ޚަބަރު

ޣައްޒާ ޝަހީދުންގެ ޢަދަދު 37,000އަށް; ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުގެ ވަޒީރެއްގެ އިސްތިޢުފާދީފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އިސް އެއް މޭސްތިރި ކަމުގައިވާ ބެނީ ގަންޓްޒް, ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން އިސްތިޢުފާ ދީފިއެވެ. ނަމަވެސް, އޭނާގެ އިސްތިޢުފާއާ ގުޅިގެން ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޤާނޫނު ހަދާ މަޖިލިސް, ކްނެސެޓުގައި އޮތް ތާޢީދަށް އަސަރެއް ނުކުރާނެއެވެ.

އިސްތިޢުފާ ދިނުމަށް ފަހު ގަންޓްޒް ބުނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމަށް ޖައްބާރު ނަތަންޔާހޫ ހުރަސް އަޅަމުންދާ ކަމުގައެވެ. އެ ޢުދުވާނާއި ގަތުލުއާންމު ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, އިސްތިޢުފާ ދީފައި ވަނީ މި ސަބަބާ ގުޅިގެން ކަމުގައި އޭނާ ބުންޏެވެ.

ޣައްޒާގައި ހިންގަމުންދާ ޢުދުވާން ހުއްޓައިލަން ގޮވައިލާ ޔަހޫދީންގެ ޢާންމުން މެދުކެނޑުމެއް ނެތި ކުރަމުންދާ މުޒާހަރާތަކަށް ވެސް އޭނާ ވަނީ ފާޑު ކިޔާފައެވެ. އޭނާ ބުނީ, ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދަނީ ޣައިރުޤާނޫނީ މުޒާހަރާތަކެއް ކަމުގައެވެ. އަދި, ޖައްބާރު ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުން އިސްތިޢުފާ ދިނުމަށް ގަންޓްޒް ވަނީ ދިފާޢީ ވަޒީރުގެ މަޤާމު ފުރަމުންދާ ޔޮއަވް ގަލަންޓަށް ވެސް ގޮވައިލާފައެވެ.

ގަންޓްޒްގެ އިސްތިޢުފާއާ ގުޅިގެން ކްނެސެޓުގައި ޖައްބާރު ނަތަންޔާހޫއަށް އޮތް އަޣުލަބިއްޔަތަށް އަސަރެއް ނުކުރި ނަމަވެސް, ދާޚިލީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި އޭނާއަށް ފިއްތުންތައް ކުރިމަތިވާނެއެވެ. "ޣައްޒާގެ މުސްލިމުން ނެތިކޮށްލަން [2023] އޮކްޓޫބަރު 7ގައި ލާއިންސާނީ ޢުދުވާނެއް ފެށުމުގެ ކުރިން ވެސް [ޖައްބާރު] ނަތަންޔާހޫގެ ސަރުކާރަށް މާ ބޮޑު ތާޢީދެއް ނެތް. ނަމަވެސް, ގަންޓްޒްގެ ނޭޝަނަލް ޔުނިޓީ ޕާޓީއާ އެކު ނަތަންޔާހޫގެ ސަރުކާރަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު،" މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ޔުނިވަރސިޓީ އޮފް ކެލިފޯނިޔާގެ ޕްރޮފެސަރ ޑަވް ވެކްސްމަން ވިދާޅުވިއެވެ.

"ގަންޓްޒާއި އޭނާގެ ބައިވެރިންނާ ނުލައި އިސްރާއީލުގެ ދާޚިލީ މަސްރަޙުގައި ނަތަންޔާހޫގެ ސަރުކާރަށް ޝަރުޢީ ގޮތުން ލިބިފައި އޮތް ލެޖިޓިމެސީ ގެއްލޭނެ. އަދި, އަވަސް އިންތިޚާބެއް އިޢުލާނު ކުރަން ބާރުއެޅިގެން ދާނެ. ނަމަވެސް, އޭނާ [ޖައްބާރު ނަތަންޔާހޫ] އެ ގޮތަށް އަމަލު ކުރާނެ ކަމަކަށް ނުބެލެވޭ. އިންތިޚާބެއް ބާއްވައިފި ނަމަ އޭނާއަށް [ނަތަންޔާހޫ]އަށް ބޮޑުތަނުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަން އޭނާއަށް އެނގޭ،" ވެކްސްްމަން ވިދާޅުވިއެވެ.

ގަންޓްޒް ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން އިސްތިޢުފާ ދީފައި މި ވަނީ, އޭނާގެ ބައިވެރިވުމާ އެކު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 37,084އަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,494އަށް އުފުލިފައެވެ.

ޣައްޒާގެ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔަހޫދީންނަށް ބާރުއަޅަމުންދާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރު ކުރަމުންނެވެ. ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީއާއި ދެކުނުގައި އޮތް ރަފަޙަށެވެ.

ޣައްޒާ ސިޓީގެ ޝަޖާޢައްޔަތުގައި ޢާންމުން ދިރިއުޅޭ ގެއަކަށް ބޮންއަޅައި ޔަހޫދީ ފައުުޖުން ވަނީ ދެ މީހުން ޝަހީދުކޮށްލައި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައެވެ. އަދި, ޣައްޒާ ސިޓީގެ ޛަޔިތޫނާއި ތަލް އަލް-ހަވާ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ގޮދޮރަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. މީގެ އިތުރުން ރަފަޙުގެ އުތުރުން އޮންނަ ޚިރްބަތް އަލް-ޢަދަސާއި, އަލް-ޙަޝާޝީނާއި ދަޔްރް އަލް-ބަލަޙަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދިނެވެ.

ޖޫން 8ވަނަ ދުވަހު ޔަހޫދީ ފައުޖުން އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ދިން ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 274އަށް އުފުލިފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 700އަށްވުރެ މައްޗަށް އަރައެވެ. އެ ޙަމަލާތަކާ އެކު, ޔަހޫދީންނަށް ވަނީ މުޅި ދުނިޔޭގެ ނުރުހުމާއި ފާޑިކިޔުން އަމާޒުވެފައެވެ.

ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, އަމިއްލަ ވަޒަން ގެއްލިފައިވާ ރެފިއުޖީން ދިރިއުޅެމުން ދިޔަ ފޭލިގެ ކޭމްޕުތަކާއި ވަގުތީ ހިޔާތަކުގެ އިތުރުން އެ މީހުންގެ ގެދޮރަށެވެ. މި ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުން ޝަހީދުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މިއާ އެކު, މި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.