ކުވެޔިތުގެ ދެކުުނުގައި އޮންނަ އަލް-މަންޤަފްގައި ހުންނަ ޢިމާރާތެއްގައި އަލިފާން ރޯވެ 49 މީހުން މަރުވެއްޖެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ޢިމާރާތެއްގައެވެ. ކުވެޔިތުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ދުމުގެ އަސަރު ކޮށްގެން ގިނަ ޢަދަދެއްގެ ބަޔަކަށް ޞިއްޙީ މައްސަލަތައް ކުރިމަތިވި ކަމުގައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވާ އަލް-މަންޤަފަކީ އެ ޤައުމުގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅޭ ގިނަ ޢަދަދެއްގެ ޢިމާރާތްތައް ހުންނަ ސަރަޙައްދެކެވެ. މި ހާދިސާގައި މަރުވެފައި ވަނީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ ބަޔެއް ކަން އަދި ސާފެއް ނޫނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުވެޔިތުގެ ބޮޑުވަޒީރުގެ ނައިބު ޝައިޚް ފަހްދު އަލް-ޔޫސުފް އަލް-ޞައްބާޙް ވަނީ އެ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި, ގެއްލުން ލިބުނު މީހުންނާއި, އަނިޔާވި މީހުންގެ ހާލު ބައްލަވައިލައްވާފައެވެ. އަދި, އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތުގެ ވެރި ފަރާތް ހައްޔަރުކޮށް, އެ ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އޭނާ ވަނީ އަމުރު ކުރައްވާފައެވެ.
"މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގަނީ ޢިމާރާތްތަކުގެ ވެރި ފަރާތްތަކުގެ ދަހިވެތިކަމާ ގުޅިގެން،" ޝައިޚް ފަޙްދު ވިދާޅުވިއެވެ. ކުވެޔިތުގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ, އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙުޤީޤު ކުރަން ފަށާފައިވާ ކަމުގައެވެ.
"އަލިފާނުގެ ހާދިސާ ހިނގާފައިވާ ޢިމާރާތަކީ ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް. އެ ތަނުގައި އަލިފާން ރޯވުމާ އެކު އަޅުގަނޑުމެންގެ މަސައްކަތުުން ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު. ނަމަވެސް, ނޭވާލާ ނިޒާމަށް ދުމުގެ އަސަރު ކޮށްގެން ގިނަ ޢަދަދެއްގެ ބިދޭސީންގެ ފުރާނަ ގެއްލުނު،" ކުވެޔިތުގެ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބަޔަކު އެއް ޢިމާރާތެއްގެ ތެރޭގައި ގެންގުޅުމާ މެދު ކުވެޔިތުގެ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި, އެ ގޮތަށް އަމަލު ކުރާ ކުންފުނިތަކާއި, ޢިމާރާތްތަކުގެ ވެރިފަރާތްތައް ހޯދައި, ފިޔަވަޅު އަޅާނެ ކަމުގައި އިންޒާރު ވެސް ކުވެޔިތުގެ އިދާރާތަކުން ވަނީ ދީފައެވެ.