ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޤައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ކުރަންޖެހޭކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި ދުނިޔޭގެ އެކި ޤައުމުތަކަށް މި މައްސަލަ ކުރިމަތިވެފައިވާކަމަށެވެ.
ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަންވަނީ އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުންވަނީ ހާމަވެފައެވެ. މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ޤައުމުގެ އިޤްތިޞާދާއި މިކަން ގުޅޭ ހިސާބުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ޤައުމުތަކަށްވެސް ކުރިމަތިވެފައިވާކަމަށާއި، އެ ޤައުމުތަކުން މިހާރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ ޢިނާޔަތްތައް ދެމުންގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ޤައުމުތަކުގައި ހަރުދަނާކުރަމުން އަންނަކަމަށެވެ.
"ކުދިން ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާއަށް ދާތަންތަނުގައި ހަރުދަނާގޮތެއްގައި ޤާއިމުކުރޭ އެބަ ޤައުމުތަކުގައި. އެގޮތުން ވަޒީފާއަށް ދާ މައިންބަފައިންގެ ކުދިން ބެލުމުގެ ޒިންމާއަދާކުރެވޭނެ މަގުތައް އެބަ ފަހިވާންޖެހޭ. ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި މަޝްވަރާތަކަކަށް އެބަޖެހޭ ދާން މިކަމުގައި ޢަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން." ވަޒީރު ވިދާޅުވިއެވެ.
އުފަންވާ ކުދިންގެ އާބާދީ ނިސްބަތް ދަށްވުމުގެ ކަންބޮޑުވުން އިތުރުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން މިއަހަރު ކުރީކޮޅު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސްވަނީ މިކަމުގެ ސަބަބުން އިޤްތިޞާދަށް އޮތް ނުރައްކާ ފާހަގަކުރައްވާފައެވެ.
އެގޮތުން އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ލިބިފައި މިހާރު އޮތް ހަނި ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ރާއްޖެއަށް ނުހިފިއްޖެނަމަ އެއީ، ޤައުމީ ތަރައްޤީއަށް އެޅިގެންދާނެ ހުރަހެއްކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ބޯހިމެނުމުގެ ނަތީޖާ ހާމަކޮށް މިޢަދަދުތައް ބެލުމަށްފަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރެއްވި ގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީ ހުރީ 338434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީ 382751 މީހުންވަނީ އިތުރުވެފައެވެ.
އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ. ހަމަމިއާއެކު މި މުއްދަތުގައި ރާއްޖޭގެ ދޮށީ ޢުމުރުގެ އާބާދީ އިތުރުވެގެންދާނެއެވެ. މިހާރު އޮތް ގޮތަށް އޮވެއްޖެނަމަ ރިޓަޔަރވާ ބޮޑު އާބާދީއަކާއެކު މަސައްކަތްކުރާ ޢުމުރުގެ އާބާދީ ކުޑަވުމުގެ ސަބަބުން ޤައުމުގެ ހިންގުމަށް ބުރަ ބޮޑުވެގެންދާނެކަމުގެ ކަންބޮޑުވުން އެކިފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.