ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީގެ ތެރެއިން ފަސް އަހަރުން ދަށުގެ 8,000އަށްވުރެ ގިނަ ކުޑަކުދިންނަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަން ފަަދި ޞިއްޙީ މައްސަލަތައް ކުރިމަތިވެ, ފުރާނައަށް ނުރައްކާވެފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ހާމަ ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ ކުދިންގެ ހާލަތު ދަށްވެ, އަނަރޫފަވެފައިވާ ކަމުގައެވެ.
ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމުން ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި ސާފު ބޯފެނާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އަޅާފައެވެ. މި ކަމާ ގުޅިގެން ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ މައްޗަށް އުފުލިފައިވާ ކަމުގައި އދއިން ބުނެއެވެ.
ޓެޑްރޯސް ވިދާޅުވީ, ޣައްޒާއަށް ކާބޯތަކެއްޗާއި ބޯފެނާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރުން ހުއްޓުވާފައި އޮތުމުގެ ސަބަބުން އެ ސަހަރުގައި ދިރިއުޅޭ ކުޑަކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. އަދި, ހައިހޫނުގައި ޖެހިފައިވާ ކުޑަކުދިންގެ ޢަދަދު އެތަކެއް ހާހަކަށް އުފުލިފައިވާ ކަމުގައެވެ. ހައިހޫނުގައި ޖެހި މެލްނިއުޓްރިޝަން ފަދަ ޞިއްޙީ މައްސަލަތަކާ ގުޅިގެން ޣައްޒާއިން 32 ކުޑަކުދިން ޝަހީދުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް ވަނީ ހައިހޫނުކަމާ ކުރިމަތިވެފައި. އެ ސަހަރަށް ކާބޯތަކެތި ވައްދަން ފުރުޞަތު ދެމުންދާ ކަމަށް [ޔަހޫދީންނާ ހަވާލާދީ] ރިޕޯޓުތައް ބުނި ނަމަވެސް އެ ކަން އެ ގޮތަށް ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް. އެންމެ ނިކަމެތި ހާލުގައި, އަދި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް،" ޓެޑްރޯސް ވިދާޅުވިއެވެ.
މީގެ އިތުރުން, ހައިހޫނުގައި ޖެހި, އަނަރޫފަވަމުންދާ ކުދިންގެ ހާލަތު ބަލައި, އެ ކުދިންނަށް ފަރުވާ ދިނުމަށް ޑަބްލިޔުއެޗްއޯއިން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ވަގުތު ޣައްޒާގައި އެ ފަދަ ކުދިންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެމުން ދަނީ އެންމެ ދެ މަރުކަޒުގައި ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.
ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ ސަހަރުގެ އާބާދީގެ ބޮޑު ބަޔެއް ހައިހޫނުގައި ޖެހިފައިވާ ކަމުގައި އދއިން ބުނި ނަމަވެސް, ޢުދުވާންތައް ހުއްޓައިލުމުގެ އެއްވެސް ވިސްނުމެއް ޔަހޫދީންގެ ނެތެވެ. ޖަނަވަރީ މަހު އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރު ކުރުމަށް ހުރަސް އެޅުން ހުއްޓައިލުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ. ނަމަވެސް, ޔަހޫދީން ވަނީ އެ ގޮވައިލުން ބޮލާލައިޖަހާފައެވެ.
މާރިޗު މަހު ވެސް އައިސީޖޭން ވަނީ އެ ގޮވައިލުން ތަކުރާރު ކޮށްފައެވެ. ނަމަވެސް, މޭ މަހުގެ ތެރޭގައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައި, އެ ރަށުގެ ސަރަޙައްދީ ހުރަސް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި, ޣައްޒާއަށް ކާބޯތަކެތި ވެއްދެން އޮތް ހަމައެކަނި ދޮރު ބަންދުކޮށް, ތަޅު އަޅުވާފައެވެ.
މިއީ, ގަސްދުގައި ޣައްޒާގެ މުސްލިމުން ހައިހޫނުގައި ޖައްސައި ޝަހީދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ހަނގުރާމައިގެ ކުށެއް ކަމުގައި އދގެ މިނިވަން ކޮމިޝަނަކުން ވަނީ ހާމަކޮށްފައެވެ. އަދި, ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ވަނީ, ޣައްޒާގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ މައްސަލައިގައި ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތް ފަށާފައެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,202އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,932އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.