ޚަބަރު

ޙިޒްބުاللهގެ ކޮމާންޑަރެއް ޝަހީދުކޮށްލުމުން ޔަހޫދީންނަށް ރެކޯޑު ޙަމަލާތަކެއް ދީފި


ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގައި ޙިޒްބުاللهން ވަނީ ރެކޯޑު ޢަދަދަކަށް ރޮކެޓު ބޭނުން ކޮށްފައެވެ. މިގޮތުން, ޔަހޫދީ ފައުޖުގެ އަމާޒުތަކަށް 250އަށްވުރެ ގިނަ ރޮކެޓު ޙަމަލާ ދީފައިވެއެވެ. މިއީ, އެއް ދުވަހެއްގެ ތެރޭގައި ޙިޒްބުاللهން އެންމެ ގިނަ ޢަދަދެއްގެ ރެކޮޓު ޙަމަލާ ދީފައިވާ ދުވަހެެވެ.

2023 އޮކްޓޫބަރު 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން, ޙިޒްބުاللهން ކޮންމެ ދުވަހަކު ވެސް ދަނީ ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާތައް އަމާޒު ކުރަމުުންނެވެ. އަދި, ރައްދުގައި ޔަހޫދީ ފައުޖުން ވެސް ދަނީ ލުބްނާނުގެ ރަށްތަކަށް ބޮން އަޅައި, ޢާންމު ރައްޔިތުން ޝަހީދު ކުރަމުންނެވެ.

ޙިޒްބުاللهން ޔަހޫދީ ފައުޖަށް އަމާޒުކޮށް ރެކޯޑު ޙަމަލާތަކެއް ދީފައި މި ވަނީ, ޔަހޫދީންގެ ޙަމަލާއެއްގައި އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލުމާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ލުބްނާންގެ ދެކުނުގައި އޮތް ޖައްވިއްޔާއަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޠާލިބް ޢަބްދުاللهއެވެ.

އަބޫ ޠާލިބްގެ ނަމުން މަޝްހޫރު ޢަބްދުاللهއަކީ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ އެންމެ އިސް ކޮމާންޑަރެވެ. އޭނާ ޝަހީދު ކޮށްލަން ދިން ރަޙުމު ކުޑަ ޙަމަލާގައި, އެ ޖަމާޢަތުގެ އިތުރު ތިން މެންބަރުން ޝަހީދު ކޮށްލާފައިވެއެވެ.

ޢަބްދުالله ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޙިޒްބުاللهން ވަނީ ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ތަފާތު 25 އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ޔަހޫދީ ފައުޖަށް ޙަމަލާ ދޭން 250އަށްވުރެ ގިނަ ރޮކެޓު ބޭނުން ކޮށްފައިވާއިރު, އޭގެ ތެރެއިން 100 ރޮކެޓް ޙަމަލާ ދީފައި ވަނީ އެއް ވަގުތެއްގައެވެ.

މީގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެއިން ޒެއިތީމާއި އަމިއާދުގައި ހުންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށެވެ. އަދި, މެޜޯންގައި ހުންނަ ޔަހޫދީ ވައިގެ ސިފައިންގެ ޖާސޫސީ މަރުކަޒަކަށް ވެސް ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ޔަހޫދީ ފައުޖުގެ ހަތިޔާރު އުފައްދާ ކާރުޚާނާއަކަށް ވެސް ޙިޒްބުاللهން ވަނީ ގައިޑެޑް މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ވެރިރަން ބެއިރޫތުގައި ބޭއްވި ޢަބްދުاللهގެ ޖަނާޒާއަށް ފަހު ވާހަކަފުޅު ދައްކަވަމުން ޙިޒްބުاللهގެ އިސް އޮފިޝަލެއް ކަމުގައިވާ ހާޝިމް ޞަފީޔިއްދީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ދޭ ޙަމަލާތައް ފުޅާކޮށް އިތުރު ކުރާނެ ކަމުގައެވެ. އަދި ވަރުގަދަ ކުރާނެ ކަމުގައެވެ.

ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގައިވާ ރަށްތަކުގައި ވަނީ އިންޒާރުގެ ރަނގަބީލު ޖަހާފައެވެ. އަދި, ރޮކެޓް ޙަމަލާތައް ދިފާޢު ކުރެވޭތޯ ޔަހޫދީ ފައުޖުން މަސައްކަތް ކުރިއެވެ. މި ޙަމަލާތަކުގައި ބައެއް ސަރަޙައްދުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވީ ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ކަށަވަރު ވެފައެއް ނުވެއެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ރޯވި އަލިފާންގަނޑުތައް ނިއްވައިލަން އަލިފާން ނިއްވާ ޓީމުތަކުން ހަރަކާތްތެރިވާން ޖެހުނެވެ.

ޣައްޒާ ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޙިޒްބުاللهގެ ހަނގުރާމަވެރިންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ. މިއީ, 2006ވަނަ އަހަރު ދެ ފަރާތުގެ ދެމެދުގައި ކުރި ހަނގުރާމައިގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދަށް ވުރެ އިތުރު ޢަދަދެކެވެ.

އަދި, ޔަހޫދީ ފައުޖުގެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ ލުބްނާންގެ ޢާންމު ރައްޔިތުންގެ ޢަދަދު 80އަށް އަރައެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ 18 ސިފައިންނާއި ޢާންމުންގެ 10 މީހުން މަރައިލާފައެވެ.