ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި


  • ބައްދަލުވުން ކުރިއަށްދިޔައީ އިންޑިއާގެ ރައީސް ދެއްވި ޖާފަތުގެ ހަވާސާގެ ތެރެއިން

  • ޖާފަތުގައި ޚާރިޖީ ވަޒީރާއި މާލީ ވަޒީރު ބައިވެރިވެވަޑައިގެންނެވި

  • ޖާފަތް އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގެ ހަވާސާގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރަސްމީ ޖާފަތް ބާއްވަވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުއެވެ. މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖާފަތް ބާއްވާފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައެވެ.

ޖާފަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ.

އިންޑިއާގެ ރައީސް ދެއްވި މި ޖާފަތަކީ އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި ދެއްވި ޖާފަތެކެވެ. މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.