ޚަބަރު

އެމެރިކާގެ މަގުޗާޓަށް ޙަމާސުން ރަސްމީކޮށް ރައްދު ދީފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ މަގުޗާޓަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަށްމީކޮށް ޖަވާބު ދީފިއެވެ. މި ކަން ހާމަ ކުރަމުން, ސުލްޙައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤަޠަރާއި މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނީ ޙަމާސްގެ އިތުރުން ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތް, އިސްލާމިކް ޖިހާދު (ޕީއައިޖޭ)ގެ ރައްދު ލިބިފައިވާ ކަމުގައެވެ.

ޙަމާސާއި ޕީއައިޖޭން ބުނީ, އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ މަޝްވަރާތަކުގައި ބިނާކުރަނިވި ގޮތެއްގައި ބައިވެރިވާން އެ ދެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, އެންމެ ބޮޑު އަމާޒަކީ, ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ހުއްޓުވުން ކަމުގައެވެ.

ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވީ ބައިޑަންގެ މަގުޗާޓު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އިތުރު ހުށަހެޅުންތަކެއް އެ ޖަމާޢަތުން ޤަޠަރާއި މިޞްރާ ހިއްސާ ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް, އެ ހުށަހެޅުންތަކާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

"އަޅުގަނޑުމެންގެ ޖަވާބުގައި އޮންނާނީ, އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ޖެހޭނެއޭ. ޣައްޒާއިން އިސްރާއީލުގެ [އަނިޔާވެރި އިސްތިޢުމާރީ] ސިފައިން ފައިބަން ޖެހޭނެއޭ. އަދި, ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފަށައި, އަސީރުން ބަދަލު ކުރަން ފަށަން ޖެހޭނެއޭ،" ޙަމްދާން ވިދާޅުވިއެވެ.

ޤަޠަރާއި މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުނީ, ޙަމާސުން ހުށަހަޅާފައިވާ ރައްދު ދިރާސާ ކުރަމުންދާ ކަމުގައެވެ. އަދި, ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލެވެން ދެން އެމެރިކާގެ އެހީތެރިކަމާ އެކު މަޝްވަރާތައް ވިލަރެސް ކުރާނެ ކަމުގައެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުގެ ތަރުޖަމާނު ޖޯން ކަރބީ ވެސް ވަނީ ޙަމާސްގެ ރައްދު ލިބިފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. "އަޅުގަނޑުމެން ވެސް މި ދަނީ ޙަމާސުން ދީފައިވާ ޖަވާބު ދިރާސާ ކުރަމުން،" އޭނާ ވިދާޅުވިއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ޣައްޒާއިން ޔަހޫދީ ސިފައިން ފޭބުމަށާއި, ރަފަޙް ހުރަސް ހުޅުވައިލައި, ޣައްޒާގެ ސަރަޙައްދީ ރޮނގުގެ ބާރު ފަލަސްޠީނާ ހަވާލު ކުރުން ޙަމާސް ޖަމާޢަތުގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ކަމުގައެވެ. ނަމަވެސް, ޔަހޫދީންގެ މައިގަނޑު އަމާޒަކީ ޙަމާސް ޖަމާޢަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށް, އެ ޖަމާޢަތުގެ ބާރު ކަނޑުވައިލައި, ޣައްޒާގެ ވެރިކަމުން އެ ޖަމާޢަތް ދުރު ކުރުމެވެ.

ބައިޑަންގެ ހުށަހެޅުމަށް ޙަމާސުން ރައްދު ދީފައި މި ވަނީ, އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ޖޫން 11ވަނަ ދުވަހު ބްލިންކަން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ސަރުކާރާ އެކު މަޝްވަރާތައް ބާއްވަވާފައެވެ. އަދި, ބައިޑަންގެ ހުށަހެޅުމަށް ޔަހޫދީންގެ ރުހުން ހޯދަން މަސައްކަތް ކުރައްވާފައެވެ. މިއީ, ޣައްޒާ ޢުދުވާން ފެށި ފަހުން ބްލިންކަން މެދުއިރުމައްޗަށް ވަޑައިގެންނެވި އަށްވަނަ ފަހަރެވެ.

މި ދަތުރުފުޅުގައި ޔަހޫދީންގެ ޢުދުވާން ހުއްޓުވުމުގެ އިތުރުން, ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ވެސް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޙިޒްބުاللهއާ ޔަހޫދީ ފައުޖާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު ވަނީ އިތުރުވެފައެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,164އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,832އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.