ޚަބަރު

ޣައްޒާގައި ހަރަކާތްތެރިވާ އދގެ އިދާރާތަކަށް ހުރަސްއެޅުން ހުއްޓައިލަން ޖީ7ން ގޮވައިލައިފި


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ)ގެ މުވައްޒަފުންނަށް ހުރަސް އެޅުން ހުއްޓައިލުމަށް ދުނިޔޭގެ އެންމެ މުއްސަނދި ހަތް ޤައުމުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ން ޔަހޫދީންނަށް ގޮވައިލައިފިއެވެ. ޖީ7ގެ މެންބަރުން މި ކަމަށް ގޮވައިލާފައި ވަނީ އިޓަލީވިލާތުގައި ބޭއްވި އެ އިއްތިހާދުގެ އަހަރީ ބައްދަލުވުމުގައެވެ.

ޖީ7ގެ މެންބަރު ޤައުމުތަކުން ބުނީ, ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވާ ޔޫއެންއާރްޑަބްލިޔުއޭގެ އިތުރުން އދގެ އެހެން އިދާރާތަކާއި މުވައްޒަފުންނަށް އެއްވެސް ހުރަހަކާ ނުލައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމުގައެވެ. ވަކިން ޚާއްޞަ ގޮތެއްގައި, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިދާރާތަކަށް ހުރަސް އެޅުން ހުއްޓައިލުމަށް ވެސް ޖީ7ގެ މެންބަރު ޤައުމުތަކުން ވަނީ ޔަހޫދީ ފައުޖަށް ގޮވައިލާފައެވެ.

"އެންމެ މުހިންމު ކަމަކީ ވީ އެންމެ އަވަހަކަށް, ރައްކާތެރިކަމާއި އެއްވެސް ހުރަހަކާ ނުލައި, އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން, ޣައްޒާގެ ހުރިހާ އެއްގަމު ސަރަޙައްދީ ހުރަހެއްގެ އިތުރުން, ރަފަޙް ހުރަސް ހުމެނޭ ގޮތުގައި, އަދި, [އިސްރާއީލުގެ] އަޝްދޯދް ބަނދަރު މެދުވެރިކޮށް, ޣައްޒާގެ ހުރިހާ ހިސާބަތަކަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުން،" ޖީ7ގެ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި އެ އިއްތިހާދުގެ މެންބަރު ޤައުމުތަކުން ބުންޏެވެ.

ޖީ7 އެކުލެވިގެން ވަނީ އެމެރިކާއާއި, އިނގިރޭސިވިލާތާއި, ކެނެޑާއާއި, ފަރަންސޭސިވިލާތާއި, ޖަރުމަނުވިލާތާއި, އިޓަލީވިލާތުގެ އިތުރުން ޖަޕާނުގެ މައްޗަށެވެ. އޭގެ ތެރޭގައި ގިނައީ ޔަހޫދީންނަށް ވާގިވެރިވާ އެ މީހުންގެ މަދަދުވެރިން ކަން ފާހަގަ ކުރަން ޖެހެއެވެ. 2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ކޮށްދިނުމުގެ ކަންކަން ވިލަރެސް ކުރަނީ ޔޫއެންއާރްޑަބްލިޔުއޭންނެވެ. ނަމަވެސް, ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ދަނީ އެ އިދާރާގެ މުވައްޒަފުންނަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ އިދާރާގެ އޮފީސްތަކާއި ކާބޯތަކެތި ރައްކާ ކޮށްފައިވާ ގުދަންތަކަށް ޔަހޫދީ ފައުޖުން ދަނީ ބޮން އަޅަމުންނެވެ.

ޔަހޫދީންގެ ޢުދުވާނުގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ތެރެއިން އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާތީ ވެސް ޖީ7ގެ މެންބަރު ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ އިއްތިހާދުން ބުނީ, ޙަމާސްގެ މުޖާހިދުން ނައްތައިލުމުގެ ނަމުގައި ޣައްޒާގެ ޢާންމުން ޝަހީދު ކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައެވެ. އެ ޤައުމުތަކުން މިހެން ބުނި ނަމަވެސް, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހުއްޓުވަން އެއްވެސް ހަރުދަނާ ފިޔަވަޅެއް އެ ޤައުމުތަކުން މިހާތަނަށް އަޅާފައެއް ނުވެއެވެ.

އިންސާނިއްޔަތަކަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ, އޮކްސްފޭމުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ޖަމުޢިއްޔާއިން ބުނީ, ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ހުސް ވާހަކަ ދެއްކުން ހުއްޓައިލައި, ޔަހޫދީންނާއި ޖީ7ގެ މެންބަރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ވަގުތު ޖެހިފައިވާ ކަމުގައެވެ. އަދި, ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލަން ފަށަން ޖެހިފައިވާ ކަމުގައެވެ. "[ފަލަސްޠީނުގެ މުސްލިމުންގެ] އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭން ޖެހޭ, [ބޭކާރު ހުސް] ވާހަކަ ދެއްކުމުގެ ވަގުތު ފާއިތުވެއްޖެ،" އޮކްސްފޭމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,266އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,102އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.