ޚަބަރު

ކަޝްމީރުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ނުވަ މީހުން މަރުވެއްޖެ


އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި ނުވަ މީހުން މަރުވެ, އިތުރު 33 މީހުން ޒަޚަމުވެއްޖެއެވެ. ކަޝްމީރުގެ ދެކުނުގައި އޮންނަ ރަށެއް ކަމުގައިވާ ރިޔާސީގައި ހިނގި މި ހާދިސާގައި ބަސް އެކްސިޑެންޓުވެފައި ވަނީ, ހަތިޔާރު އެޅި ގުރޫޕެއްގެ ބަޔަކު ބަހަށް ބަޑީގެ ޙަމަލާތަކެއް ދިނުމާ ގުޅިގެން, ބަސް ކޮންޓްރޯލް ނުވުމުގެ ސަބަބުންނެވެ. އަދި, ފަރުބަދަމަތީ މަގަކުން ދަތުރު ކުރަމުން ދިޔަ ބަސް ވަނީ ތިރީގައި އޮތް ވާދީއަށް ވެއްޓިފައެވެ.

ރިޔާސީގެ ފުލުހުންގެ ވެރިޔާ މޯހިތާ ޝަރްމާ ވިދާޅުވީ, ބަހަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދިނުމުގެ ފަހަތުގައި އޮތީ ކޮން ގުރޫޕެއް ކަން ސާފުވެފައި ނުވާ ކަމުގައެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެއްވެސް ގުރޫޕަކުން ޙަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެއް ނުވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަށިތަކާއި, ޒަޚަމުވި މީހުން އެ ސަރަހައްދުގައި އޮންނަ ނާރާޔަން ހަސްފަތާލަށް ގެންގޮސްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ބަހުގައި ތިބި ފަސިންޖަރުންނަކީ ހިންދީ ދީނުގެ އަޅުކަމެއްގައި ބައިވެރިވުމަށް ދަތުރު ކުރަމުން ދިޔަ ބަޔެކެވެ. އިންޑިޔާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް މައްލިކާރްޖުން ކަރްގޭ ވަނީ މި ޙަމަލާ ކުށްވެރި ކުރައްވާފައެވެ. 2017ވަނަ އަހަރު ވެސް އެ ސަރަޙައްދުގައި ދުއްވާފައި ދިޔަ ބަހަކަށް މި ފަދަ ޙަމަލާއެއްދީ, އަށް މީހުން މަރައިލާފައިވެއެވެ.

ހިމާލަޔާ ފަރުބަދަ އޮންނަ އެ ސަރަޙައްދަކީ ހަމަނުޖެހުން ބޮޑު ސަރަޙައްދެކެވެ. އެ ސަރަޙައްދުގެ މިލްކުވެރިކަމަށް ޕާކިސްތާނުން ވެސް ދަނީ ދަޢުވާ ކުރަމުންނެވެ. 1989ވަނަ އަހަރުން ފެށިގެން އެ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތަކެއް ހާސް ބަޔަކު މަރުވެފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ނަމަވެސް, 2019ވަނަ އަހަރުގެ ފަހުން އެ ސަރަޙައްދުގައި ހިންގާ ހަމަނުޖެހުންތަކުގެ އަމަލުތަކުގެ ޢަދަދު މަދުވެފައިވާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އަދި, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ވަކިވެގަންނަން މަސައްކަތް ކުރާ ޖަމާޢަތްތަކުން ހުސްވި މަހު އިންޑިޔާގައި ބޭއްވި ޢާންމު އިންތިޚާބު ބޮއިކޮޓު ކޮށްފައި ނުވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އަދި, ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެ ސަރަޙައްދުގެ މީހުންގެ ތެރެއިން 58.6 އިންސައްތަ މީހުން އިންތިޚާބުގައި ބައިވެރިވެފައިވެއެވެ.