ޚަބަރު

ޙަމާސުން ވަރުގަދަ ޙަމަލާތަކެއްދީ ޔަހޫދީ ފައުޖުގެ އަށް ސިފައިން މަރައިލައިފި


ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އަރައި ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމު ހިންގަމުން ދިޔަ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ބައިގަނޑަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއްދީ, އޭގެ ތެރެއިން އަށް ސިފައިން މަރައިލައިފިއެވެ. ޣައްޒާގެ އެކި ސަރަޙައްދުތަކަށް އަރާފައިވާ ޔަހުދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް, އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ދަނީ ވަރުގަދަ ޖިހާދެއް ކުރަމުންނެވެ.

ރަފަޙުގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ސިފައިން ދަނީ ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންނެވެ. މި ޢުދުވާނުގައި ޔަހޫދީ ފައުޖުން ދަނީ އަސްކަރީ މަތިންދާބޯޓުތަކާއި ޓޭންކުފަހަރުގެ އިތުރުން ބަރުހަތިޔާރު ބޭނުން ކުރަމުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ރެފިއުޖީން ދިރިއުޅޭ ފޭލިގެ ކޭމްޕުތަކާއި, ވަގުތީ ހިޔާތަކާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށެވެ. އަދި, އދގެ އޮފީސްތަކަށެވެ. ޣައްޒާގެ އެކި ކަންކޮޅުތަކަށް އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 19އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.

މި ޢުދުވާނުގައި ރަފަޙަށް ޙަމަލާތައް އަމާޒު ކުރަމުން ދިޔަ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ބައިގަނޑަކަށް ޙަމަލާދީ, އޭގެ ތެރެއިން އަށް މީހުން މަރައިލާފައި ވަނީ ތަލް އަލް-ސުލްޠާންގައި ޙަމާސުން ހިންގި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގައެވެ. އެއީ, ޙަމާސްގެ ހަތިޔާރު އެޅި ގޮފި, ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސުން ދީފައިވާ ޙަމަލާތަކެކެވެ. ޙަމާސްގެ ވަރުގަދަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީ ސިފައިން ދަތުރު ކުރަމުން ދިޔަ އަސްކަރީ އުޅަނދަކަށެވެ.

ތަލް އަލް-ސުލްޠާންގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިންގެ ބައިގަނޑެއް މަރައިލުމާ ގުޅިގެން, ޔަހޫދީ ފައުޖުން ވަނީ އެ ސަރަހައްދަށް އަމާޒު ކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ގިނަ ޢަދަދެއްގެ ރެފިއުޖީން ދިރިއުޅެމުންދާ އެ ސަރަޙައްދަށް ޔަހޫދީ ފައުޖުން މިހާރު ދަނީ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ފޮނުވަމުންނެވެ.

މި ޢުދުވާނުގެ ދަށުން ޣައްޒާ ސިޓީއަށް ޔަހޫދީ ފައުޖުން އަމާޒު ކޮށްފައިވާ ޙަމަލާތަކުގައި 15 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އެ ޙަމަލާ އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެއަކަށެވެ. ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ދިން އެހެން ޙަމަލާތަކުގައި ވެސް ޔަހޫދީ ފައުޖުން ވަނީ އިތުރު ހަތަރު މީހުން ޝަހީދު ކޮށްލާފައެވެ.

މީގެ އިތުރުން, ލުބްނާންގެ ދެކުނުގައިވާ ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ޙަމަލާތައް އަމާޒު ކޮށްފައެވެ. 2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުުޖުން ފެށި ލާއިންސާނީ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ވަނީ އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. ޔަހޫދީންނާއި ޙިޒްބުاللهގެ ހަނގުރާމަވެރިންނާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ގޮވައިލާ އިސްރާއީލުގެ ރަށްތަކުގައި ކުރަމުންދާ މުޒާހަރާތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ބައިވެރިންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. މި ގޮތުން, ތެލް އަވީވްގައި ޖޫން 15ވަނަ ދުވަހު ބޭއްވި މުޒާހަރާތަކުގައި ވެސް އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ. އެ މީހުން ގޮވައިލަމުން ދަނީ, ޢުދުވާންތައް ހުއްޓައިލައި, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,296އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,197އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.