ޚަބަރު

ރިޟްވާންގެ މައްސަލައާއި ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރައްވައިފި


ގެއްލިފައިވާ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިޔާ އަޙުމަދު ރިޟްވާންގެ މައްސަލައާއި ގުޅޭ މަޢުލޫމާތު، ދިވެހި ސަރުކާރުގެ ފަރާތުން އ.ދގެ "ވަރކިން ގްރޫޕް އޮން އެންފޯރސްޑް އޯ އިންވޮލަންޓަރީ ޑިސަޕިއަރަންސަސް"އާއި ޙިއްޞާ ކުރައްވައިފިއެވެ.

އ.ދގެ ވަރކިންގ ގްރޫޕްގެ 109 ވަނަ ސެޝަންގެ ބައްދަލުވުމުގައި ގްރޫޕްގެ މެމްބަރުންނާއި ބައްދަލުކުރެއްވި ދިވެހި ސަރުކާރުގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ އ.ދ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު، ޑރ. ޙާލާ ޙަމީދުއެވެ.

މި ވަފްދުގައި ދެން ހިމެނިވަޑައިގަންނަވަނީ ޚާރިޖީ ވުޒާރާއާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ފުލުހުންގެ އިދާރާގެ ބޭފުޅުންކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއްވައެވެ. މި ބައްދަލުވުމާއި ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޙާލާ ޙަމީދު ވިދާޅުވީ، މި ބައްދަލުވުމުގައި ވަރކިންގ ގްރޫޕްގެ މެމްބަރުންވަނީ، ރިޟްވާންގެ މައްސަލައިގައި ދިވެހި ސަރުކާރުން ހުށައަޅުއްވާފައިވާ މަޢުލޫމާތަކީ، މިހާތަނަށް އެ ވަރކިންގ ގްރޫޕަށް ދައުލަތެއްގެ ފަރާތުން ހުށަހަޅާފައިވާ އެންމެ ތަފްޞީލީ މަޢުލޫމާތުކަން ފާހަގަކުރައްވާފައިކަމަށެވެ.

އަދި މި ބައްދަލުވުމުގައި ސަރުކާރުން ހުށައެޅުއްވި ހުށައެޅުއްވުމުގައި، އަޙްމަދު ރިޟްވާން ގެއްލުމުގައި ދައުލަތުގެ އެއްވެސް ފަރާތެއްގެ އެއްވެސް ޝާމިލްވުމެއް ހިމެނޭކަމަށް ތަޙްޤީޤަށް ފެނިފައިނުވާކަން ފާހަގަކުރައްވާ، މި މައްސަލައަކީ މި ވަރކިން ގްރޫޕްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭނޭ މައްސަލައެއް ކަމާމެދު ދިވެހި ސަރުކާރުން ސުވާލު ކުރެއްވިކަމަށްވެސް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

މިހާރު ޖެނީވާގައި ހިނގަމުންދާ މިވަރކިން ގްރޫޕްގެ 109 ވަނަ ބައްދަލުވުމުގައި 40 ޤައުމަކުން ހުށަހަޅާފައިވާ 800 މައްސަލައާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް ތާވަލުކުރެވިފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.