ޚަބަރު

މޫސުމަށް ރައްޔިތުންދޭ ސަމާލުކަން ބޮޑުވެއްޖެ - ކޯސްޓްގާޑް


ވިއްސާރަވެ، ވައިގަދަވާ ޙާލަތުގައި، އެކަމަށް އެކި ފަރާތްތަކުންދޭ ސަމާލުކަން އިތުރުވެފައިވާތީ، ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައް ނުވަދިހަ ނުވައެއް އިންސައްތަ ދަށްވެފައިވާކަމަށް ކޯސްޓް ގާޑުން ހާމަކުރައްވައިފިއެވެ. 

ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް ވިދާޅުވީ ވިއްސާރަވެ، ވައިގަދަވެ، ކަނޑުގަދަވާ ޙާލަތުތަކަށާއި އަދި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކާއި އިރުޝާދުތަކަށް ގިނަ ފަރާތްތަކުން އިޖާބަދޭކަން ފާހަގަކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ރިޕޯޓްކުރެވިފައި ވަނީ ފާހަގަކުރެވޭވަރުގެ އެންމެ ދެމައްސަލައެއް ކަމަށެވެ. 

އެއްކަމަކީ ފަޅުގައި އަޅާފައި އޮތް ދޯންޏެއް ބަލަހައްޓަން ޙަވާލުވެފައި ތިބި މީހުންގެ ސަމާލުކަން ކުޑަވުމުގެ ސަބަބުން، އެ އުޅަނދު ފެތުންކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

އަނެއް ޙާދިސާއަކީ 45 ފޫޓްގެ ދެ ކޮންޓެއިނަރ އަރުވައިގެން ދަތުރުކުރަމުންދިޔަ 115 ފޫޓްގެ އުޅަނދެއް، ބާނީގެ ސަބަބުން ރޯލުކުރާ މިންވަރު ބޮޑުވެގެން ރިޕޯޓްކުރެވިފައިވާ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް މިކަމުގައިވެސް މީހަކަށް ނުވަތަ އުޅަނދަށް އަދި މުދަލަށް ގެއްލުން ލިބޭހިސާބަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14613433880698.jpg|ދޯންޏެއް އަޑިއަށްގޮސް، މުދާތައް އޮޔާދަނީ / ފޮޓޯ: އެމްއެންޑީއެފް

މޫސުމާބެހޭ ގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑާއި މޫސުމާބެހޭ ޤައުމީ އިދާރާއާއި އަދި ދައުލަތުގެ މީޑީއާއާއި އެހެންވެސް ކަމާބެހޭ އިދާރާތަކުން ވިލަރެސް ކުރެވިގެންދާ ގޮތެއްގައި ކުރެވޭ މަސައްކަތްތަކަށް ޢާންމުންގެ އެއްބާރުލުން ލިބޭތީ، މީގެ ކުރީގެ ނިސްބަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުން އެބަދާކަން ކާނަލް މުޙައްމަދު އިބްރާހީމް ފާހަގަކުރެއްވިއެވެ. އަދި ކަނޑުގެ އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށާއި މި ނޫންވެސް ކަމާ ގުޅުން ހުރި ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14629571063870.jpg|ކޯސްޓްގާޑުގެ އުޅަނދެއް /

މިއަހަރަކީ އެލްނީނޯ އަހަރަކަށްވުމާއެކު މޫސުމަށް ކުއްލި ކުއްލިއަށް އަންނަފަދަ ބަދަލާހެދި ވައިއެނބުރޭ ގޮތާއި ވައިގަދަވުން ލަފާކުރުން ދަތިވާތީ، އެކަމަށް ސަމާލުވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަލީ ޝަރީފް ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ބާރު ދަށްވަމުން އަންނަ ކަމަށާއި ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެއްވޭކަމަށެވެ. އެހެންނަމަވެސް މިހާރު މޫސުން ހުރިގޮތުން، މޫސުމަށް ސަމާލުވުމަށް، ދަތުރުފަތުރުކުރުމުގައި ބަލަންޖެހޭ ކަންކަމަށް ބަލަމުން ގެންދިއުމަށް މޫސުމާބެހޭ އިދާރާއިންނާއި ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.