ޣައްޒާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ލާއިންސާނީ ޢުދުވާންތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައިވާ ކަން ޔަހޫދީ ފައުޖުން ހާމަކޮށްފިއެވެ. މިއީ, ޣައްޒާގައި ބިކަކޮށް ނިކަމެތި ކޮށްފައިވާ 2.3 މިލިޔަން މުސްލިމުންނަށް ބޭނުންވާ އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް ވެއްދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅެއް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
މިއީ, ޔަހޫދީ ފައުޖުން ނިންމާފައިވާ ނިންމުމަކަށް ވާއިރު, އިސްރާއީލުގެ ސަރުކާރުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި, ޔަހޫދީ ފައުޖުގެ މި ނިންމުމުގެ މަޢުލޫމާތު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ޖައްބާރު ދިފާޢީ ވަޒީރު ޔޮއަވް ގަލާންޓަށް ނޭނގޭ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ޢުދުވާނާ ގުޅިގެން އެ ސަހަރުގެ މިލިޔަނަކަށް ވުރެ ގިނަ ރައްޔިތުން ވަނީ ހައިހޫނުގައި ޖެހިފައެވެ. އެ މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދޭން ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާގެ ހުރިހާ ސަރަޙައްދީ ހުރަހެއް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން, އެ ސަހަރުގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ޢުދުވާން ހިންގުން ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި މެދުކަނޑައިލާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޣައްޒާގެ އެންމެ ދެކުނުގައި, މިލިޔަނެއްހާ ރެފިއުޖީން ތިބި ރަފަޙުގައި ޢުދުވާން ހިންގުން މެދުކަނޑައިލަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ. ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމާފައި ވަނީ ކާރިމް އަަބޫ ސާލިމް ހުރަހާއި ޞަލާޙިއްދީން މަގުގެ އުތުރުން އޮތް ސަރަހައްދުތަކުގައެވެ.
ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭން ޔަހޫދީން ނިންމާފައި މި ވަނީ, މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢުން އެ ކަމަށް އެދި ގޮވައިލަމުންދާތާ އެތަކެއް މަހެއް ފާއިތުވި ފަހުންނެވެ. އދއިން ވެސް ވަނީ, ޣައްޒާގެ އާބާދީގައި ހިމެނޭ މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރުކޮށް, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ހުރަސް އެޅުން ހުއްޓައިލަން ޔަހޫދީންނަށް އެތަކެއް ފަހަރެއްގެ މަތިން ގޮވައިލާފައެވެ. އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ވެސް ވަނީ މި ކަމަށް ގޮވައިލާފައެވެ.
ޣައްޒާގެ ދެކުނުގައިވާ ބައެއް ސަރަޙައްދުތަކުގައި ވަކި ވަގުތުތަކެއްގައި ޢުދުވާން ހިންގުން މެދުކަނޑައިލަން ނިންމުމުން އދއިން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަދި, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ހުރަސް އެޅުން ހުއްޓައިލައި, މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް އދއިން ގޮވައިލިއެވެ.
ޔަހޫދީންގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އދގެ އެހީދޭ އިދާރާގެ ތަރުޖަމާނު ޔެންސް ލަޔާރކް ވިދާޅުވީ: "[އިސްރާއީލުން] އެ ގޮތަށް ނިންމި ނަމަވެސް, ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެމުންދާ މަންޒަރު ފެންނަން ޖެހޭނެ. އުންމީދަކީ, މި ނިންމުމާ އެކު, [ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް] އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދާ މަންޒަރު ފެނުން،" ލަޔާރކް ވިދާޅުވިއެވެ.
މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,296އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,197އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.