ޔޫކްރެއިންގެ ކްރީވީ ރީހްގައި ހުންނަ ޢިމާރާތަކަށް ރަޝިޔާއިން ދިން މިސައިލް ޙަމަލާތަކެއްގައި ޢާންމުންގެ ނުވަ މީހުން މަރުވެ, އިތުރު 29 މީހުން ޒަޚަމުވެއްޖެއެވެ. ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކްރީވީ ރީހްގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓްތަކެއް ހުންނަ ޢިމާރާތަކަށް ކަމުގައި ޔޫކްރެއިންގެ ދާޚީލީ ވަޒީރު އީހޯރް ކްލިމަންކޯ ވިދާޅުވިއެވެ. މި ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށާއި, ސުންނާފަތިވެފައިވާ ޢިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދައި ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ މި ޙަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ, ހުޅަނގުގެ ވާގިވެރިންނާ ގުޅިގެން ޔޫކްރެއިންގެ ވައިގެ ދިފާޢީ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަން މި ފަދަ ޙަމަލާތަކުން ހާމަވާ ކަމުގައެވެ. ޔޫކްރެއިންގެ ދެކުނުގައި އޮންނަ ކްރީވީ ރީހަކީ ޒެލެންސްކީގެ އުފަން ރަށެވެ.
ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް ބޭނުންވާ އިތުރު ހަތިޔާރު ފޯރުކޮށްދިނުން އަވަސް ކުރުމަށް ވެެސް ޒެލެންސްކީ ވަނީ އެމެރިކާއާއި ނޭޓޯގެ ވާގިވެރިންނަށް ގޮވައިލައްވާފައެވެ. އެމެރިކާއިން ދާދި ފަހުން ވަނީ, ޕެޓްރިއަޓް މަރުކާގެ މިސައިލް ނިޒާމެއް ޔޫކްރެއިނަށް ފޮނުވަން ނިންމާފައެވެ.
"އަޅުގަނޑުމެންގެ ރައްޔިތުން ރައްކާތެރި ކުރުމަށް ޒަމާނީ ވައިގެ ދިފާޢީ ނިޒާމެއް ބޭނުންވޭ. އޭގެ ބޭނުންތެރި ކަން ވަރަށް ބޮޑު،" ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ކްރީވީ ރީހްގެ އާބާދީ 635,000އަށް އަރައެވެ. މިއީ, އެ ރަށަށް އަމާޒުކޮށް ރަޝިޔާއިން ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.
ކްރީވީ ރީހްގެ އިތުރުން ޔޫކްރެއިންގެ ދެކުނުގައި އޮންނަ ސިނާޢީ ސަރަޙައްދު, ދްނިޕްރޮޕެތްރޮވްސްކަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެ ޙަމަލާތަކުގައި ތިން މީހުން މަރުވެފައިވާއިރު, އޭގެ ތެރޭގައި ވެސް 13 އަހަރުގެ ކުއްޖަކު ހިމެނޭ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ރަޝިޔާއިން އެ ރަށަށް ޙަމަލާ ދީފައި ވަނީ އަސްކަރީ ޑްރޯންތަކެއް ބޭނުން ކޮށްގެންނެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ރަޝިޔާއިން ފެށި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީގައި އޮންނަ ދޮންބާސް ސަރަޙައްދުގެ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.