ޣައްޒާ ޢުދުވާން ހުއްޓުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ސުލްޙައިގެ މަގުޗާޓު އިތުރަށް ފުރިހަމަ ކުރަން އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހުށަހަޅާފައިވާ ހުށަހެޅުންތައް ބަލައިނުގަންނަން އެމެރިކާއިން ބަހަނާ ދައްކަން ފަށައިފިއެވެ. 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބައިޑަން މަގުޗާޓެއް ހުށަހަޅުއްވާފައި ވަނީ މޭ 31ވަނަ ދުވަހުއެވެ.
މަގުޗާޓު އިތުރަށް ފުރިހަމަ ކުރުމުގެ މަޤުޞަދުގައި ޙަމާސުން ހުށަހަޅާފައި ވަނީ އެއްބަސްވުމަށް ދަތި ހުށަހެޅުންތަކެއް ކަމަށާއި, އެ ހުށަހެޅުންތަކާ އެކު ކުރިއަށް ދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ. ނަމަވެސް, ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށް މެދުނުކެނޑި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހު ބްލިންކަން ވިދާޅުވީ ބައިޑަންގެ މަގުޗާޓަށް ޙަމާސުން ދީފައިވާ ރައްދުގެ ސަބަބުން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމުގައެވެ.
މިމޭރުމުން ވިދާޅުވެ ބްލިންކަން ހައްދަވާފައިވާ އިތުރުފުޅުތަކުން ސާފުވީ, ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގެ ޒިންމާ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޙަމާސްގެ މުޖާހިދުންގެ ކޮނޑުގައި އަޅުވަން އެމެރިކާއިން ބޭނުންވާ މިންވަރު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
"ޙަމާސުން ވަނީ މަގުޗާޓަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފައި. އެ ހުށަހެޅުންތަކާ މެދު އަޅުގަނޑުމެން [އެމެރިކާއިން] މިޞްރާއި ޤަޠަރުގެ އިސްވެރިންނާ މަޝްވަރާ ކުރިން. [ޙަމާސްގެ] ބައެއް ހުށަހެޅުންތަކާ އެކު މަސައްކަތް ކުރެވިދާނެ. ނަމަވެސް, ބައެއް ހުށަހެޅުންތަކާ އެކު ކުރިއަކަށް ނުދެވޭނެ،" ބްލިންކަން ވިދާޅުވިއެވެ.
ނަމަވެސް, ޙަމާސުން ބުނީ, އެ ޖަމާޢަތުން ހުށަހަޅާފައި ވަނީ ބިނާކުރަނިވި ހުށަހެޅުންތަކެއް ކަމުގައެވެ. "އަޅުގަނޑުމެންގެ ހުށަހެޅުމުގައި އިސްކޮށްފައި ވާނީ ފަލަސްޠީނުގެ [މުސްލިމުންގެ] މަސްލަޙަތު. ޣައްޒާގައި ހިންގަމުންދާ [ލާއިންސާނީ] ޢުދުވާނަށް ނިމުމެއް ގެންނަން ޖެހޭ ކަން. އަދި, ޣައްޒާއަށް އަރައިގަނެފައިވާ [ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން] އެ ސަހަރުން ފައިބަން ޖެހޭނެ ކަން،" ޙަމާސުން ބުންޏެވެ.
ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އެ ސަހަރުން ފައިބާނެ ކަމުގައި މޭ 31ވަނަ ދުވަހު މަގުޗާޓު އިޢުލާނު ކުރައްވަމުން ބައިޑަން ވިދާޅުވެފައިވެއެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ހިންގުން ދާއިމީ އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ޔަހޫދީ ފައުޖުން ހުއްޓައިލާނެ ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މި ކަންކަމަށް ޔަހޫދީން އެއްބަސްވެފައިވާ ކަމުގައި ބައިޑަން ވިދާޅުވި ނަމަވެސް ޔަހޫދީން އެ ކަން ކަށަަވަރު ކޮށްދީފައެއް ނުވެއެވެ. އަދި, ބްލިންކަން ގެންދަވަނީ, ޢުދުވާންތައް ހުއްޓުވައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތްތަކަށް ޙަމާސުން ހުރަސް އަޅަމުންދާ ކަމަށް ދުނިޔެއަށް ދެއްކުމުގެ ގޮތުން އިތުރުފުޅު ހައްދަވަމުންނެވެ.
ބްލިންކަންގެ ބަހުގެ ޙަމަލާތަކަށް ރައްދު ދެއްވަމުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޠާހިރް އަލް-ނޫނޫ ވިދާޅުވީ, ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރަން ބްލިންކަން ފޫގަޅުއްވައިގެން ހުންނެވި ކަމުގައެވެ. އަދި, މިހާރު ވެސް ބްލިންކަން އިސް ކުރައްވަމުން ގެންދަވަނީ ޔަހޫދީ އިސްތިޢުމާރީ ސިފައިންގެ މަސްލަޙަތު ކަމުގައި އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރު ޒަޔަނިސްޓު އިސްރާއީލުގެ ޚާރިޖީ ވަޒީރުގެ މަޤާމު އޭނާ އަދާ ކުރައްވަމުން ގެންދަވާ މަންޒަރު ފެންނަމުންދާ ކަމުގައި ވެސް ނޫނޫ ވިދާޅުވިއެވެ.
"އޭނާގެ [ބްލިންކަންގެ] މެދުމިނުގެ ސިޔާސަތެއް ނެތް. އޭނާއަށް ހަމަހަމަކަމާ އެކު ކަންކަން ކުރާކަށް ނޭނގޭ. އޭނާ ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތުތަކެއް. ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން ކުރަމުންދާ މަސައްކަތަކަށް [ފަލަސްޠީނުގެ] މިނިވަންކަމަށް ޖިހާދު ކުރާ ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށް ދައްކަން އޭނާ އެ ދަނީ މަސައްކަތް ކުރަމުން،" ބްލިންކަނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ނޫނޫ ވިދާޅުވިއެވެ.
މީގެ އިތުރުން, މޭ 6ވަނަ ދުވަހު ހުށަހެޅި ސުލްޙައިގެ އެއްބަސްވުމަށް ޙަމާސުން ހުރަސް އަޅާފައިވާ ކަމަށް ބުނެ ވެސް ބްލިންކަން އިތުރުފުޅު ހައްދަވާފައިވެއެވެ. އޭނާ ވިދާޅުވީ, އެ އެއްބަސްވުމަށް އުނިއިތުރު ގެންނަން ހުށަހަޅާފައި ވަނީ ޙަމާސުން ކަމުގައެވެ. ނަމަވެސް, ޙަޤީޤަތަކީ މޭ 6ގައި އެކުލަވައިލި އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފައި ވަނީ ޔަހޫދީން ކަމުގައި ނޫނޫ ވިދާޅުވިއެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,202އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,932އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.