އެ ޕާޓީގެ ގުޅިފައިވާ ކޯލިޝަން, ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ން ވަނީ އިންތިޚާބުގައި ކުރި ހޯދާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ތާރީޚީ ތިންވަނަ ދައުރަކަށް މޯދީ ހުވައި ކުރައްވާފައި މި ވަނީ, އެންޑީއޭ ކޯލިޝަންގައި ހިމެނޭ 14 ޕާޓީގެ ތާޢީދާ އެކުގައެވެ. މީގެ ކުރިން އިންޑިއާގައި ބޭއްވި ދެ ޢާންމު އިންތިޚާބުގައި ވެސް ބީޖޭޕީން ވަނީ ސަރުކާރު އެކުލަވައިލަން ބޭނުންވާ މިންވަރަށް, ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ލޮކް ސަބާއިން މެޖޯރިޓީ, ނުވަތަ އަޣުލަބިއްޔަތު ހޯދާފައެވެ.

ފާއިތުވި ދަހަރު މޯދީ ވަނީ އިންޑިއާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. އިޤުތިޞާދީ ގޮތުން އިންޑިއާ މިއަދު ދެކެމުންދާ ކުރިއެރުމުގެ ބާނީއަކީ މޯދީ ކަމުގައި ބެލެވެއެވެ. މި ގޮތުން, މި ވަގުތު އެންމެ ހަލުވިކަމާ އެކު ކުރިއަރަމުންދާ އިޤުތިޞާދު އޮތީ އިންޑިއާގައެވެ. އަދި, އެއީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤުތިޞާދެވެ.

ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަމަވެސް, ކުރިއަށް އޮތް ދައުރަކީ މޯދީއަށް ގިނަ ހުރަސްތަކާއި ގޮންޖެހުންތައް އަމާޒުވާނެ ފަސް އަހަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. އެއް ސަބަބަކީ, ގިނަ ޢަދަދަކަށް ކުދި ޕާޓީތައް އެކުލެވިގެންވާ ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ޖެހިވަޑައިގަތުމެވެ. އަދި, އިންޑިއާގެ މައި އިދިކޮޅު ޕާޓީ, އިންޑިޔަން ނޭޝަނަލް ކޮންގްރެސުން އިންތިޚާބުގައި ކުރިއެރުންތަކެއް ހޯދައި, ބާރާއި ނުފޫޒު ގަދަ ކުރަމުން ދިޔުމެވެ.

"އަޅުގަނޑުމެންނަށް [ބީޖޭޕީއާއި އެންޑީއޭއަށް] މެޖޯރިޓީ ލިބިއްޖެ. ނަމަވެސް, ޤައުމެއް ހިންގަން [ހުރިހާ އެންމެންގެ] އެއްބަސްވުން ކޮންމެހެން ވެސް ބޭނުންވާނެ. އެ އެއްބަސްވުން ހޯދަން [ގާއިމު ކުރަން] އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރާނަން،" މޯދީ ވިދާޅުވިއެވެ.