ޚަބަރު

ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަން ގޮވާލައިފި


އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް އަޅާފައިވާ އަނިޔާވެރި ޙިސާރުގެ ފިޔަވަޅުތައް ލުއިކޮށްދިނުމަށް ބެލްޖިއަމްއިން ގޮވާލައިފިއެވެ. 

އިސްރާއީލަށް ވަޑައިގެން އުޅުއްވާ ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ޑިޑިއަރ ރޭންޑާސް ވިދާޅުވީ، ޣައްޒާ އާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކުގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުން ބޮޑެތި ވޭންތަކެއް ތަހައްމަލް ކުރަންޖެހިފައިވާ ކަމަށާ ހިސާރުގެ ފިޔަވަޅުތައް އުވާލުމަށް ނޫނީ އެފިޔަވަޅުތައް ލުއިކޮށްދިނުމަށް އިސްރާއީލުގެ ސަރުކާރަށް އިލްތިމާސް ކުރައްވާކަމަށެވެ.

ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު ޑިޑިއަރ ރޭންޑާސް އިސްރާއީލަށް ވަޑައިގެން މިއުޅުއްވަނީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހުއެވެ. ޑިޑިއަރ، ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި އޭނާވަނީ ރާމަﷲ ގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއާއި ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ އާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14629456385925.jpg|ބެލްޖިއަމްގެ ޙާރިޖީ ވަޒީރު ޣައްޒާގައި / ފޮޓޯ؛ ޓްވިޓަރ

މިބައްދަލުކުރެއްވުން ތަކުގައި ޑިޑިއަރ ވަނީ އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޑިޑިއަރ އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތައް އަލުން ފެށޭނެ ގޮތްތަކާ ބެހޭގޮތުން އިސްރާއީލުގެ ހަރުކަށި ވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ. މިގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރު އަވިގްޑޯރ ލިބަމެން އާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެވޭނެ ގޮތްތަކާއި ބެހޭގޮތުން ކަމަށް ޑިޑިއަރ ވިދާޅުވިއެވެ. މީގެއިތުރުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ލުއިކުރުމާއި ބެހޭގޮތުންވެސް އިސްރާއީލުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. 

ގާތްގަނޑަކަށް ދެމިލިއަން މީހުން ދިރިއުޅޭ ފަލަސްތީނުގެ ޣައްޒާއަކީ 2005 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ އުދުވާނާއި ޙިސާރާ އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައިވާ ސަރަހައްދެކެވެ. މިކަމުގެ ސަބަބުން ޣައްޒާ ބޮޑު ޖަލަކަށް ބަދަލުވެ ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމަށްވަނީ އާދަޔާ ޚިލާފު ދަތިތަކަކާ ބޮޑެތި ވޭންތަކެއް ކުރިމަތިވެފައެވެ. 

img:http://s2.psmnews.mv/images/660x400/14629456601378.jpg|ބެލްޖިއަމްގެ ޙާރިޖީ ވަޒީރު ޣައްޒާގައި / ފޮޓޯ؛ ޓްވިޓަރ

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ތިންފަހަރެއްގެ މަތިން ހަނގުރާމަކޮށް ޣައްޒާގެ ބޮޑުބައެއް ތަޅައި ސުންނާފަތި ކޮށްލާފައިވާއިރު އެސަރަހައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީވެސް އިސްރާއީލުގެ އަނިޔާވެރި ޙިސާރުގެ ފިޔަވަޅުތަކެވެ. މިފިޔަވަޅުތަކުގެ ސަބަބުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ގަލާއި ސިމެންތިއާއި އެނޫންވެސް ބާވަތްތައް ޣައްޒާއަށް އެތެރެކުރުންވެސް އިސްރާއީލުވަނީ މަނާކޮށްފައެވެ. މީގެއިތުރުން ޣައްޒާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަތަކެތިވެސް ޣައްޒާއަށް އެތެރެކުރުން އިސްރާއީލުންވަނީ މަނާކޮށްފައެވެ. މިއީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތަށް ޣައްޒާގެ ރައްޔިތުން ތާއީދުކުރާތީ ޣައްޒާގެ އާންމު ރައްޔިތުންނަށް ޖަމާއީ ގޮތެއްގައި އަދަބު ދިނުމުގެ މަގްސަދުގައި އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކެކެވެ. 

އިސްރާއީލުގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށްފަހު ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި އެނބުރި ބްރަސަލްސްއަށް ވަޑައިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށާއި ޣައްޒާގެ އިގްތިސާދު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޚާއްސަ ހަފްލާއެއް އިންތިޒާމް ކުރައްވާނެކަމަށްވެސް ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.