ޚަބަރު

އެމްޑީޕީއާއި ޕީޕީއެމްގެ ޖަގަހަތަކެއް ފުލުހުން ނަގަން ފަށައިފި


ދ. ކުޑަހުވަދޫގައި ހުރި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ގެ ޖަގަހައަކާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީ.ޕީ.އެމްގެ ޖަގަހައެއް ނެގުމުގެ މަސައްކަތް ފުލުހުން ފަށްޓަވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވިދާޅުވީ މި ދެ ޖަގަހަ ނެގުމުގެ މަސައްކަތް ދ. ކުޑަހުވަދޫ ކައުންސިލް އިދާރާގެ އެދުމުގެ މަތިން ފުލުހުން ފެއްޓެވީ މި ދެ ޖަގަހައަކީ ޤަވާޢިދާ ޚިލާފަށް ދ. ކުޑަހުވަދޫގެ އިޖުތިމާއީ ސަރަހައްދުގައި ހަދާފައިވާ ޖަގަހަތަކެއް ކަމަށްވުމުންކަމަށެވެ. އަދި ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއިން ވަނީ، ވަކި މުހުލަތެއްގެ ތެރޭގައި އެތަންތަން ނެގުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަށް އަންގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެންގުމާއި އެއްގޮތަށް ޖަގަހަތައް ނަގާފައި ނުވާކަމަށް ޕޮލިސްއިން މަޢުލޫމާތުދެއްވައެވެ.

ހޯމް މިނިސްޓަރ އުމަރު ނަޞީދު ވިދާޅުވީ ދައުލަތުގެ ބިންތަކުގައި ހުރި ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ނެގުމަށް ފުލުހުންނަށް އަންގަވާފައިވާނޭކަމަށެވެ. 

tw:https://twitter.com/UmarNaseerPPM/status/730312189425254400

ދެހާސް ތޭރަވަނަ އަހަރު އަމަލުކުރަން ފެށި ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ދަށުގައިވާ އެއްވެސް ބިމެއްގައި ސިޔާސީ ޕާޓީގެ އެއްވެސް ޖަގަހައެއް ނުހެދޭނެއެވެ. އެ ގާނޫނުގައިވާ ގޮތުން އެއްވެސް ޕާޓީއެއް ހިންގުމަށް ދައުލަތުން ބިމެއް ދޭންޖެހޭނީ އެ ޕާޓީއެއްގައި ވިހިހާސް މީހުން ހަމަވާނަމައެވެ. އަދި ކުއްލި ދައްކަން ޖެހޭގޮތަށް ދައުލަތުން ދޫކުރާ އެއްހާސް އަކަފޫޓްގެ މިބިންވެސް ދޫކުރަންޖެހޭނީ މާލެއިންކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވެއެވެ. 

ދައުލަތުގެ އެއްވެސް ބިމެއްގައި ސިޔާސީ ޕާޓީތަކުގެ ޖަގަހައެއް ނެހެދުނު ނަމަވެސް އަލިއްލަ މީހުންގެ ގޯތީގައި ސިޔާސީ ޕާޓީތަކުގެ ޖަގަހާއި އޮފީސް ހިންގުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން އެއްވެސް ހުރަހެއްނެތެވެ.